top of page
Featured Posts

ކުރެވޭ ފާފަތައް ފޮރުވުމާއި، ފާފަކުރާ މީހެއްކަން މީސްތަކުންނަށް އެނގިގެންވުމަށް ނުރުހުންވުމާއި، މީސްތަކުން އޭނާ ނުބައިކޮށްފައި އެއްޗެހިކިޔުމަށް ނުރުހުންވުން ހުއްދަވެގެންވާކަން ބަޔާންކުރުން:

  • --
  • Jun 27
  • 2 min read

🌴 އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ:



”ކުރެވޭ ފާފަތައް ފޮރުވުމާއި، ފާފަކުރާ މީހެއްކަން މީސްތަކުންނަށް އެނގިގެންވުމަށް ނުރުހުންވުމާއި، މީސްތަކުން އޭނާ ނުބައިކޮށްފައި އެއްޗެހިކިޔުމަށް ނުރުހުންވުން ހުއްދަވެގެންވާކަން ބަޔާންކުރުން:


ކުރެވޭ ނުބައި ކަންތައް ފޮރުވާ ވަންހަނާކުރުމަކީ ދެއްކުންތެރިކަމެއްކަމުގައި ހީކުރާ މީހަކު ހީކޮށްފާނެއެވެ.


އެކަންވަނީ އެހެންނެއް ނޫނެވެ.


މަނާވެގެންވާކަމަކީ އިންސާނާއަކީ ވަރަޢަވެރި މީހެއްކަމުގައި މީހުންނަށް ދައްކަންވެގެން، އަދި އޭނާއަކީ ﷲ ދެކެ ބިރުގަންނަ މީހެއްކަމުގައި ދައްކަންވެގެން، އަޞްލު އެހެންނުވާ ޙާލުގައި އޭނާގެ ކުށްތައް މަތިއަޅާ ފޮރުވުމެވެ.


ދެންފަހެ ކަންދައްކަން ނޫޅޭ ތެދުވެރިޔާނަމަ؛ ފަހެ އޭނާގެ ފާފަތަކާއި އުރެދުންތައް ފޮރުވާ ވަންހަނާކުރުންވެއެވެ.


އަދި އޭނާގެ ޤަޞްދުވެސް އެކަމުގައި ޞައްޙަވެގެންވެއެވެ.


އޭނާގެ ނުބައި ކަންތައް މީސްތަކުންނަށް ފެނުމުން ދެރަވެ ކަންބޮޑުވުންވަނީ އެކި ވަޖްހުތަކުންނެވެ:


1️⃣ ފުރަތަމައީ: ﷲ ތަޢާލާ އޭނާ ފަރުދާކޮށްދެއްވާ ވަންހަނާކޮށްދެއްވިކަމަށްޓަކައި އުފާވުމުގެ ގޮތުންނެވެ.


ދެން އޭނާ ބޭޒާރުވެއްޖެނަމަ ﷲ ގެ ފަރުދާ އޭނާގެ ކިބައިން ނިގުޅިގެންދިޔަކަމަށްޓަކައި އޭނާ ހިތާމަވެރިވެ ކަންބޮޑުވެއެވެ.


އަދި ޤިޔާމަތްދުވަހުވެސް އެކަލާނގެ އޭނާގެ ފަރުދާ ކަޝްފުކުރައްވާ ބޭޒާރުކުރައްވާފާނޭކަމަށް ބިރުގަނެއެވެ.


އެހެންކަމުން މިއީ އީމާންކަމުގެ ވަރުގަދަކަމުން އުފެދިގެން އަންނަ ކަންބޮޑުވުމެކެވެ.


2️⃣ ދެވަނައީ: ފާފަތައް ފާޅުވެ ހާމަވުމަކީ ﷲ ތަޢާލާ ނުރުއްސަވާ ކަމެއްކަމާއި، އެކަންކަން ފޮރުވި ފަރުދާކުރެވުމަށް އެކަލާނގެ ލޯބިވެވޮޑިގެންވާކަން އެނގިގެންވެއެވެ.


އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ގޮތަށެވެ:


"މިހިރަ ނުބައި ކަންތަކުން ކަމަކަށް އަރައިގަނެފި މީހާ؛ ފަހެ ﷲ ތަޢާލާގެ ފަރުދާކުރެއްވުމުން އޭނާ ފަރުދާވެ ވަންހަނާވާހުށިކަމެވެ."


މީނާ ފާފަކުރިޔަސް ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ގޮތަށް ލޯބިކުރުން އޭނާގެ ހިތުން ފިލައިނުދެއެވެ.


މިކަން ފަޅައިގެން އަންނަނީ އުރެދުންތައް ހާމަވެގެންވުމަށް ﷲ ތަޢާލާ ނުރުއްސަވާކަމަށް އީމާންވުމުގެ ވަރުގަދަކަމުންނެވެ.


އަދި އެކަމުގައި އޭނާ ތެދުވެރިވާކަމުގެ އަސަރަކީ އޭނާ ނޫން އެހެން މީހުންގެ ކިބައިންވެސް ފާފަތައް ހާމަވުމަށް އޭނާ ނުރުހި، އަދި އެކަމާ ދެރަވާކަމެވެ.


3️⃣ ތިންވަނައީ: އެކަމުން (އެބަހީ: އޭނާކުރި ފާފަތަކެއް މީހުންނަށް އެނގިގެން) މީސްތަކުން އޭނާ ނުބައިކޮށްފައި އެއްޗެހިކިޔުމަށް އޭނާ ނުރުހުންވަނީ, އެއީ އެކަމުގެ ސަބަބުން އޭނާ ހިތާމަވެރިވެ، އަދި ﷲ އަށް ކިޔަމަންވެ ހެޔޮކަންތައް ކުރުމުން އޭނާގެ ހިތާއި ބުއްދި އެކަމުގެ ސަބަބުން މަޝްޣޫލުކުރުވާނެތީއެވެ.


އެހެނީ ނުބައިކޮށްފައި ވާހަކަދެއްކުމުން ޠަބީޢަތަށް އަސަރުކުރެއެވެ. ހަމަ މިސަބަބަށްޓަކައި ﷲ ތަޢާލާ ދޫކޮށް މަޝްޣޫލުކުރުވާ، އަދި ޛިކުރުކުރުމުން އޭނާގެ ހިތް އަނބުރާލާ މަޝްޣޫލުކޮށްލާނޭ ގޮތަށް މީސްތަކުން ކުރާ ތަޢުރީފާއި ޘަނާއަށްވެސް ނުރުހެންޖެހެއެވެ.


މިކަންވެސްވަނީ އީމާންކަމުގެ ބާރުންނެވެ.


އެހެނީ ﷲ އަށް ކިޔަމަންވުމަށްޓަކައި ހިތް އެހެން ކަންތަކުން ހުސްކޮށް ސާފުވެގެންވުމަށް ލޯބިކޮށް އެދުމީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.


ދެންފަހެ މިހެން ބުނެވިއްޖެނަމަ: މީހާ ހެޔޮކޮށް ރަނގަޅަށް އުޅޭތީވެ މީސްތަކުން އޭނާއަށް ޘަނާކިޔާ އަދި އޭނާދެކެ ލޯބިވެގެންވުމަށް ގަޔާވެ ލޯބިކުރުން ހުއްދަވެގެންވޭހެއްޔެވެ؟


މީހަކު ނަބިއްޔާ صلى الله عليه وسلم އަށް ދެންނެވި ނޫންހެއްޔެވެ:


"އެކަމެއް ކުރުމުން ﷲ ތަޢާލާ އަހަރެންދެކެ ލޯބިވެވޮޑިގެންވާނޭ، އަދި މީސްތަކުންވެސް އަހަރެންދެކެ ލޯބިވާނޭ ކަމަކަށް އަހަރެންނަށް މަގުދައްކަވާ ދެއްވާށެވެ."


ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:


"ދުނިޔެއާމެދު ޒުހުދުވެރިވާށެވެ. އޭރުން ﷲ ތިބާދެކެ ލޯބިވެވޮޑިގެންވާނެއެވެ. އަދި މިހިރަ އަގެއްނެތް ކުނިބުނި (ދުނިޔަވީ ތަކެތި) އެމީހުންނަށް ދޫކޮށްލާށެވެ. އޭރުން އެމީހުންވެސް ތިބާދެކެ ލޯބިވާނެއެވެ."


ޖަވާބަކީ: އޭނާ އެކަމަށް ލޯބިކުރީ، ﷲ ތަޢާލާ އޭނާދެކެ ލޯބިވެވޮޑިގެންވާކަން އެނގިގެންވުމަށްޓަކައި ކަމުގައިވާނަމަ ފަހެ މިކަމަށް ޙަމްދުލިބިގެންވެއެވެ.


އެހެނީ އެކަލާނގެ އޭނާދެކެ ލޯބިވެވޮޑިގެންނެވިނަމަ، އެކަލާނގެ އަޅުތަކުންނަށް އޭނާ ލޮބުވެތިކުރައްވައެވެ. އެކަމަކު އެކަމަށް ލޯބިކުރީ ވަކި ހެޔޮކަމެއް އެގޮތަށް (މީސްތަކުންނަށް އެނގިގެންވުމަށްޓަކައި ކަމުގައިވާނަމަ) ފަހެ އޭނާ އެވަނީ އެކަމުގެ ބަދަލު ދެއްވުމަށް އެދިފައިއެވެ.“


📖 މިންހާޖުލް ޤާޞިދީން 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page