top of page
Featured Posts

”ނަފްސު އަވަސްއަރުވާލުމުގެ ސަބަބުން ބުއްދީގެ އިޚްތިޔާރަށް ކުރާ އަސަރު.

  • --
  • Jul 1
  • 2 min read

ބައެއް ނަފްސުތަކުގެ ޠަބީޢަތުގައި އަވަސްއަރުވާލުންވެއެވެ.


ދެން ކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި ބުއްދި ލައްވާ ނުރައްކާތެރި ޤަރާރުތައް ނިންމާ، އިޚްތިޔާރުކުރަން އެނަފްސު ބޭނުންވެއެވެ.


ދެން ނަފްސަށް އޭގެ އަވަސްއަރުވާލުމާއި، އަނެއްކޮޅުން ބުއްދި މަޝްޣޫލުކޮށްލާފަދަ އެހެރަ އިޙްސާސްތަކާއި ޝުޢޫރުތައް ޖަމަޢަވެއްޖެނަމަ, އެހިނދުން ނުބައި ރައުޔު، އަދި ފަހުން ހިތާމަކުރާނޭ ކަންކަން ބުއްދިން އިޚްތިޔާރުކުރެއެވެ.


އަދި ފަހަރެއްގައި އެފަދަ ބުއްދިއެއް ބަލިކަށިވެ ގަމާރުވެ ކޮސްވެގެންވާ ކަމަށް ތުހުމަތުވެސް ކުރެވިދާނެއެވެ. އެއީ އެކަމަކު އެހެން ނުވާ ޙާލުގައިއެވެ.


އެކަން އެހެންވީ ޠަބީޢަތްތަކާއި، އެއާއެކު ޖަމަޢަވެގެން އައި ހުށަހެޅޭ ޞިފަތަކާއި އިޙްސާސްތަކުން އަސަރުކޮށްފައިވާ ނަފްސުގެ ސަބަބުންނެވެ. ދެން އެނަފްސު ބުއްދީގެ މައްޗަށް ގަދަވީއެވެ.


ނަފްސުގެ ކަންކަން ރާވާ ހަމަޖެއްސުމުގައި ބުއްދި ފަރުވާކުޑަކޮށް، އަދި އެ އިޙްސާސްތަކާއި ޠަބީޢަތްތައް ޖަމަޢަވުމަށް އެނަފްސު ދޫކޮށްލާފައި ބަހައްޓާފައި، ދެން އަވަހަށް އިޚްތިޔާރުކުރަން ޖެހޭ ކަމެއް އަންނަހިނދު, އެނަފްސު ބުއްދީގެ މައްޗަށް އަންނާނީ ފައިބައިގެން އަންނަ ސައިލު ފެންގަނޑެއްފަދައިންނެވެ.


ދެން އެނަފްސުން ސަލާމަތްވުމަށް ބުއްދި އަވަސް އަރުވާލާފައި ކަމެއް އިޚްތިޔާރުކުރެއެވެ.


މިހެންވެ އަމިއްލައަށް އެގޮތް ޤަބޫލު ނުކުރެވުނަސް އަވަސްއަރުވާލާފައި އެގޮތް އިޚްތިޔާރުކުރާ ބުއްދިތައް ވެއެވެ.


އެބުއްދިތައް ބޭނުންވަނީ ނަފްސަށް ރާޙަތުދީ، އެނަފްސާ ހެދި އަންނަ ރޯޅިން އަވަހަށް ސަލާމަތްވުމަށެވެ. އެއީ އޭގެ ނިމުން މާ ގެއްލުން ބޮޑުކޮށް އިންސާނާއަށް އަޔަސްމެއެވެ.


ކަންކަމުގައި އަވަސްއަރުވާލައިގެން އުޅުމަކީ: އެބުއްދި ގަމާރުވެ ކޮސްވެގެންވާ ކަމަށް ޞިފަކުރުމަށް ވާޞިލުކުރުވާފާނޭ ކަމެކެވެ.


އެހެންގޮސް އޭނާ ރާވާގޮތްތައްވެސް، ނުބައި ފާޖިރުން ރާވާގޮތްތަކާ އެއްގޮތްވެއެވެ.


އެއީ ޙަޤީޤަތުގައި އޭނާ ނުބައި ފާޖިރުގޮތެއް ޤަޞްދުކުރުމެއްވެސް ނެތިއެވެ. އެހެންގޮސް ބުއްދިން އަދި ދީނަކުންވެސް އޭނާއަށް މަންފާއެއް ނުކޮށްފުމަށް ދާންދެނެވެ.


އައްޟައްޙާކު ބްނު މުޒާޙިމު ވިދާޅުވިއެވެ:


"ނުބައި ފާޖިރު މީހާގެ ފާޖިރުކަން ބޭނުންކޮށްގެން ދިމާނުކުރެވޭ ކަހަލަ ކަންކަންވެސް ގަމާރު ކޮސްމީހާގެ ގަމާރުކަމުން ލާފައި ދިމާކޮށް ހޯދައެވެ."


އޭގެ މުރާދަކީ: ނުބައި ފާޖިރު މީހުން ކުރާ ކަންކަމާ ނިމުން އެއްގޮތްވާކަހަލަ ކަންކަން ގަމާރު މީހާގެ ރޭވުމާއި ކަންކަން ހަމަޖެއްސުމުން އާދެއެވެ. އެއީ އެކަމެއް ނުވަތަ ބަހަކުން ނިކުންނަ ފަސާދައިގެ އަސަރުންނެވެ.


ނުބައި ފާޖިރު މީހާ ޤަޞްދުކުރާ ގޮތަކަށް، މީނާ އެނިމުމަށް ޤަޞްދުކޮށްގެން ނުވިޔަސްމެއެވެ.


އެހެންކަމުން ގަމާރު ކޮސް މީހާ ޤަޞްދުކުރުމެއްނެތިވެސް ނުބައިކޮށް ކަންކަން ރާވާ ހަމަޖައްސައެވެ.


އަނެއްކޮޅުން ނުބައި ފާޖިރު މީހާ ޤަޞްދާ ލައިގެން ނުބައި ރޭވުންތައް ރާވައެވެ.


ފަހުން ހިތާމަކުރުމުން ސަލާމަތްވާން ބުއްދިން ބޭނުންވާނަމަ ފަހެ ބުއްދީގެ މައްޗަށްވަނީ ކޮންމެ ކަމަކަށްވެސް އެއަށް ޙައްޤުވާ މިންވަރަށް ފުންކޮށް ވިސްނާ ފިކުރުކުރުން ހަމަޖެއްސުމެވެ.


އެހެނީ ހުރިހާ ކަންކަމާމެދު ވިސްނާ ފިކުރުކުރުމުގެ މިންވަރު އެއްވަރަކަށް ނުވެއެވެ.


އެގޮތުން އޭގެ ތެރެއިން ބައެއް ކަންކަމާމެދު އެކަކުގެ ބުއްދިން ދިގުކޮށް ވިސްނާ ފިކުރުކުރަން ޙާޖަތްޖެހެއެވެ.


އަނެއްބައި ކަންތަކަކީ އެކަކުގެ ބުއްދިން ނުފުދޭ ކަންތަކެކެވެ. އެކަމުގައި އެހެނިހެން ހަރުދަނާ ރާޖިޙު ބުއްދިތަކާ މަޝްވަރާކުރަން ޙާޖަތްޖެހެއެވެ.


އަނެއްބައި ކަންތަކަކީ އެކަންކަން ފަސޭހަ އާދައިގެ ކަމަކަށްވުމުން ކުޑަކޮށް އެކަނި ވިސްނާލަން ޖެހޭ ކަންކަމެވެ.


މި މިންތައް ގަޑުބަޑުވެއްޖެނަމަ, ނަތީޖާތައްވެސް ގަޑުބަޑުވެއެވެ.


އަދި ނިކުތް ނުބައި ނަތީޖާތަކަށް ހިތާމަކުރުން އާދެއެވެ.


އަމީރު ޒިޔާދު ބްނު އަބީހި ވިދާޅުވިއެވެ:


"އެކަމެއްގައި ބަލިކަށި ގޮތަކަށް ޤަރާރެއް އަހަރެން ނިންމި އެއްވެސް ކަމަކާމެދު އަހަރެންގެ ނަފްސަށް ދުވަހަކުވެސް ތަޢުރީފުކޮށްފައި ނުވާނެއެވެ.


އަދި އެކަމެއްގައި ޔަޤީންކޮށް ވަރުގަދައަށް ޤަރާރު ނިންމި އެއްވެސް ކަމަކާމެދު އަހަރެންގެ ނަފްސަށް ދުވަހަކުވެސް މަލާމާތްކޮށްފައި ނުވާނެއެވެ." “

- ޝެއިޚު ޠަރީފީ -

📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page