top of page
Featured Posts

ދަހިވެތިކަމުގެ ފަރުވާ ބަޔާންކުރުން:

  • --
  • Jan 6
  • 2 min read

💥 އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ:


”ދަހިވެތިކަމުގެ ފަރުވާ ބަޔާންކުރުން:


ދަންނާށެވެ!

ދަހިވެތިކަމުގެ ސަބަބަކީ މުދަލާއި ފައިސާއަށް އޮންނަ ލޯތްބެވެ. ފައިސާދެކެ ލޯބިވުމަށް ދެ ސަބަބެއްވެއެވެ:


ފުރަތަމައީ: ފައިސާއިން ލާފައި މެނުވީ އެއަށް ވާޞިލު ނުވެވޭނެ ޝަހުވަތްތަކަށް އޮންނަ ލޯތްބެވެ.

އަދި އެއާއެކު (ދުނިޔޭގައި ގިނަ ދުވަހު ހުރުމަށް އޮންނަ) އުއްމީދުތަކާއި ހުވަފެންތައް ދިގުލުމެވެ.


އެހެނީ އިންސާނާ މާދަމާ މަރުވާނޭކަން އެނގިއްޖެނަމަ އެހިނދުން އޭނާގެ މުދަލާއި ފައިސާގައި ދަހިވެތިނުވާނެއެވެ. އެހެނީ އޭނާއަށް އެންމެ ދުވަހަކަށް ބޭނުންވާނޭ މިންވަރަކީ ކުޑަ އެއްޗެކެވެ.


އޭނާ ދުނިޔޭގައި ހުރުމަށް އޮންނަ އުއްމީދު ދިގު ނުކޮށް އެކަމަކު އޭނާއަށް ދަރިންތަކެއް ވާނަމަ ފަހެ ދަރިންނަކީ ހަމަ ދުނިޔޭގައި ގިނަދުވަހު ދިރިހުރުމަށް އުއްމީދުކުރުމުގެ މަޤާމަށް އަންނަ ބައެކެވެ.


އެހެނީ އޭނާގެ އަމިއްލަ ނަފްސު ދެމިހުރުމަށް ރާވާގޮތަށް އެކުދިންނާމެދުވެސް ރާވާ ވިސްނައެވެ. ދެން އެކުދިންނަށްޓަކައި މުދަލާއި ފައިސާ ހިފަހައްޓައެވެ.


އެހެންވެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:

"ދަރިންނަކީ ދަހިވެތިކުރުވާ، ފިނޑިކުރުވާ، ޖާހިލުކަން ގެނުވާ ބައެކެވެ."


ދެން އެއާއެކު ފަޤީރުވެދާނޭކަމަށް ބިރުގަތުމާއި، ރިޒްޤު އަންނާނޭކަމަށް އޮންނަ އިތުބާރުކުޑަވުން އެއްވެއްޖެނަމަ، ޝައްކެއްނެތި ދަހިވެތިކަން ގަދަވެގެންދެއެވެ.


ދެވަނަ ސަބަބަކީ: ސީދާ ފައިސާގެ ޒާތަށްޓަކައި ލޯބިވުމެވެ.


އެގޮތުން މީސްތަކުންގެ ތެރޭގައި އެމީހަކުގެ ޢުމުރުގެ ބާކީއޮތްތަނަށް އެއްކޮށް ފުދޭވަރަށް މުދަލާއި ފައިސާ ލިބިފައިވާ މީހުންވެއެވެ.

ޢާދަކޮށް އެމީހަކުގެ ޚަރަދުބަރަދު ހިނގާވަރަށް ހަނިކޮށްގެން ހުރެއްޖެނަމަ ފުދޭވަރުވެ، އަދި އެތައްހާސް އިތުރަށްވެސްވާ މީހެކެވެ. އެއާއެކު އޭނާއީ އެއްވެސް ދަރިޔަކު ނެތް މުސްކުޅިއެކެވެ.

ދެންވެސް އޭނާގެ މުދަލުން ޒަކާތް ނެރުމަށް އޭނާގެ ނަފްސު ތަންނުދެއެވެ. އަދި ބަލިވީމަ ފަރުވާކުރަންވެސް ނަފްސު ތަންނުދެއެވެ.


ކިއެއްތަ، އޭނާއީ ސީދާ ފައިސާގެ ޒާތަށް ލޯބިކުރާ މީހެކެވެ. އޭނާގެ އަތުގައި އަދި އޭނާގެ ބާރުގެދަށުގައި ފައިސާއާއި ލާރި ހުރީމާ އެކަމުން ލައްޒަތު ލިބޭ މީހެކެވެ. ދެން އެތަކެތި ބިމު އަޑިއަށްލާ ވަޅުވެސްލަނީއެވެ.


އެއީ އޭނާ މަރުވީމާ އެތަކެތި ގެއްލިގެންދާނީކަން، ނުވަތަ އޭނާގެ ޢަދުއްވުން އެމުދާތައް ނަގާނީކަން އެނގިހުރެމެއެވެ.

މިއާއެކުވެސް އެއިން އެއްޗެއް ކާކަށް ނުވަތަ ޞަދަޤާތެއްދޭންވެސް އޭނާގެ ނަފްސު ތަންނުދެއެވެ.


މިއީ ފަރުވާކުރެވޭނެކަމުގެ އުއްމީދެއް ނުވާ އުނދަގޫ، ބޮޑުވެގެންވާ ބައްޔެކެވެ.

އޭނާގެ މިސާލަކީ ވަކި ޝަޚްޞެއްދެކެ ލޯބިވެ، ދެން އެޝަޚްޞުގެ ފަރާތުން ސަފީރަކު އައީމާ އެސަފީރުދެކެ ލޯބިވެ ދެން ލޯބިވި ޝަޚްޞު މަތިން ހަނދާންނައްތާލާފައި، ސަފީރުއާމެދު މަޝްޣޫލުވި މީހެއްގެ މިސާލެވެ.


އެހެނީ ދީނާރު ފައިސާއަކީ ޙާޖަތްތަކަށް ފޯރުކޮށްދޭ ސަފީރެކެވެ. ފައިސާދެކެ ލޯބިވެވުނީވެސް އެކަމަށްޓަކައިއެވެ. އެހެނީ ލައްޒަތު ހުރި ކަމަކަށް ވާޞިލުކޮށްދޭ ކަމަކީވެސް ލައްޒަތެކެވެ.


ދެން އެއަށްފަހު އޭނާ ޙާޖަތްތަކުގެ މަތިން ހަނދާންނެތި، ސީދާ ދީނާރުގެ ޒާތުދެކެ ލޯބިވާންފެށީއެވެ.

މިއީ މަގުފުރެދުމުގެ އިންތިހާއެވެ.


ދަންނަންވީކަމަކީ ކޮންމެ ބައްޔެއްގެ ފަރުވާއަކީ އެބައްޔެއް ޖެހޭ ސަބަބާ އިދިކޮޅުވާ އެއްޗެއްކަމެވެ. އެގޮތުން ޝަހުވަތްތަކަށް އޮންނަ ލޯތްބަށް ފަރުވާކުރާނީ މަދުމިންވަރަށް ރުހުމާއި ކެތްތެރިކަމުންނެވެ.

އަދި އުއްމީދުތަކާއި ފޮނި ހުވަފެންތައް ގިނަވުމުގެ ބައްޔަށް ފަރުވާކުރާނީ މަރު ހަނދާންކުރުމާއި، އެކުވެރިން މަރުވެ ނެތިދާގޮތާމެދު، އަދި މުދާތައް އެއްކޮށް ޖަމަޢަކުރި މީހާއަށް ފަހު އެ ނެތިގެން ބީވެގެންދާގޮތާމެދު ވިސްނާ ފިކުރުކޮށްގެންނެވެ.


އަދި ހިތް ދަރިންނަށް އެނބުރި އެކުދިންނާމެދު ވިސްނުމުގެ ބައްޔަށް ފަރުވާކުރާނީ: އެދަރިފުޅު އުފެއްދެވި ފަރާތް އެދަރިފުޅުގެ ރިޒްޤުވެސް އެއާއެކު އުފެއްދެވިކަން ދަނެގެންނެވެ.


ފަހެ އެދަރިފުޅުގެ ބައްޕަގެ ކިބައިން ތަރިކަމުދާ ލިބިފައިވާ ދަރިންނަށްވުރެ، އެއްޗެއް ނުލިބޭ ކިތައްކިތައް ދަރިން މާ ޙާލަތު ރަނގަޅުކޮށްވޭހެއްޔެވެ؟

އެހެންކަމުން އޭނާގެ ދަރިފުޅަށް ހެވެއް ދޫކޮށްފައި، އޭނާ ﷲ ގެ ޙަޟްރަތަށް ނުބަޔަކާއެކު ބައްދަލުކުރަން ދިޔުމާމެދު ނަމަނަމަ ޚަބަރުދާރުވާށެވެ!


އޭނާގެ ދަރިފުޅަކީ ޞާލިޙު ދަރިއެއްނަމަ ﷲ ތަޢާލާ އެކުއްޖާއާ ހަވާލުވެވޮޑިގަންނަވާނެއެވެ.

އެކުއްޖާއަކީ ފާސިޤެއްކަމުގައިވާނަމަ ދެން އެމުދަލާއި ފައިސާއިން އުރެދުންތަކާއި ފާފަތަކަށް އެކުއްޖާ އެހީހޯދައެވެ.


އަދި ދަހިވެތިކަމުގެ ނުބައިކަމާއި، ދީލަތިކަމުގެ ހެޔޮކަމުގައި އަހަރުމެން ބަޔާންކުރި ކަންތަކާމެދު ވިސްނާ ފިކުރުކޮށް، އަދި ދަހި ބަޚީލުންގެ ޙާލަތާމެދު ފިކުރުކޮށް، ޠަބީޢަތް އެމީހުންދެކެ ނަފުރަތުކުރާ ގޮތާ، އެމީހުންގެ ޙާލަތު ހުތުރުކުރާ ގޮތާމެދު ވިސްނާހުށިކަމެވެ.


އެހެންގޮސް ޚުދު ދަހިވެތިމީހާވެސް އެހެން މީހަކު ދަހިވެތިވާތީ އެކަން ނުބައިކޮށް ހުތުރުކަމެއްގެ ގޮތުގައި ދެކެއެވެ.

އަދި މުދަލާއި ފައިސާގެ މަޤްޞަދުތަކާމެދު އޭނާ ވިސްނާ ފިކުރުކޮށް، އެފައިސާ އުފެއްދެވުނީ ކޮންކަމަކަށްތޯ ބަލާހުށިކަމެވެ.


އަދި ގަދަކަމުން ދީލަތިވެ ހޭދަކޮށްގެން މެނުވީ ދަހިވެތިކަމުގެ ޞިފަ ފިލައިނުދާނެއެވެ. އެއީ ޢިޝްޤުގައި ޖެހިގެންވާ މީހަކު، ޢިޝްޤުވެވޭ މީހާއާ ވަކިވެގެންމެނުވީ ކެނޑިގެންނުދާ ގޮތަށެވެ. ދެން އޭނާ ކެތްތެރިވެއްޖެނަމަ ތަސައްލީ ލިބެއެވެ...


އަދި ދަންނާށެވެ!

ދުނިޔޭގައި އެމީހަކު ލޯބިކުރާ ތަކެތި ގިނަވެއްޖެ މީހާ, އެތަކެތި ގެއްލި ބީވެގެންދިޔުމުން ޖެހޭ މުޞީބާތްތައްވެސް ގިނަވެގެންދެއެވެ!


ފަހެ މުދަލުގެ އާފަތް ދެނެގަނެފިމީހާ, އެމުދަލާއި ފައިސާއާމެދު ހިތްހަމަޖެހުމެއް ނުލިބެއެވެ.

އަދި އޭނާގެ ޙާޖަތް ފުދޭ މިންވަރަށް މެނުވީ އެފައިސާއިން ނުވެސް ނަގާނެއެވެ.

އެމީހެއްގެ ޙާޖަތެއް ފުއްދުމަށްޓަކައި ފައިސާއެއް ހިފަހައްޓައިފި މީހާ ދަހިވެތި މީހެއްކަމުގައި ނުވެއެވެ..“


📖 މިންހާޖުލް ޤާޞިދީން 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page