ބުއްދިވެރިޔާގެ މައްޗަށް ވާޖިބުވެގެންވަނީ
- --
- 16 hours ago
- 2 min read

⭐ އިބްނު ޙިއްބާނު (354ހ) ވިދާޅުވިއެވެ:
”ބުއްދިވެރިޔާގެ މައްޗަށް ވާޖިބުވެގެންވަނީ: މި ދުނިޔޭގެ ކަންކަމުން އޭނާގެ ޢިލްމު ގަޑުބަޑުކޮށްލާނޭ ކަންކަމުން އެއްކިބާވުމެވެ. އެއީ އޭނާއަށް ކުޅަދާނަވީ ވަރަކަށް ޢަމަލުކުރުމުގައި ހުންނާނޭކަމަށް އޮންނަ ޤަޞްދާ އެކުގައިއެވެ.
ކޮންމެ ދުއިސައްތަ ޙަދީޘަކުން ފަސް ޙަދީޘަށް ޢަމަލުކުރެވުނަސް، އޭރުން ޢިލްމުގެ ޒަކާތް އަދާކުރިފަދައިން އޭނާވެއެވެ.
ދެންފަހެ އެމީހަކު އެއްކޮށް ޖަމަޢަކުރި ޢިލްމަށް ޢަމަލުކުރަން އެމީހަކު ނުކުޅެދުމަކުން އަދި އެ ޢިލްމު ޙިފްޡުކޮށް ރައްކާކުރުމުން ނުކުޅެދިގަންނާކަށް ނުޖެހެއެވެ...
އަލްމުޢުތަމިރު ބްނު ސުލައިމާނު ވިދާޅުވިއެވެ:
"އަހަރެން ކޫފާގައި ވަނިކޮށް އަހަރެންގެ ބައްޕަ ލިޔުއްވިއެވެ:
"ތިބާ ކަރުދާސް ފަތްފުށް ގަނެ ޢިލްމު ލިޔާށެވެ!
ފަހެ މުދަލާއި ފައިސާ ފަނާވެދެއެވެ.
ޢިލްމު ދެމިއޮވެއެވެ."
ޢިލްމަށް ޢަމަލުކުރުމެއް ނުވަތަ އެދަސްކޮށް ޙިފްޒުކުރުމެއްނެތި، ހުސްއެކަނި ސިފްރުތަކެއް ގިނަކޮށްގެން، އަދި އޭނާގެ އަނބިދަރިންނާއި ވަޠަނުން ބޭރުވެގެން ޢިލްމު ހޯދުމުގައި މީހާގެ ޢުމުރު ހޭދަކުރުމަކީ:
ފަހެ ބުއްދިވެރިންގެ ޞިފައެއް ނޫނެވެ. އަދި ވިސްނުންތެރިންގެ ލިބާހެއް ނޫނެވެ.
ޙިފްޒުކޮށް ހިތުދަސްކުރުމަށް މީހާއަށް އެންމެ ބޮޑަށް އެހީވެދޭނެ ކަންތަކުގެ ތެރޭގައި:
ރަނގަޅު ހެޔޮ ޠަބީޢަތެއް ހުރުމާއި، އެއާއެކު ހިންމަތާއި ޢަޒްމުވެ، އަދި ފާފަތަކުން އެއްކިބާވެ ދުރުވުންވެއެވެ...
ބުއްދިވެރިޔާގެ މައްޗަށް އޮތްކަމަކީ: ޢިލްމުން އެންމެ މޮޅު އިތުރު ހެޔޮ ޢިލްމެއް މެނުވީ އުނގެން ނޫޅުމެވެ. އެހެނީ ބުއްދިވެރިޔާގެ ގާތުގައި ޢިލްމު ހަނދުމަކުރުމަށްވުރެ ޢިލްމު އިތުރުކުރުމަށް އިސްކަންދެވެއެވެ.
އަދި ޢިލްމަކީ ފާގަތިކަމުގައި ހުރި ޒީނަތެކެވެ.
އަދި ދަތިއުނދަގޫކަމުގައި ހުރި ނަޖާވުމެކެވެ.
އަދި ޢިލްމު އުނގެނިއްޖެ މީހަކު (ޤަދަރާއި ހެޔޮކަން) އިތުރުވެއެވެ. އަދި ޙިލްމުވެރިވެ ރުޅިމަޑުކޮށްފި މީހަކު އިސްވެ ވެރިވާގޮތަށެވެ.
އަދި ހެޔޮނޫން ގޮތެއްގައި ޢިލްމުން އިތުރަށްވާ އެއްޗަކީ ހަލާކުކޮށްލުމެކެވެ.
އެއީ ﷲ ގެ ރުއްސެވުން ނެތްގޮތެއްގައި އަދަބުވެރިކަން އިތުރުވުމަކީ ހަލާކެއްކަމުގައިވާ ގޮތަށެވެ.
އަދި ބުއްދިވެރިޔާ، ދެދުނިޔޭގައި އޭނާއަށް ފައިދާ ހުރި ކަމެއްގައި މެނުވީ އޭނާގެ ހުރި ފަންނުތަކުން ކަމެއްގައި މަސައްކަތް ނުކުރެއެވެ.
އަދި ޢިލްމުން އޭނާއަށް ނަޞީބެއް ލިބިއްޖެނަމަ (އެހެން މީހުންނަށް) އެއިން ފައިދާކޮށްނުދީ ދަހިވެތިވެ މުށްބާރު ނުކުރެތެވެ.
އެހެނީ ޢިލްމުގެ އެންމެ ފުރަތަމަ ބަރަކާތަކީ އެއިން ފައިދާކޮށްދިނުމެވެ.
އަދި ޢިލްމާމެދު ދަހިވެތިވެ ހިފަހައްޓައިފި އެއްވެސް މީހަކު، އެމީހަކުގެ ޢިލްމުން ފައިދާއެއް ނުކުރިތަން މެނުވީ އަހަރެންނަށް ފެނިފައި ނެތެވެ.
ބިމު އަޑީގައި ހުރި ފެންގަނޑުން އާރު ފަޅައިގެން ނިކުމެގެން މެނުވީ ފައިދާ ނުކުރާ ގޮތަށް،
އަދި ރަތުރަން އޭގެ މަޢުދަނުން ނެރުނީމަ މެނުވީ ނަފާ ނުކުރާ ގޮތަށް،
އަދި އަގުހުރި އިތާމުއި ކަނޑުން ނެރެގެން ނޫނީ މަންފާއެއް ނުކުރާ ބީދައިން,
ޢިލްމުވެސް ފޮރުވާ ބައްކޮށްފައި ރައްކާކޮށްފައި ނުފަތުރާ އަދި ފައިދާއެއް ކޮށްނުދީ ބަހައްޓައިގެން އެޢިލްމުން ފައިދާއެއް ނުކުރެއެވެ...
އަލްޙަސަނުލް ބަޞްރީ ވިދާޅުވިއެވެ:
"މީހާ ޢިލްމުން ބާބެއް އުނގެނި، ދެން އެއިން އޭނާގެ ވެރި ރައްބަށް އަޅުކަންކުރުން،
ދުނިޔެ ފެށުނީއްސުރެ ނިމެންދެން (ދުނިޔޭގެ މުދަލާއި ފައިސާއާއި ޚަޒާނާތައް) އޭނާއަށް ލިބިގެންވެ ދެން އާޚިރަތަށްޓަކައި އެ ހޭދަކުރުމަށްވުރެ އޭނާއަށް މާ ހެޔޮވެގެންވެއެވެ." “
📖 ރައުޟަތުލް ޢުޤަލާ 📖





































































































