”ތިބާ ޢިލްމުލް ކަލާމްގެ އަހުލުވެރިންގެ (ޤުރްއާނާއި ސުންނަތް ދޫކޮށް ބުއްދީގެ ޙުއްޖަތްތަކާއި ވިސްނުންތައް ބޭނުންކޮށްގެން ދީނުގެ ކަންކަމުގައި ވާހަކަދައްކާ މީހުންގެ) މަޖްލިސްތަކަށް ޙާޒިރުވިންހެއްޔެވެ؟“
- --
- Jun 27
- 2 min read

އަބޫ ޢުމަރު އަޙްމަދު ބްނު މުޙައްމަދު އަލްމާލިކީ (429ހ)، ބަޣުދާދުން ޤައިރަވާނުގެ ރަށަށް އައިހިނދު އަބޫ މުޙައްމަދު އިބްނު އަބީ ޒައިދު އަލްޤައިރަވާނީ (386ހ) އެކަލޭގެފާނާ ވާހަކަދައްކަވަމުން އެއްސެވިއެވެ:
”ތިބާ ޢިލްމުލް ކަލާމްގެ އަހުލުވެރިންގެ (ޤުރްއާނާއި ސުންނަތް ދޫކޮށް ބުއްދީގެ ޙުއްޖަތްތަކާއި ވިސްނުންތައް ބޭނުންކޮށްގެން ދީނުގެ ކަންކަމުގައި ވާހަކަދައްކާ މީހުންގެ) މަޖްލިސްތަކަށް ޙާޒިރުވިންހެއްޔެވެ؟“
އަބޫ ޢުމަރު ވިދާޅުވިއެވެ:
”އާނއެކެވެ. އަހަރެން ދެފަހަރަކު ޙާޒިރުވީމެވެ. ދެން އެއަށްފަހުގައި އެމީހުންގެ މަޖްލިސްތައް އަހަރެން ދޫކޮށްލީމެވެ. އަދި އަނބުރާ ނުދަމެވެ.“
ދެން އަބޫ މުޙައްމަދު ވިދާޅުވިއެވެ:
”ކީއްވެހެއްޔެވެ؟“
ވިދާޅުވިއެވެ:
”އެންމެ ފުރަތަމަ އަހަރެން ދިޔަ މަޖްލިސްގައި، އަހަރެންނަށް ފެނުނީ ހުރިހާ ވައްތަރެއްގެ ފިރުޤާއެއް ޖަމަޢަވެފައިވާ މަޖްލީހެކެވެ.
މުސްލިމުންގެ ތެރެއިންވާ ސުންނަތުގެ އަހުލުވެރިންނާއި ބިދުޢަވެރިންވެސް ހިމެނޭގޮތަށް، އަދި މަޖޫސީންނާއި، ދަހްރީންނާއި، ޒިންދީޤުންނާއި، ޔަހޫދީންނާއި ނަޞާރާ ކާފަރުންނާއި، އަދި އެނޫންވެސް އެކި ބާވަތްތަކުގައި ކާފަރުންނެވެ.
އަދި ކޮންމެ ފިރުޤާއެއްގައިވެސް އެފިރުޤާއެއް ދެކޭ ގޮތުގެ މައްޗަށް ވާހަކަދައްކާ، އަދި ދިފާޢުކޮށްގެން ވާހަކަދައްކާ ރައީސަކުހުއްޓެވެ.
ދެން ކޮންމެ ޖަމާޢަތެއްގެވެސް ބޮޑު ރައީސް އަންނަހިނދު، އެޖަމާޢަތުގެ މީހުން ފައިމައްޗަށް ކޮޅަށް ތެދުވެއެވެ. ދެން އެ ބޮޑުމީހާ އިށީންނީމާ އެމީހުންވެސް އިށީންދެއެވެ.
ދެން އެއްވެސް މީހަކު ބާކީނުވެ އެންމެން ހަމަވީމާ ކާފަރުންގެ ތެރެއިން މީހަކު ބުނެއެވެ:
"ކަލޭމެން އެންމެން ތިޔަ އެއްތަންވީ މުނާޡަރާކޮށް ބަޙުޘްކުރުމަށެވެ. އެހެންވީމާ މުސްލިމުން އެމީހުންގެ ފޮތުން އަދި އެމީހުންގެ ނަބިއްޔާގެ ބަހުންވެސް އަހަރުމެންނަށް ޙުއްޖަތް ދައްކައިގެން ނުވާނެއެވެ!
އެހެނީ އަހަރުމެން އެ ފޮތެއްވެސް އަދި އެ ނަބިއްޔަކުވެސް ޤަބޫލެއް ނުކުރަމެވެ.
އެކަމަކު އަހަރުމެން މުނާޡަރާކޮށް މިބަހުޘްކުރަނީ ބުއްދީގެ ޙުއްޖަތްތަކުންނެވެ. އަދި ބުއްދީގެ ނަޒަރާއި، އަޅާކިޔުންތަކުން ނަގައިގަނެވޭ ކަންތަކުންނެވެ."
ދެން އެމީހުން (މުސްލިމުން) ބުނެއެވެ:
"އާނއެކެވެ. ތިގޮތަށް މައްސަލައެއް ނެތެވެ."
ދެން އަހަރެންނަށް މިބަސްތައް އަޑުއިވުނުހިނދު އެމަޖްލީހަކަށް އަނބުރާ ނާންނަމެވެ. ދެން އަނެއްކާ ކަލާމުގެ އެހެން މަޖްލީހެއް އެބައޮތްކަމަށް އަހަރެންގެ ގާތުގައި ބުނެވުނެވެ.
ދެން އެ މަޖްލީހަށް ދިޔައިރު، ހަމަ އެމީހުންގެ ކަންތައްވެސް އޮތީ އެގޮތަށްކަން އަހަރެންނަށް ފެނުނެވެ.
ދެން އެހިސާބުން ކަލާމުގެ އަހުލުވެރިންގެ މަޖްލީސްތަކުން އަހަރެން ވަކިވީމެވެ. އަދި އަނބުރާ ނުދަމެވެ.“
ދެން އަބޫ މުޙައްމަދު އިބްނު އަބީ ޒައިދު ވިދާޅުވިއެވެ:
”އެކަންތަކާއި އެބަސްތަކަށް މުސްލިމުން ހަމަ ރުހުނީހެއްޔެވެ!؟“
އަބޫ ޢުމަރު ވިދާޅުވިއެވެ:
”އަހަރެންނަށް އެމީހުންގެ ފުށުން ފެނުނީ ހަމަ މިހެންނެވެ.“
ދެން އަބޫ މުޙައްމަދު އެކަމާމެދު ޢަޖައިބުވިއެވެ. އަދި ވިދާޅުވިއެވެ:
”ޢިލްމުވެރިން ފިލައިގޮސްފިއެވެ!
އަދި އިސްލާމްދީނުގެ ޙުރުމަތާއި ދީނުގެ ޙައްޤުތައް ނެތިގޮސްފިއެވެ!
(މިގޮތަށް) މުސްލިމުންނާއި ކާފަރުންނާ ދެމެދު މުނާޡަރާކޮށް ބަޙުޘްކުރަން މުސްލިމުން ހުއްދަކުރާނީ ކިހިނަކުންހެއްޔެވެ!؟
އިސްލާމްދީނާއި މުޙައްމަދު صلى الله عليه وسلم އަށް އިޤުރާރުވެގެން ތިބި މުސްލިމުންގެ ތެރެއިންވާ ބިދުޢާގެ އަހުލުވެރިންނާމެދުވެސް މިގޮތަށް ކަންތައްކުރުން ހުއްދަނުވެއެވެ!
ހަދަންޖެހޭނެ ގޮތަކީ އިސްލާމްދީނަށް ނިސްބަތްވެގެން، ބިދުޢާގެ މަތީގައި ތިބި މީހުން ސުންނަތާއި ޖަމާޢަތަށް އެނބުރި ރުޖޫޢަވުމަށް ގޮވާލެވޭނީއެވެ.
އޭނާ އެނބުރި ރުޖޫޢަވެއްޖެނަމަ އެކަން ޤަބޫލުކުރެވޭނެއެވެ. އެކަމާ ދެކޮޅުހަދާ އިންކާރުކޮށްފިނަމަ އޭނާގެ ކަނދުރާ ކަނޑާލެވެއެވެ.
ދެންފަހެ ކާފަރުންނަށް ބަލާއިރު، އެމީހުންނަށް އިސްލާމްކަމަށް ގޮވާލެވި ދަޢުވަތު ދެވޭނެއެވެ. ދެން އެމީހުން ޤަބޫލުކޮށްފިނަމަ އެމީހުންނަށް ގެއްލުމެއްނުދީ ދުރުވެވޭނެއެވެ. އެމީހުން ދެކޮޅުހަދައިފިނަމަ، އެކަމަކު ޖިޒްޔަ ޤަބޫލުކުރެވޭ ފަދަ ބަޔަކުކަމުގައިވެ ޖިޒްޔަ ދީފިނަމަ އެމީހުންނާވެސް ނުބެހެވޭނެއެވެ. އަދި އެކަން ޤަބޫލުކުރެވޭނެއެވެ.
އެކަމަކު އަހަރުމެންގެ ފޮތާއި، އަހަރުމެންގެ ނަބިއްޔާގެ ބަސްފުޅަކުން ޙުއްޖަތް ނުދައްކާ ގޮތަށް އެމީހުންނާ ބަޙުޘްކޮށް މުނާޡަރާކުރުން ފަހެ މިއީ ހުއްދަވާނެކަމެއް ނޫނެވެ! إنا لله وإنا إليه راجعون.“
📖 ޖަޒްވަތުލް މުޤްތަބަސް 📖





































































































