”ނަފްސު ވަކިކަމަކާ އުޅެގަންނަހިނދު ބުއްދިން ނަފްސު ވަޒަންކުރުމުގައި ކޮންމެހެންވެސް ދެކަމަކަށް ބަލަންޖެހެއެވެ:
- --
- 6 days ago
- 2 min read

▪️ފުރަތަމައީ: ނަފްސު އެކަމަކަށް ކުރިމަތިލައިގެން އުޅުމުގެ ވަރުގަދަކަމާއި ބަލިކަށިކަމަށެވެ.
އެކަންހުރި މިންވަރެއްގެ މައްޗަށް ބުއްދިން ނަފްސު ހިފަހައްޓައިގެން، އަދި ދޫކޮށްލައިގެން، އަދި ކޮއްޕާލައިގެން ބަލަހައްޓައެވެ.
އެގޮތުން އެކަމަކަށް ކުރިމަތިލައިގެން ދާގޮތަށް ހުރިނަމަ އެކަމެއްގެ މަތީގައި ދެމިނުހުރެވޭނެވަރަށް (މާ މައްޗަށް ދިޔަނުދީ) ނަފްސު ދަމައިގެން ހިފަހައްޓައެވެ.
މެދުމިނުގައި ނަފްސުވާނަމަ އެހުރި ގޮތަށް ދޫކޮށްލައެވެ. ނަފްސު ބަލިކަށިކޮށްވާކަމަށް ފެނިއްޖެނަމަ ބުއްދިން ނަފްސު ކޮއްޕައިގެން ފޮނުވައެވެ.
(ނަފްސު އެކަމަށް ކުރިމަތިލައިގެން އުޅޭވަރުގެ) ވަރުގަދަކަމާއި ބަލިކަށިކަން ހުރިވަރަކުން ގަދައަޅާ ޖިހާދުކުރަން ޖެހެއެވެ. އަދި ނަފްސާ ދެކޮޅަށް ޖިހާދުކުރުމުން އެނަފްސަށް ވޭނާއި ކެކުޅުން އަޅައެވެ. އަދި ނަފްސު އެދިގަޔާވާ ގޮތަކަށް ދިޔުމަށް ޚާއްޞަކޮށް އެކަމަކާ އުޅެގަންނައިރު އެގޮތަށް ދޫކޮށްލުމަކީ ވަކި ހިސާބަކުން ނަފްސު ހުއްޓިގެން ކެނޑިގެންދާން މެދުވެރިކުރާ ކަމެކެވެ.
ފަހަރެއްގައި ދެން ނަފްސު އެކަމަށް ނުރުހި، އެކަން ދޫކޮށް އަނބުރާ ފަހަތަށްވެސް އައިސްދާނެއެވެ.
މިއީ ބުއްދިން ނަފްސު ސިޔާސަތުކޮށް ބެލެހެއްޓުން ބަލިކަށިވުމުންވާ ކަމެކެވެ. ޙަދީޘްގައި މިކަމާމެދު ރިވާކުރެވޭ ބަސްފުޅުގައިވެއެވެ:
"ހަމަކަށަވަރުން މިދީނަކީ ވަރުގަދަ ހަރުދަނާ ދީނެކެވެ. އެހެންކަމުން މަޑުމައިތިރިކަމާއެކު ތިބާ އެއަށް ވަދެގަންނާށެވެ! އަދި ﷲ އަށް އަޅުކަންކުރުން ތިބާގެ ނަފްސަށް ނަފްރަތްތެރި ނުކުރުވާށެވެ!
ފަހެ (ދަތުރުގައި އަވަހަށްގޮސް މަގުގެއްލި ކެނޑޭމީހާ) ބިމެއްވެސް ކަޑައްތު ނުކުރެއެވެ. އަދި (ސަވާރުގެވެގެން އިން ސަވާރީގެ) ބުރިކަށިވެސް ދެމެހެއްޓިޔަ ނުދެއެވެ."
އިންސާނާގެ ހެޔޮ ޢަމަލުތައް ދޫކޮށް އޭގެ އިދިކޮޅު ނުބައި ޢަމަލުތަކަށް ގިނަފަހަރު ދަނީ ނުބައި ޢަމަލުތައް ކަމުގޮސްގެން އަދި އޭނާގެ ވިސްނުމުގެ މީޒާނުތައް ފުރޮޅިގެންނެއް ނޫނެވެ.
އެކަމަކު ނަފްސު ވަކިކަމެއް ކުރާހިތުން އުޅެގަންނަހިނދު އެނަފްސު ރާވާ ނުބެލެހެއްޓުމުން، ދެން އެނަފްސު ފޫހިވެ ހިތްކެނޑިގެންނެވެ. އަދި ފަހަރެއްގައި ދެން އެކަމަކަށް ނަފްސު ނަފްރަތްތެރިވެސް ވެދާނެއެވެ..
▪️ދެވަނަކަމަކީ: ނަފްސު އެކަމެއްގައި ދާން އޮންނަ މަގުގެ ދިގުމިނެވެ. އެމަގު ދިގުވެގެންވާ ވަރަކަށް، އެނަފްސަށް ހިތްވަރުދީ އަދި ހުއްޓުވައިގެން ބަލަހައްޓާ ރާވަންޖެހުމުގެ ޙާޖަތް ބޮޑުވެއެވެ.
އެއީ ކުރު މަގެއްނަމަ ދެން ބުއްދިން އެނަފްސު އެކަމަށް ދޫކޮށްލިޔަސް މާބޮޑު އަސަރެއް ނުކުރެއެވެ.
ދިގު މަގުތައްވާ ކަންކަމީ: ޢިލްމުގެ ވައްތަރުތައް އުނގެނުމާއި، އަޅުކަމުގެ އެކި ވައްތަރުތައް ކުރުމުގައި ހުރުމެވެ.
އެއީ ކުރު މަގުތަކެއްވާ ކަންކަންނަމަ މިސާލަކަށް، ވަކި މޫސުންތަކަކާއި ވަކި ވަޤުތެއްގައި ކުރުމަށް ޚާއްޞަކޮށް އަންނަ ކަންކަންނަމަ، ނަފްސު އެކަމަކާ އުޅެން ޝައުޤުވެރިވެއެވެ.
އެއީ ދުރު ވަޤުތުތަކެއްގައި މެނުވީ އެކަންކަން ތަކުރާރު ނުވާތީއެވެ. އެކަންކަމުގައި ބުއްދިން ނަފްސު ހަމަޖައްސާ ބަލަހައްޓަން އޮންނަ ޙާޖަތްވަނީ ކުޑަވެގެންނެވެ...
ނަފްސު ކަމަކާ ގަޔާވެ އުޅެގަންނަހިނދު ބުއްދި ހައްލާލައިގެން ކެހިދެއެވެ. އެއީ އެނަފްސު ބަލިކަށިވެގެންވާ ޙާލުގައިވެސް އެކަމެއްގައި ދެމިހުރުމުގެ ކުޅަދާނަކަން ހުރިކަމަށް ބުއްދިއަށް ވިސްނިއްޖައުމަށް ދާންދެނެވެ.
ބުއްދިން އެނަފްސުގެ ކަންކަން ނަގައިގަނެ، އަދި އެނަފްސުގެ ޙާލަތްތައް ހުރި ގޮތާމެދު ތަޖުރިބާ ބޮޑުވެގެންވިވަރަކަށް، އެނަފްސުގެ ކަންކަން ހަމަޖައްސާ ރާވާ ކޮންޓުރޯލުކުރަން ބުއްދި ކުޅަދާނަކަން ބޮޑުވެއެވެ.
އެކަންކަން ނޭނގޭނަމަ އެންމެ ރައްކާތެރިކަން ބޮޑުގޮތަކީ ނަފްސުގެ ކުޅަދާނަކަން ހުރި އެންމެ މަދު މިންވަރަކުން ފަށައިގެން މަޑުމަޑުން އެކަމެއް އިތުރުކުރުމެވެ.
އެއީ ނަފްސު ބުއްދިއަށް ކެހިދީގެން މާބޮޑަށް ގެންގޮސް ދެން ހުއްޓި، (ދެން) ބުއްދިން އެނަފްސު ސީދާކުރަން ނުކުޅެދުންތެރި ނުވުމަށެވެ.
އެއީ ސަވާރީއެއް މާ ބާރަށް ދުއްވަމުން ގޮސް ހަކަތަ ހުސްވެގެން (ދެން އޭތި ހުއްޓިގެން ވެއްޓުމުން) ސަވާރުވެގެން އިންނަ މީހާ (އޭތި ނަގާ ކޮޅަށްޖަހަން) ނުކުޅެދޭގޮތަށެވެ...“
- ޝެއިޚު ޠަރީފީ -
📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖



























































































