އަންހެނާއަކީ ފިރިމީހާއަށް މިލްކުވެގެންވާ އަޅެއްފަދައިންވާ މީހެއްކަން ދަންނަންޖެހެއެވެ.
- --
- 1 hour ago
- 2 min read

💥 އައްޛަހަބީ (748ހ) އަށް ނިސްބަތް ކުރެވޭ އަލްކަބާއިރު ފޮތުގައިވެއެވެ:
”އަންހެނާއަކީ ފިރިމީހާއަށް މިލްކުވެގެންވާ އަޅެއްފަދައިންވާ މީހެއްކަން ދަންނަންޖެހެއެވެ.
އެގޮތުން ފިރިމީހާގެ އިޛްނަ ނެތި އެކަނބުލޭގެ ނަފްސުގައި އަދި ފިރިމީހާގެ މުދަލުގައިވެސް ކަމެއްކޮށްގެން ނުވާނެއެވެ.
އަދި އަންހެނާގެ އަމިއްލަ ޙައްޤުގެ މައްޗަށް ފިރިމީހާގެ ޙައްޤު އިސްކޮށް ކުރިއަށް ނެރެ،
އަދި އަންހެނާގެ ތިމާގެ މީހުންގެ ޙައްޤުތަކުގެ މައްޗަށް ފިރިމީހާގެ ތިމާގެ މީހުންގެ ޙައްޤުތައް ކުރިއަށް ނެރެންވާނެއެވެ.
އަދި ސާފުތާހިރުކަމުގެ ހުރިހާ ކަންކަން ބޭނުންކޮށްގެން އަންހެނާގެ ނަފްސު އަބަދުވެސް ފިރިމީހާގެ ހިތްހަމަޖެހުމާއި ލައްޒަތު ހޯދައިދިނުމަށް ތައްޔާރުކޮށްފައި ބަހައްޓާހުށިކަމެވެ.
އަދި އަންހެނާއަށް ލިބިފައިވާ ރީތިކަމަށްޓަކައި ފިރިމީހާގެ މައްޗަށް ފަޚުރުވެރިވެ މޮޅުނުވާހުށިކަމެވެ.
އަދި ފިރިމީހާގެ ހުތުރު ޞިފައެއް ހުރިނަމަ އެކަމަށް ފާޑުކިޔާ ޢައިބު ނުކިޔާހުށިކަމެވެ.
އަލްއަޞްމަޢީ ވިދާޅުވިއެވެ:
"އަހަރެން އެއްފަހަރަކު ރަށްފުށު ހިސާބު އައްސޭރިއަކަށް ވަނީމެވެ. ދެން ޞިފަ ހުތުރު ފިރިހެނަކާއެކު ބުރުސޫރަ ރީތި އަތްނބަކު ހުރިތަން ފެނުނެވެ.
ދެން އަހަރެން ބުނީމެވެ:
"ކަނބުލޭގެ މިފަދަ ފިރިޔަކާއެކު އުޅެން ނަފްސަށް ރުހުނީ ކިހިނެއްހެއްޔެވެ؟"
އެކަނބުލޭގެ ބުންޏެވެ:
"އޭ މިހިރަ މީހާއެވެ! އަޑުއަހާށެވެ! ފަހަރެއްގައި އޭނާގެ ޚާލިޤު ﷲ އާއި އޭނާއާ ދެމެދުގައި އޮތް ކަންކަމުގައި ހެޔޮ ރަނގަޅުކޮށް އޭނާ ކަންތައްކުރުމުން އަހަރެންނަކީ އެކަލާނގެ އޭނާއަށް ދެއްވި ޘަވާބެއްކަމުގައި ވެދާނެއެވެ.
ނޫނީ ފަހަރެއްގައި އަހަރެން ކޮށް އުޅުނު ނުބައި ކަންތަކެއްގެ ސަބަބުން އޭނާއަކީ އެކަލާނގެ އަހަރެންނަށް ދެއްވި ޢުޤޫބާތެއްކަމުގައި ވެދާނެއެވެ."
ޢާއިޝާ ވިދާޅުވިއެވެ:
"އޭ އަންހެންތަކުންނޭވެ! ތިޔަ އަންހެންތަކުންގެ މައްޗަށްވާ ފިރިންގެ ޙައްޤުގެ ބޮޑުކަން އެނގުނުނަމަ,
ފިރިމީހާގެ ފައިތިލާގައި ހުރި ހިރަފުސްތައް، އަންހެނާގެ ކޯތާފަތުންވެސް ފޮހެދިނީހެވެ."
އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
"ތިޔަބައިމީހުންގެ އަނބިންގެ ތެރެއިން ސުވަރުގޭގެ އަހުލުވެރިންނަކީ: ލޯބިވުންބޮޑު އަންހެނާއެވެ.
އެއީ އެކަނބުލޭގެ (ފިރިމީހާއަށް) އުނދަގޫކޮށް ޖެއްސުމެއް ކުރެވިއްޖެނަމަ، ނުވަތަ އެކަނބުލޭގެއަށް (ފިރިމީހާގެ ފުށުން) އުނދަގޫ ލިބިއްޖެނަމަ,
ފިރިމީހާގެ ގާތަށް އައިސް ފިރިމީހާގެ އަތްތިލާގައި އެކަނބުލޭގެ އަތް ބާއްވާފައި މިހެން ބުނާ އަންހެނާއެވެ:
"ތިބާ ރުހިއްޖައުމަށް ދާންދެން އަހަރެން ލޮލުފިޔައެއްވެސް ޖަހާނުލާނަމެވެ."
އަދިވެސް އަންހެނާ ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި:
ފިރިމީހާއާމެދު އަދަބުވެރިވެ ލަދުވެތިކަން އަބަދުވެސް ބަހައްޓާ،
(އަދަބު އިޙްތިރާމް ކުރުމުގެ ގޮތުން) ފިރިމީހާގެ ކުރިމަތީގައި އިސްތިރިކޮށް،
އޭނާގެ އަމުރަށް ކިޔަމަންވެ،
އޭނާ ވާހަކަދައްކާހިނދު ހަނުހުރެ،
އޭނާ އަންނަހިނދު (އެހެން ކަންކަން ދޫކޮށް އޭނާގެ ޚިދުމަތަށް) ތެދުވެ،
އަދި އޭނާ ނުރުހޭ އެންމެހާ ކަންކަމުން ދުރުވެ އެއްކިބާވެ،
އޭނާ ނިކުންނަން ދާހިނދު (އަލްވަދާޢު ކިޔަން) އޭނާއާއެކު ތެދުވެގެންގޮސް،
އަދި އޭނާ ނިދަން އަރާހިނދު އެކަނބުލޭގެ ނަފްސު އޭނާއަށް ހުށަހެޅުން ވެއެވެ.
އަދި ފިރިމީހާ ނެތްތާގައި ތަންމައްޗަށް ޚިޔާނާތްތެރިވުމާއި، ފިރިމީހާގެ މުދަލާއި ގެޔާމެދު ޚިޔާނާތްތެރިވުން ދޫކޮށްލުމެވެ.
އަދި ވަސްމީރުކޮށް، އަނގަ ސާފުކޮށް ބަހައްޓާ،
ހުވަނދު ލައި، އަބަދުވެސް ފިރިމީހާ އަންނަހިނދު ޒީނަތްތެރިވެ ރީތިކޮށްހުރުމެވެ.
އަދި ފިރިމީހާގެ ޢާއިލާއާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށްހިތާ ކަމޭހިތުމާއި،
ފިރިމީހާ ކޮށްދޭ ކިތަންމެ ކުޑަކަމެއްވެސް އެއީ ބޮޑުކަމެއްގެ ގޮތުގައި ދެކުމެވެ.“
📖 އައްޛަހަބީއަށް ނިސްބަތްވާ އަލްކަބާއިރު 📖























































































