”ޢިލްމާއިއެކު ނަފްސަކީ ދެމިޔަލީ ޚަންޖަރެއް:
- --
- 22 hours ago
- 2 min read

ޢިލްމަކީ ނަފްސުގެ އަމިއްލަ އެދުންތަކަށް ވާޞިލުވުން މަނާކުރާ ފަރުވާއަކަށްވާ ގޮތަށް،
އަދި ސަވާރުވެގެން އިންނަ މީހާ އަސް ކޮންޓުރޯލުކޮށްގެން ގެންދާގޮތަށް ނަފްސު ކޮންޓުރޯލުކޮށް ގެންދާ ޤާއިދަކަށް ޢިލްމުވާ ގޮތަށް,
ނަފްސު އެދި ބޭނުންވާ ކަންކަމަށް ވާޞިލުކޮށްދިނުމަށް އެނަފްސަށްހުރި ޚާދިމެއްކަމުގައިވެސް ޢިލްމު ވެދާނެއެވެ.
އެގޮތުން ނަފްސާ ދިމާކޮށް، ކޮންޓުރޯލުކުރުމުގެ ބަދަލުގައި އޭރުން އެވަނީ ނަފްސު ބޭނުންވާ ކަންކަން ކޮށްދޭ ޚާދިމެއްކަމުގައިއެވެ.
ނަފްސު ބޭނުންވާ ކަންކަމަށް ކުޅަދާނަކަމާއި ވިސްނުންތެރިކަމާއެކު ވާޞިލުކޮށްދޭ އެއްޗެއްކަމުގައި ޢިލްމު ވެދާނެއެވެ.
އެހެންގޮސް (އެޙާލަތުގައި) އިންސާނާއަށް ޢިލްމު ލިބުމަށްވުރެ އެއްޗެއް ނޭނގި ޖާހިލުކަމުގައިހުރުންވެސް ހެޔޮވެއްޖައުމަށް ދާންދެނެވެ.
އެހެނީ އޭނާއީ ތަންދޮރު ނޭނގޭ ޖާހިލަކަށްވީނަމަ؛ މިގޮތަށް ކުޅަދާނަކަމާއި ތޫނުފިލިކަމާއެކު އެނަފްސުގެ ޝަހުވަތްތަކަށް ވާޞިލުކޮށް ނުދިނީހެވެ.
މިކަމުން އެނގެނީ ބައެއް ނަފްސުތަކަށް ޢިލްމަކީ ގެއްލުންހުރި އެއްޗެއްކަމުގައި ވާކަމެވެ. އޭގެ ސަބަބުވަނީ ނަފްސުގައިއެވެ. ޢިލްމު އޭގެ ޒާތުގައިއެއް ނޫނެވެ.
އެހެނީ ނަފްސުގެ އަމިއްލަ އެދުންތަކާއި ޝަހުވަތްތަކުގައި، އަދި އެހެން މީހުން ފަސާދަކުރުމަށްޓަކައި އެނަފްސު ޢިލްމުގެ ބޭނުން ހިފަނީއެވެ.
ޢިލްމު އުނގެނެން އުޅޭ ވަކި މީހެއްގެ ކިބައިން އަސީރުކޮށްލާކަހަލަ ޝަހުވަތެއް އަދި ގަދަވެގަނެފައިވާ ނުބައި ޠަބީޢަތެއް ޢިލްމުވެރިޔާއަށް ފާހަގަވެއްޖެނަމަ,
އެފަދަ މީހަކަށް އޭނާގެ އަމިއްލަ ނަފްސުގެ ޚާއްޞަ ޙާޖަތްތައް ފުއްދޭ މިންވަރަށް މެނުވީ ޢިލްމު ފޯރުކޮށްދީގެން ނުވާނެއެވެ.
އެގޮތުން އޭނާގެ ކިބައިން ފިލުވާލުން ވާޖިބުވެގެންވާ ޖާހިލުކަން ފިލާވަރަށް ޢިލްމު ދޭހުއްޓެވެ.
އެކަމަކު އޭނާއަށް އެއިން ގެއްލުންވާނޭ، އަދި އެހެން މީހުންނަށްވެސް އެއިން ގެއްލުންދޭނެ ޢިލްމު ނުދޭހުއްޓެވެ. އެއީ އެ ޢިލްމު އޭގެ ޒާތުގައި ހެޔޮވެގެންވިޔަސްމެއެވެ.
އަސީރުކޮށްފައިވާ ޝަހުވަތެއްގެ ވެރި، އަދި އަތްގަދަކޮށްފައިވާ ނުބައި ޠަބީޢަތެއްހުރި ނަފްސު،
އެނަފްސު ބޭނުންވާ ގޮތަކަށް ބުއްދި ލަވައި ގެންގޮސް އޭގެ ބޭނުން ހިފައިއެވެ.
އެއީ އެންމެ ފަސޭހަ އަވަސް ގޮތަކުން އެނަފްސު ބޭނުންވާ ޝަހުވަތްތަކަށް ވާޞިލުކޮށްދިނުމަށެވެ.
އަދި އޭނާގެ އަމިއްލަ ޟަމީރު ނަފްސު ކުށްވެރިކުރުމުން ޙިމާޔަތްކުރުމަށް، އަދި އެހެން މީހުންގެ ފާޑުކިޔުމާއި މަލާމާތާ ކުރިމަތިލުމަށްވެސް ބުއްދީގެ ބޭނުންކުރެއެވެ.
އެގޮތުން ދެކޮޅުހަދާމީހުންދޭ ޙަމަލާތަކުން ދިފާޢުވާނޭ އައްޑަނަތަކެއްގެ ގޮތުގައި ދަލީލުތައް ބޭނުންކޮށް،
އަދި ނަފްސުގެ ޝަހުވަތްތައް ޝިކާރަކޮށް ހޯދައިގަންނަ ދުނިތަކެއްގެ ގޮތުގައި އެދަލީލުތައް ނަގައެވެ.
މިބާވަތުގެ ނަފްސުތައް ޢިލްމާއި ޖާހާއި މަޤާމުގައި މައްޗަށް ދިޔަވަރަކަށް؛ އެނަފްސުގެ ފަސާދަވުމާއި އަދި އެހެން މީހުން ފަސާދަކުރުވުންވެސް ހައްތަހާ ބޮޑުވެއެވެ.
މީސްތަކުންގެ ތެރޭގައި އޭނާގެ މަޤާމާއި ދަރަޖަ ހުރި މިންވަރަކުން އެމީހުންނަށް އެނަފްސުގެ ކިބައިން ލިބޭ ގެއްލުންވެސްވެއެވެ.
އެނަފްސަކީ ނަމޫނާއެއްގެ ގޮތުގައި ބެލޭ ނުވަތަ ވެރިއެއްގެ ގޮތުގައިވާ ނަފްސެއްނަމަ, އެނަފްސު ކުރާ ފަސާދައާއި ހަލާކު މާ ބޮޑުވެފައި ޢާއްމުކޮށްވެއެވެ.
އަދި އެނަފްސަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާއާއި ތޫނުފިލިކަން ހުރި މިންވަރަކުން, އެނަފްސުގައިވާ ހުރިހާ ދަލީލުތަކާއި ބުރުހާނުތަކާއި ޙުއްޖަތްތައް ޝަހުވަތްތަކާ ދިމާވާގޮތަށް އަނބުރާލާ ލަންބާލައެވެ.
އެނަފްސު އޭގެ ކައިރިން ލާފައި ދާ ކޮންމެ ހުރަހެއް އެއާ އެއްކޮޅަށް އަނބުރާލައިގެން ބޭނުން ހިފަން ކުޅަދާނަ ނުވެއްޖެނަމަ, ޙީލަތެއް ހަދައިގެންވެސް ސަލާމަތްވެއެވެ.
މަޝްވަރާކުރުމަށް ދާންދެންވެސްމެއެވެ.
އެގޮތުން އޭނާ މަޝްވަރާކުރާނީވެސް އޭނާ ބޭނުންވާ ގޮތަށް މަޝްވަރާދޭ މީހަކާއެވެ. ދެން އޭނާ މަޝްވަރާކޮށްފިކަމަށް ބުއްދިއަށް ލައިދީގެން ބުއްދި ހަމަޖައްސާ މައިތިރިކުރުވައެވެ.
އެކަމަކު ޙަޤީޤަތުގައި އެނަފްސު ކުރިކަމަކީ އެނަފްސުގެ އެދުމަށް އެއްބަސްވާނޭ އަދި އެޞޫރައަށް އެއްގޮތްވާނޭ ބަޔަކު ހޮވައިގެން އިޚްތިޔާރުކުރީއެވެ.
މަޝްވަރާކުރުމަށްޓަކައި އޭނާއާ އެއްބަސްވާނޭ ބަޔަކު ހޮވައިގެން އިޚްތިޔާރުކޮށްފި މީހާ, އަމިއްލަ ހިޔަންޏަށް އިޝާރާތްކޮށްފައި އެވެސް ތިމަންނާއެކު ހެކިދެޔޭ ބުނިފަދައެވެ!“
- ޝެއިޚު ޠަރީފީ -
📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖





















































































