”ދެއްކުންތެރިކަމާއި އާފާތްތަކަށް ބިރުން ހެޔޮކަންތައް ކުރުން ދޫކޮށްލުމުގެ ބާބު ބަޔާންކުރުން:
- --
- Jul 2
- 2 min read

🌴 އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ:
”ދެއްކުންތެރިކަމާއި އާފާތްތަކަށް ބިރުން ހެޔޮކަންތައް ކުރުން ދޫކޮށްލުމުގެ ބާބު ބަޔާންކުރުން:
ދަންނާށެވެ!
މީސްތަކުންގެ ތެރޭގައި، ދެއްކުންތެރިއަކަށް ވެދާނޭކަމަށް ބިރުން ހެޔޮ ޢަމަލުކުރުން ދޫކޮށްލާ މީހުންވެއެވެ.
އެއީ ގޯހެކެވެ. އަދި ޝައިޠާނާއަށް ވެވޭ އެއްބަސްވުމެކެވެ.
އެކަމަކު އޭގައި އަހަރުމެން ތަފްޞީލުކޮށް ބުނަމެވެ. ހެޔޮކަންތައް ބެހިގެންދަނީ:
🔹ސީދާ އެކަމުގައި (ދުނިޔަވީ) ލައްޒަތެއް ނެތް ކަންކަމެވެ. މިސާލަކަށް ނަމާދާއި، ރޯދައާއި، ޙައްޖާއި، ހަނގުރާމަކުރުންފަދަ ކަންކަމެވެ. އެއީ ގަދައަޅާ މަސައްކަތްކުރަން ޖެހޭ ކަންކަމެވެ. އަދި އެކަންކަން ލައްޒަތް ހުރި ކަންކަމަށްވަނީ އެކަންކަމުން މީސްތަކުންގެ މަދަޙަޘަނާއަށް ވާޞިލުކޮށްދޭ ދިމާލުންނެވެ. މީސްތަކުން ޘަނާކިޔާ ތަޢުރީފުކުރުމަކީ ލައްޒަތުހުރި ކަމެކެވެ.
🔹އަނެއްބަޔަކީ: އޭގެ ޒާތުގައި ލައްޒަތްހުރި ކަންކަމެވެ.
މިސާލަކަށް ޚަލީފާކަމާއި، ޤާޟީކަމާއި، ވެރިކަމުގެ މަޤާމުތަކާއި، ނަމާދުގެ އިމާމުކަމާއި، ވަޢުޡު ނަޞޭޙަތްދިނުމާއި، ކިޔަވާދިނުމާއި، މީހުންނަށް މުދާ ހޭދަކުރުމާއި، އެނޫންވެސް އެކަންކަން މީހުންނާ ގުޅިގެންވާތީވެ، އަދި އެކަންކަމުގައި ލައްޒަތުވާތީވެ އޭގެ އާފާތްތައް ބޮޑުވެގެންވާ ކަންކަމެވެ.
ދެންފަހެ ފުރަތަމަ ބައިގެ ޢަމަލުތަކަށް ބަލާއިރު، އެއީ އެހެން މީހުންނާ ގުޅިގެންނުވާ ގޮތަށް އަމިއްލަ ހަށިގަނޑަށް ލާޒިމްވެގެންވާ، އަދި ސީދާ އެކަމުގައި ލައްޒަތެއް ނުވާ، ނަމާދާއި ރޯދަފަދަ ކަންކަމުގައި: ފަހެ ދެއްކުންތެރިކަމުގެ ވިސްނުންތައް އޭގައި އަންނަނީ ތިން ގޮތަކަށެވެ:
▪️ފުރަތަމައީ: ޢަމަލުކުރުމުގެ ކުރިން ވަންނަ ވިސްނުމާއި ޚިޔާލެވެ. ދެން ޢަމަލު ފެށުމަށް މެދުވެރިކުރަނީ މީސްތަކުންނަށް އެކަން ދެއްކުމުގެ ޤަޞްދެވެ. ދީންވެރިކަމުން ދީނަށް އުޅުމުގެ ޤަޞްދެއް އެކަމުގައި ނުވާ ޙާލުއެވެ.
މިފަދައިން ކަންތައް ވެއްޖެނަމަ އެކަމެއް ދޫކޮށްލަން ޖެހެއެވެ. އެހެނީ އެއީ ހެޔޮކަމެއްކަމުގައި އެކަން ނުވާ އުރެދުމެކެވެ. އެހެނީ އެއީ ހެޔޮކަމެއްގެ ޞޫރަ ޖެހިގެން، މީސްތަކުންގެ ގާތުގައި ދަރަޖަ ހޯދަން ފާޅުވި ކަމެކެވެ.
▪️ދެވަނައީ: ﷲ އަށްޓަކައި އެ ޢަމަލެއް ކުރަން މެދުވެރިވިއެވެ. އެކަމަކު އަޅުކަން ފެށުމާއިއެކު އޭގެ ކުރީކޮޅުން ދެއްކުންތެރިކަން ހުށަހެޅުނެވެ.
މި ޙާލަތުގައި ޢަމަލު ދޫކޮށްލުން އެކަށީގެން ނުވެއެވެ. އެހެނީ އެއީ ދީނީގޮތުން ދީނަށްޓަކައި ކުރުމަށް އެ ޤަޞްދުގައި ވުޖޫދުވެގެން އައި ކަމެކެވެ.
އެހެންކަމުން އޭނާ އެޢަމަލު ފަށައިގެން ކުރިއަށް ގެންދާހުށިކަމެވެ. އަދި ދެއްކުންތެރިކަން ދުރުކުރުމަށާއި، އިޚްލާޞްތެރިކަން ޙާޞިލުކުރުމަށް އަހަރުމެން ޛިކުރުކުރި ކަންތަކާއެކު އޭނާގެ ނަފްސާ ދެކޮޅަށް ޖިހާދުކުރާހުށިކަމެވެ. އެއީ ދެއްކުންތެރިކަމަށް ނުރުހުންވެ ނަފްރަތުކުރުމަށާއި، އެކަން ބަލައިގަނެ ޤަބޫލުކުރިޔަ ނުދޭން ދެކޮޅުހަދަން ނަފްސަށް ލާޒިމްކޮށްގެންނެވެ.
▪️ތިންވަނައީ: ކަންދައްކަން އުޅޭ މީހެކޭ މީހުން ކިޔާފާނޭކަމަށް ބިރުން ޢަމަލުކުރުން ދޫކޮށްލުމެވެ. މިކަންވަނީ ޝައިޠާނާގެ މަކަރުވެރި ރޭވުންތަކުންނެވެ.
އިބްރާހީމު އައްނަޚަޢީ ވިދާޅުވިއެވެ:
"ތިބާ ނަމާދުގައި ހުއްޓާ ޝައިޠާނާ އައިސް "ކަލޭ ތިޔަ އުޅެނީ ކަންދައްކާށޭ" ބުނެފިނަމަ، ފަހެ ތިބާ ނަމާދު ހައްތަހާ ދިގުކޮށްލާށެވެ."...
ދެވަނަ ބާވަތުގެ ޢަމަލުތައްކަމުގައިވާ: ޚަލްޤުތަކުންނާ ގުޅިގެންވާ، އަދި ނުރައްކާތަކާއި އާފާތްތައް ޖެހުން ބޮޑުވެގެންވާ ޢަމަލުތަކަށް ބަލާއިރު އޭގެ އެންމެ ބޮޑުކަމަކީ ޚަލީފާކަމެވެ. އެކަން އެންމެ ބޮޑެތި އަޅުކަންތަކުންވެއެވެ...
އެކަމަކު ސަލަފުންގެ ބޭކަލުން ވެރިކަމުގެ މަޤާމުތަކާ ހަވާލުނުވާންވެގެން ފިލައި ރައްކާވުން މެދުނުކެނޑެއެވެ.
އެއީ އެ ކަންކަމުގައިވާ ނުރައްކަލާއި، އެއިން އަންނަ ޖާހާއި މަޤާމުގެ ލައްޒަތާއި، މީހުންގެ މައްޗަށް ބާރުފޯރުވާ އިސްވެ އަމުރުތައް ތަންފީޒުވުމުގެ ލައްޒަތަށްޓަކައިއެވެ. އެއީ ދުނިޔަވީ އެންމެ ބޮޑެތި ލައްޒަތްތަކެވެ.
އަދި އޭގެ އަހުލުވެރިޔާގެ ޙާލަތު ގިނަފަހަރު އޮންނަ ގޮތަކީ އޭނާގެ އަމިއްލަ އެދުމަށް އެއްބަސްވުމެވެ. އެހެންވެ ނަބިއްޔާ صلى الله عليه وسلم، ޢަބްދުއް ރަޙްމާނު ބްނު ސަމުރާއަށް ޙަދީޘްކުރެއްވިއެވެ:
"އޭ ޢަބްދުއް ރަޙްމާނެވެ! ތިބާ ވެރިކަން ހޯދަން އެދި ސުވާލުނުކުރާށެވެ."
(އީމާންކަމާއި ދީންވެރިކަން) ވަރުގަދަވެގެންވާ މީހުންނަށް ވެރިކަމުގެ މަޤާމުތަކުން ގެއްލުން ނުކުރެއެވެ.
އަނެއްކޮޅުން ބަލިކަށި މީހުންނަށް އެއިން ގެއްލުންވެއެވެ.
އެހެންވެ އަބޫބަކުރު އައްޞިއްދީޤު އެކަމާ ހަވާލުވެވަޑައިގެންނެވިއެވެ. އަދި އެއާއެކު އެކަލޭގެފާނު މީހަކަށް ވިދާޅުވިއެވެ:
"ދެ މީހެއްގެ މައްޗަށް ވެރިޔަކު ކަމުގައި ތިބާ ނުވާހުށިކަމެވެ."
ޤާޟީކަމަކީވެސް ޚަލީފާކަންފަދަ ވެރިކަމެކެވެ. އަދި ޙައްޤަށް ނިޔާކަނޑައަޅަން ނުކުޅެދިފައިވެސް، ޤާޟީކަމުން ވަކިވުމަށް ނުރުހިއްޖެ މީހާއީ ފަހެ އަމިއްލަ އެދުމަށް ޚިދުމަތްކުރާ މީހެކެވެ.
ދެންފަހެ ފަތުވާދިނުމާއި، ކިޔަވާދިނުމާއި، ދަރުސްދިނުމާއި، ޙަދީޘް (މަޖްލިސްތަކުގައި) ރިވާކުރުމާއި މިކަންކަމުގެ އާފާތްވެސް ހަމަ ވެރިކަމުން އަންނަ އާފާތްތައް ފަދައިން ބޮޑުވެގެންވެއެވެ. ސަލަފުންގެ ތެރޭގައި ބިރުވެތިވެލައްވާ ބޭކަލުން ފަތުވާދިނުން އެއް ބޭކަލަކު އަނެއްބޭކަލަކަށް ހަވާލުކުރައްވައެވެ.
އަދި ދަރުސްދީ ވަޢުޡުދޭ މީހާގެ ވާހަކަތައް ޤަބޫލުކުރެވި، އަދި އޭނާގެ މަޖްލީސްގައި މީހުންތައް (ގިނަވެ ޖަމަޢަވެގެން) އަޑުގަދަކުރުމުގައި ބޮޑުވެގެންވާ ލައްޒަތެއް އޭނާއަށް ލިބެއެވެ.
އެކަމަށްޓަކައި ބާޠިލު ބަސްތަކެއްވެސް ޖަރީކޮށް ޒީނަތްތެރިކޮށްގެން ދެއްކުމަށް އޭނާ ލެނބިގެން ނުދާނޭކަމާމެދު އަމާންކަމެއް ނުވެއެވެ. އެއީ އޭނާގެ މަޤްޞަދުކަމުގައިވާ: މީސްތަކުންގެ ހިތްތަކަށް ގުޑުންއަރުވާ ޙަރަކާތްކޮށްލުމަށްޓަކައިއެވެ.
އޭރުން އޭގެ ސަބަބުން އެމީހުންގެ ގާތުގައި އޭނާގެ މަޤާމާއި ދަރަޖަ ބޮޑުވެގެންދިޔުމަށެވެ.
މިފަދަ މީހެއްގެ ޢަލާމާތަކީ: މިންބަރުގައި ކިޔޭނެކަހަލަ (ސަމާލުކަންލިބޭ މޮޅު) ވާހަކައެއް އަޑުއިވިއްޖެނަމަ އެކަމަށްޓަކައި އޭނާ އުފާވުމެވެ.
އޭނާ ޙައްޤުގޮތުގައި ހުރި މީހެއްނަމަ އުފާކުރާނީ އެބަސްތަކަކީ ބާއްޖަވެރިކަމުގެ މަގަށް މަގުދައްކާނެ ހެޔޮ ރަނގަޅު ބަސްތަކަކަށްވާތީއެވެ.
ދެންފަހެ މިހެން ބުނެވިއްޖެނަމަ: 'ތިގޮތަށް ބުނުމަކީ ޤާޟީކަމާއި، ފަތުވާދިނުމާއި، ދަރުސްދިނުންފަދަ ކަންކަން ހުއްޓި ކަނޑުވާލާ ބަހެކެވެ.'
އަހަރުމެން ބުނަމެވެ: އެހެން އެކަން ނުވެއެވެ. އެހެނީ (މީސްތަކުންގެ ތެރޭގައި) ރިޔާސަތަށް އޮންނަ ލޯބީގެ ސަބަބުން އެކަންކަން އުވިދިޔަ ނުދެއެވެ. އެއާއެކު އަހަރުމެން ޢިލްމުތައް ނުބައިކޮށް އެއްޗެހި ނުކިޔަމެވެ.
އަހަރުމެން ނުބައިކުރަނީ: އެއިން ހޯދާ ނުބައި މަޤްޞަދެވެ.
މަޤްޞަދު ޞައްޙަވެގެންވާކަމުގެ ޢަލާމާތަކީ: އެމީހަކަށްވުރެ މޮޅަށް ދަންނަ ޢިލްމުވެރި މީހަކު ފާޅުވިޔަސް އޭނާ އެމީހަކާމެދު ޙަސަދަވެރި ނުވުމެވެ.
ނަމަވެސް ޣިބްޠާ (އަނެކާގެ ޢިލްމު ނެތިދިޔުމަށް ނޭދި، މީނާއަށްވެސް އެފަދަ ޢިލްމު ލިބުމަށް އުއްމީދުކުރުން) މައްސަލައެއް ނޫނެވެ...“
📖 މިންހާޖުލް ޤާޞިދީން 📖





































































































