top of page
Featured Posts

ﷲ ގެ ރަސޫލާ صلى الله عليه وسلم އާއެކު މުޢާވިޔާގެ ނޭފަތްޕުޅަށް ވަތް ހިރަފުސް ވެލިކޮޅެއްވެސް ޢުމަރު ބްނު ޢަބްދުލް ޢަޒީޒަށްވުރެ ހެޔޮވެ މާތްވެގެންވެއެވެ!“

  • --
  • 7 hours ago
  • 2 min read

💧އިބްނުލް މުބާރަކު (181ހ) އާ އެސުވާލުކުރެވުމުން ވިދާޅުވިއެވެ:


”ﷲ ގެ ރަސޫލާ صلى الله عليه وسلم އާއެކު މުޢާވިޔާގެ ނޭފަތްޕުޅަށް ވަތް ހިރަފުސް ވެލިކޮޅެއްވެސް ޢުމަރު ބްނު ޢަބްދުލް ޢަޒީޒަށްވުރެ ހެޔޮވެ މާތްވެގެންވެއެވެ!“


📖 އައްޝަރީޢާ ލިލްއާޖުއްރީ 📖


🌾މުޢާވިޔާ ބްނު އަބީ ސުފްޔާނު ވައްޓާލާފައި ޢަދުލުވެރި އިމާމުންނަކީ ފަހެއްކަމުގައި، އެއީ އަބޫބަކުރު، ޢުމަރު، ޢުޘްމާނު، ޢަލީ، އަދި ޢުމަރު ބްނު ޢަބްދުލް ޢަޒީޒުކަމުގައި ސުފްޔާނުގެ މައްޗަށް ހަދާފައިވާ ބަހެއްގެ ވާހަކަ ނަންގަނެވުމުން އިމާމް އަޙްމަދު (241ހ) ވިދާޅުވިއެވެ:


”މިއީ ބާޠިލު ބަހެކެވެ.“


💥 ބުޚާރީ އާއި މުސްލިމްގެ ޝެއިޚެއް ކަމުގައިވާ އަބޫ މަޢްމަރު (236ހ) ގެ އަރިހުން، ނަބިއްޔާ صلى الله عليه وسلمގެ އަޞްޙާބުންނާމެދު ސުވާލުކުރެވުމުން ވިދާޅުވިއެވެ:


”އަބޫބަކުރުއާއި ޢުމަރުއާއި ޢުޘްމާނެވެ.“


ދެންނެވުނެވެ:


”މިތަނުގައި، (ދެން އެންމެ މާތްވަނީ) ޢަލީ ދެން ޢުމަރު ބްނު ޢަބްދުލް ޢަޒީޒުއޭ ބުނާ މީހަކު އެބައުޅެއެވެ.“


އެހިނދު އަބޫ މަޢުމަރު ވިދާޅުވިއެވެ:


”މިއީ އެކަކުވެސް ބުނި ބަހެއް ނޫނެވެ! ކަލެއަށް ހަލާކުހުއްޓެވެ!


މިއީ ކާކު ކިޔައިގެން އުޅޭ އެއްޗެއްހެއްޔެވެ!؟


މިކަހަލަ މީހަކާއެކު ކަލޭމެން ތިޔަ އުޅެނީވެސް ކީއްވެހެއްޔެވެ!؟


މުޢާވިޔާގެ ނަން އޭނާ ނުގެނެސް ގޯސްކުރަނީ ކީއްވެހެއްޔެވެ!؟


މުޙައްމަދު صلى الله عليه وسلمގެ އަޞްހާބުންނީ ﷲ ގެ ރަސޫލާ صلى الله عليه وسلم އަށް ފަހުގައި އެންމެ ހެޔޮވެ މާތްވެގެންވާ ބޭކަލުންނެވެ.


އެބޭކަލުންގެ ފަހުން އައި މީހަކު ފަރުބަދަތައްހާ ގިނަ ހެޔޮ ޢަމަލުތައް ހިފައިގެން އަޔަސް، އެބޭކަލުން އެމީހަކަށްވުރެ މާތްވެ މަތިވެރިވެގެންވެއެވެ.



އެއީ ނަބިއްޔާ صلى الله عليه وسلمގެ ބަސްފުޅަށްޓަކައިއެވެ:


"ތިޔަބައިމީހުންކުރެ މީހަކު އުޙުދު ފަރުބަދަހާ ރަން ހޭދަކުރިޔަސް އެބޭކަލުންކުރެ ބޭކަލެއްގެ އަތްގޮށްޓެއް ނުވަތަ އޭގެ ދެބައިކުޅަ އެއްބައިގެ ހޭދައާވެސް ނުފޯރާނެއެވެ."


އަދި މުޙައްމަދު صلى الله عليه وسلمގެ އަޞްހާބުންނާމެދު މީހަކުގެ ހިތުގައި (ރުޅިވެރިކަމެއް ނަފުރަތުގެ) ކަމެއް އޮވެއްޖެނަމަ އެމީހަކުވާހުށީ ކާފަރެއްކަމުގައިއެވެ!


އެއީ ﷲ ޢައްޒަ ވަޖައްލަގެ ބަސްފުޅަށްޓަކައިއެވެ:



(أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَى عَلَى سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ) (الفتح: ٢٩)


"އެބޭކަލުންގެ މިސާލު އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ. ދެން އެ ގޮވާން ގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެ ތަނޑިތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން ޢަޖައިބު ކުރުވަމުންނެވެ. އެއުރެންދެކެ، ކާފަރުން ރުޅިއެރުވުމަށްޓަކައެވެ."


އެހެންކަމުން ޞަޙާބީންނާމެދު ހިތުގައި ރުޅިވެރިކަމެއް އޮތްމީހަކީ ފަހެ ކާފަރެކެވެ.“


📖 އައްސުންނާ ލިލްޚައްލާލު 📖


🔹އަބޫ އިސްޙާޤު (127ހ) އާއި މުޖާހިދު (104ހ) އާއި ޤަތާދާ (118ހ) ވިދާޅުވިކަމަށް ރިވާވެގެންވެއެވެ:


”ތިޔަބައިމީހުންނަށް މުޢާވިޔާއާ ބައްދަލުވެ ފެނުނުނަމަ އެއީ މަހްދީކަމަށްވެސް ބުނީހެވެ!“


📚 އައްސުންނާ ލިލްޚައްލާލު، އައްޝަރީޢާ 📚


🔹މުޢާވިޔާއާއި ޢަމްރު ބްނުލް ޢާޞްއަށް ކުޑައިމީސް ބަސްބުނާ މީހާއަކީ ރާފިޟީއެއްކަމަށް ބުނެވޭނެތޯ އިމާމް އަޙްމަދު (241ހ) އާ ސުވާލުކުރެވުމުން ވިދާޅުވިއެވެ:


”އަޑި ނުބައިވެގެންވާ މީހަކު މެނުވީ އެދެބޭކަލުންނަށް އެއްޗެއް ބުނަން ކުރިމަތިނުލާނެއެވެ!


ﷲ ގެ ރަސޫލާ صلى الله عليه وسلمގެ އަޞްޙާބުންކުރެ އެއްވެސް ބޭކަލަކަށް ކުޑައިމީސް ބުނާ މީހަކު،


އެމީހަކުގެ އެތެރޭގައި ނުބައިކަން ފޮރުވައިގެން މެނުވީ ނުވެއެވެ.“


📖 އައްސުންނާ ލިލްޚައްލާލު 📖


🔥އަބޫ ޒުރްޢާ އައްރާޒީ (264ހ) ގެ އަރިހަށް މީހަކު އައިސް ބުންޏެވެ:


”އަހަރެން މުޢާވިޔާދެކެ ރުޅި އާދެއެވެ.“


އެކަލޭގެފާނު ވިދާޅުވިއެވެ:


”ކޮންކަމަކާހެއްޔެވެ؟“


އޭނާ ބުންޏެވެ:


”އެއީ ޢަލީގެފާނާ ދެކޮޅަށް ހަނގުރާމަކުރީމައެވެ.“


ދެން އަބޫ ޒުރްޢާ ވިދާޅުވިއެވެ:


”ކަލެއަށް ހަލާކުހުއްޓެވެ!


މުޢާވިޔާގެ ވެރި ރައްބަކީ ރަޙީމްވަންތަ އިލާހެކެވެ. އަދި މުޢާވިޔާގެ ޚަޞްމަކީ ދީލަތި މާތް ޚަޞްމެކެވެ.


ދެން ކަލޭ އެދޭތެރެއަށް ވަދެގަނެގެން ތިޔަ އުޅެނީ ކޮންކަމަކާހެއްޔެވެ!؟“



📚 ތާރީޚު ދިމަޝްޤު، އަލްބިދާޔާ ވައްނިހާޔާ 📚



2️⃣

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page