ނަބިއްޔާ صلى الله عليه وسلمގެ އަރިހަށް އަންހެނަކު ދެ ދަރިން ގޮވައިގެން އައެވެ.
- --
- May 4
- 1 min read

މުންޤަޠިޢު ސަނަދަކުން ރިވާކުރެވޭ ގޮތުގައި އަބޫ އުމާމާ (86ހ) ކިޔާދެއްވިއެވެ:
”ނަބިއްޔާ صلى الله عليه وسلمގެ އަރިހަށް އަންހެނަކު ދެ ދަރިން ގޮވައިގެން އައެވެ.
(އެއް ރިވާޔަތުގައި: އެއް ކުއްޖަކު އުރައިގެން އަނެއް ކުއްޖަކުގެ އަތުގައި ހިފައިގެންނެވެ.)
ދެން ނަބިއްޔާ صلى الله عليه وسلمގެ އަހުލުންގެ ގާތުގައި އެއްޗެއް ހުރިތޯ އައްސަވައިގެން، ތިން ކަދުރު މެނުވީ ލިބިވަޑައިނުގަތެވެ.
ދެން އެކަލޭގެފާނު އެ ކަދުރުކޮޅު އެއަންހެނާއަށް ދެއްވިއެވެ.
ދެން އެއަންހެނާ ކޮންމެ ކުއްޖަކަށް ކަދުރެއް ދީފައި، އަނެއް ކަދުރު ހިފައިގެން ހުރިއެވެ.
ދެން އޭނާގެ ކުދިން ރޯންފެށިއެވެ.
އެހިނދު އޭނާގެ އަތުގައި އޮތް ކަދުރުވެސް ދެފަޅިއަށް ފަޅާލާފައި ކޮންމެ ކުއްޖަކަށް އެއް ފަޅި ދިނެވެ.
ދެން ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
"(މި އަންހެނުންނަކީ) ދަރިން ބަނޑުއަޅައި ވިހާ، ކިރުދޭ، އަދި ދަރިންނަށް ރަޙުމްކުރާ އޯގާތެރި ބައެކެވެ.
އެކަނބަލުންގެ ފިރިންނާމެދު ކަންތައްކުރާ ގޮތް ނުވީނަމަ (އެބަހީ: ފިރިންނަށް ނުކިޔަމަންތެރިވެ، ނުރުހޭ ގޮތްގޮތަށް އުނދަގޫކޮށް ނޫޅުނުނަމަ) ނަމާދުކުރާ އަންހެނުން ސުވަރުގެ ވަނީހެވެ.“
📚 މުސްނަދު އަޙްމަދު، ސުނަނު އިބްނު މާޖާ، އަލްމުސްތަދްރަކު ލިލްޙާކިމް، އަލްމުޢުޖަމުލް ކަބީރު 📚























































































