”ނަފްސަށް އެއިން އަސަރުގެންނަ ތިންވަނަ ބާވަތަކީ: ނަފްސަށް ހުށަހެޅޭ ކަންކަމެވެ. (ޝުޢޫރުތަކާއި އިޙްސާސްތަކެވެ.)
- _
- 23 hours ago
- 2 min read

އެގޮތުން ނަފްސުގެ ޠަބީޢަތުގައި ލޯބިވުމާއި ނުރުހުންވުމާއި، އުފާވުމާއި ދެރަވުންވެއެވެ.
މިއީ ނަފްސުތަކުގައިވާ ޠަބީޢީ ޞިފަތަކެކެވެ. ނަމަވެސް އެކަންކަން އިންސާނާއަށް ޖެހޭހިނދު އެއީ ވަޤުތީ ގޮތުން ހުށަހެޅޭ ޞިފަތަކަކަށްވެއެވެ.
ދެން އޭގެ ޠަބީޢީ މިންގަނޑަށްވުރެ އެޞިފަތައް ބޭރުވެއްޖެނަމަ, އެހިސާބުން ބުއްދިއަށް އަސަރުކުރެއެވެ.
ޠަބީޢީ އާދައިގެ މިން ތެރޭގައި އެޞިފަތައް ހުރިނަމަ, އެޞިފަތަކަށް އަސަރުކުރުވާ، އޭގެ މައްޗަށް ޙުކުމްކުރާ އެއްޗަކީ ބުއްދިކަމުގައިވެއެވެ. އެއީ ބުއްދީގައި ޢިލްމާއި، ތަޖުރިބާހުރި މިންވަރެއްގެ މައްޗަށެވެ...
އިންސާނާގެ ކިބައިގައިވާ މިހިރަ ޞިފަތައް ހިލުވާލާ އެންމެ ބޮޑު އެއްކަމަކީ އަދި އެޞިފަތައް ގެންނަ އެންމެ ބޮޑު ސަބަބަކީ: ކަންކަމާމެދު އޮންނަ ޢިލްމާއި އެނގުން އައުވުމާއި، އެކިކަހަލަ ފިކުރުތައް އުފަންވެ އައުމެވެ.
ސުފްޔާނުއް ޘައުރީގެ ބަސްފުޅުން ޤަޞްދުކުރެއްވި ކަމަކީ މިއެވެ:
"ޢިލްމުވެރިކަން އިތުރުވާ މީހެއްގެ ހިތާމަ އިތުރުވެއެވެ. އަހަރެންގެ ޢިލްމު އިތުރުނުވިނަމަ, އަހަރެންގެ މިހިތާމަވެރިކަމަށް މާ ލުއިކަން ލިބިގެންވީހެވެ."
ޢިލްމު ހޯދާ މަޤްޞަދުތަކާއި، އޭގެ މަގުތަކާއި ގޮތްތަކާއި ވައްތަރުތަކާއި، އޭގެ ގިނަމިނާއި މަދުމިނުން، ނަފްސަށް ހުށަހެޅޭ އެކި ބާވަތުގެ ޞިފަތަކާއި އިޙްސާސްތައް އަންނަ ގޮތަށް އަސަރުކުރެއެވެ.
އެނގޭ އެނގުންތަކާއި ފިކުރުތަކުގެ ސަބަބުން އެކި ޝުޢޫރުތަކާއި އިޙްސާސްތައް ހިލުވާލާކަމާއި، އަދި އެއިޙްސާސްތައް ފާޅުވާހިނދު އެނގޭ ކަންކަމާ އެއްވެ، އަދި އެއިޙްސާސްތަކާއި ޝުޢޫރުތައް ފާޅުވުމަށްފަހު ކުރިން އެނގޭ އެނގުންތައް ކޮށާމެށި އިޞްލާޙުވެ ބަދަލުތައް އަންނަކަމާމެދު ޚިލާފެއް ނުވެއެވެ.
އެހެންކަމުން އެނގޭ އެނގުންތަކާއި އިޙްސާސްތަކާއި ޝުޢޫރުތަކާ ދެމެދު އެކަތި އަނެކަތި ލާޒިމްކޮށް، މަސްހުނިވެ އެއްވުމެއް ވެއެވެ.
އިޙްސާސްތަކުގެ ސަބަބުން ނަފްސަށް އަސަރުކުރެއެވެ. ދެން އެއާ ވިއްދައިގެން ބުއްދިއަށްވެސް އެއިން އަސަރުކުރެއެވެ.
އެއީ ބުއްދީގެ ސަބަބުން ހިލިގެންދިޔަ ކަންތަކެއް ކަމުގައި ވިޔަސް ނުވަތަ ނުވިޔަސްމެއެވެ.
މިއީ ހުރިހާ އިޙްސާސްތަކާއި ޝުޢޫރުތަކުގައިވެސް ކަންތައްވާ ގޮތެވެ. ނުރުހޭފަދަ ކަންތައްވިޔަސްމެއެވެ.
މިސާލަކަށް ބިރުގަތުމެވެ:
(فَأَوۡجَسَ فِي نَفۡسِهِۦ خِيفَةً مُّوسَىٰ) (طه: ٦٧)
"ދެންފަހެ، މޫސާގެފާނުގެ ނަފްސުގައި ބިރުވެރިކަމެއް ހިނގިއެވެ."
އަދި ދަހިވެތިވުމެވެ:
(وَأُحۡضِرَتِ ٱلۡأَنفُسُ ٱلشُّحَّۚ) (النساء: ١٢٨)
"އަދި ދަހިވެތިކަމުގެ ޞިފަ ނަފްސުތަކަށް އައިސްފައިވެއެވެ."
އަދި ދަތި އުނދަގޫކަމުގެ އިޙްސާސެވެ.
(لَّمۡ تَكُونُواْ بَٰلِغِيهِ إِلَّا بِشِقِّ ٱلۡأَنفُسِۚ) (النحل: ٧)
"ނަފްސުތަކަށް ދަތި އުނދަގޫކަން ދީގެން މެނުވީ ތިޔަބައިމީހުންނަށް އެތަނަށް ފޯރޭކަމުގައި ނުވެއެވެ."
އަދި ހިތްދަތިވުމެވެ.
(فَلَا تَذۡهَبۡ نَفۡسُكَ عَلَيۡهِمۡ حَسَرَٰتٍۚ) (فاطر: ٨)
"ފަހެ، އެއުރެންގެ މައްޗަށް ހިތްދަތިވެގެން، ތިބާގެ ނަފްސު ދުއްވާނުލާށެވެ."
ނުވަތަ އެއީ ލޯބިވެވޭކަހަލަ އިޙްސާސްތައްވިޔަސްމެއެވެ. މިސާލަކަށް ރުހުމެވެ:
(فَإِن طِبۡنَ لَكُمۡ عَن شَيۡء مِّنۡهُ نَفۡسا) (النساء: ٤)
"އޭގެތެރެއިން އެއްޗެއް އެކަނބަލުންގެ ނަފްސުން ރުހި ޤަބޫލުވެގެން ތިޔަބައިމީހުންނަށް އަނބުރާ ދީފިނަމައެވެ.."
އަދި ހިތަށް ފަސޭހަވެ ތަނަސްވުމެވެ.
(قَالَ رَبِّ ٱشۡرَحۡ لِي صَدۡرِي) (طه: ٢٥)
"އެކަލޭގެފާނު ދެންނެވިއެވެ: އަޅުގެ ވެރި ރައްބެވެ! މިއަޅާއަށްޓަކައި މިއަޅާގެ މޭ ތަނަވަސްކޮށްދެއްވާށިއެވެ!"
ނުވަތަ އެ ދޭތެރެ ދެމެދުގައިވާ ކަހަލަ އިޙްސާސްތައްވިޔަސްމެއެވެ. މިސާލަކަށް: ކުލުނާއި، ޝައުޤުވެރިކަމާއި، ހިތްޖެހުމާއި އެފަދަ ކަންކަމެވެ.
ވަޤުތީ ގޮތުން ހުށަހެޅޭ އިޙްސާސްތަކާއި ޝުޢޫރުތަކުން ނަފްސަށް އަސަރުކުރުމުގެ ވަރުގަދަކަން ހުރި މިންވަރަކުން ބުއްދިއަށްވެސް އެއިން އަސަރުކުރެއެވެ.
އެއް ވަޤުތެއްގައި، އެއްކަހަލަ އިޙްސާސެއް ދެ ނަފްސަށް ލައިގަނެދާނެއެވެ. އެއް ނަފްސަކީ ވަރުގަދަ ނަފްސެކެވެ. އަނެއް ނަފްސަކީ ބަލިކަށި ނާޒުކު ނަފްސެކެވެ.
ދެން އެއް އިޙްސާސަކުން ތަފާތު އަސަރެއް ދެ ބުއްދިއަށް ކުރެއެވެ. އެއީ ނަފްސަށް އެއިން ކުރާ އަސަރު ތަފާތުވެގެން ވުމުންނެވެ.“
- ޝެއިޚު ޠަރީފީ -
📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖





































































































