top of page
Featured Posts

މުއުމިނާއާ ކަދުރު ރުއް ވައްތަރުވާ ގޮތްތަކުގެ ތެރޭގައި:

  • --
  • 2 days ago
  • 2 min read

🌴 ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:


( أَلَمۡ تَرَ كَیۡفَ ضَرَبَ ٱللَّهُ مَثَلࣰا كَلِمَةࣰ طَیِّبَةࣰ كَشَجَرَةࣲ طَیِّبَةٍ أَصۡلُهَا ثَابِتࣱ وَفَرۡعُهَا فِی ٱلسَّمَاۤءِ )

(إبراهيم : ٢٤)


"اللّه ހެޔޮ ރަނގަޅު ކަލިމައެއްގެ މިސާލު، ހެޔޮ ރަނގަޅު ގަހެއް ފަދައިން ޖައްސަވަނީ ކޮންފަދައަކުންކަން ތިބާއަށް ނުފެނޭހެއްޔެވެ؟ އެގަހުގެ މައިގަނޑާއި ބުޑު ރަނގަޅަށް ބިމުގައި ހަރުލާ ސާބިތުވެފައިވެއެވެ. އަދި އެގަހުގެ ގޮފިތައް މައްޗަށް އަރައިގެންގޮސް އުޑަށްގޮސްފައެވެ."


ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:


”ގަސްތަކުގެ ތެރެއިން މުއުމިނާގެ މިސާލުގައިވާ ގަހެއްވެއެވެ. އެގަހުގެ ފަތްތައް ވިހުރި ފައިބައިގެން ނުދެއެވެ. އެއީ ކަދުރު ރުކެވެ.“


📚 ޞަޙީޙުލް ބުޚާރީ ، މުސްލިމް 📚


🌴އިބްނުލް ޤައްޔިމު (751ހ) ވިދާޅުވިއެވެ:


”މުއުމިނާއާ ކަދުރު ރުއް ވައްތަރުވާ ގޮތްތަކުގެ ތެރޭގައި:


1) ބިމުގައި ހަރުލާ ޘާބިތުވެގެންވުމެވެ. އެއްވެސް ޘާބިތުކަމެއް ނެތި އުފުރާލެވޭ ގަހެއް ގޮތަކަށް ނޫނެވެ.


2) ކަދުރު ރުކުގެ މޭވާގެ ހެޔޮކަމާއި ފޮނިކަމާއި މަންފާ ޢާއްމުވުމެވެ. އެފަދައިން މުއުމިނުއަޅާވެސް އެއީ ބަސް ހެޔޮ، ޢަމަލު ހެޔޮ، އޭނާގެ އަމިއްލަ ނަފްސާއި އެހެން މީހުންނަށް މަންފާހުރި މީހެކެވެ.


3) ކަދުރު ރުކުގެ ޒީނަތާއި ފަތްތައް ތާއަބަދު ހުރުމެވެ. ހޫނު މޫސުމުގައިވެސް ފިނިމޫސުމުގައިވެސް އެގަހުގެ ފަތްތައް ނުފައިބައެވެ. އެފަދައިން މުއުމިނުއަޅާވެސް އޭނާގެ ކިބައިން ތަޤުވާގެ ފޭރާމާއި ޒީނަތް ފިލައިނުދެއެވެ. އޭނާ ﷲ އާ ބައްދަލު ވެއްޖައުމަށް ދާންދެނެވެ.


4) އޭގެ މޭވާ ލިބުން ފަސޭހަވުމެވެ. ކުރު ރުއްތަކަށް ނުވެސް އަރާ މޭވާ ލިބެއެވެ. އަދި ދިގު ރުއްތަކަށްވެސް އެހެން ދިގު ގަސްތަކަށްވުރެ އަރަން ފަސޭހަވުމެވެ. ހަރުގަނޑު ބެހެއްޓުމަށް ތައްޔާރު ކުރެވިގެންވާކަހަލައެވެ. އެފަދައިން މުއުމިނުއަޅާވެސް އޭނާގެ ހެޔޮކަން ހޯދައިގަންނަން ބޭނުންވާ މީހަކަށް އެއީ ފަސޭހަކަމެކެވެ. އުނދަގުލެއް މަލާމާތެއް ކުރުމެއް ނެތިއެވެ.


5) ކަދުރު ރުކުގެ މޭވާއަކީ އެންމެ ފައިދާ ހުރި މޭވާއެވެ. ރޯކޮށް އަދި ހިއްކައިގެންވެސް އެ ކެވެއެވެ. އެގޮތުން މޭވާއެއްކަމުގައި، އަދި އަސާސީ ކޮއްތެއްކަމުގައި، އަދި ލައިގެންކާނެ އެއްޗެއް ކަމުގައިވެސް އެފުދެއެވެ. އެއިން ރާހުތާއި، ފޮނި ކާއެއްޗެހި ހެދެއެވެ. އަދި ބޭހާއި ބުއިންތައްވެސް ހެދެއެވެ...


6) ކަދުރު ރުކަކީ ވަޔާއި އުނދަގޫތަކަށް އެންމެ ގަދަ ގަހެވެ. އެހެން ގަސްތައް ވަޔާއެކު ލެނބި، އަނެއް ފަހަރު މުލުން ލުހި، ގޮފިތައް ބިންދައިގެން ދެއެވެ. އަދި ކަދުރު ރުއް ހުންނަ މުއްދަތަށް ފެން ނުލިބި ގިނަ ގަސްތަކަށް ނުހުރެވެއެވެ. އެގޮތަށް މުއުމިނާވެސް ބަލާއާއި މުޞީބާތްތަކަށް ކެތްގަދައެވެ. ވައިޖެހޭކޮޅަކަށް އޭނާ މެޅިގެން ނުދެއެވެ.


7) ކަދުރު ރުކަކީ މުޅިންވެސް މަންފާއެވެ. މަންފާއެއް ނުވާ އެއްޗެއް އެޔަކުން ނުވެއްޓެއެވެ. އޭގެ މޭވާ އެއީ މަންފާއެކެވެ. އޭގެ ގަސްގަނޑަކީވެސް، ފަންތަކަކީވެސް މަންފާތައް ހުރިއެއްޗެކެވެ...


8) ކަދުރު ރުކުގެ ޢުމުރު ދިގުވި ވަރަކަށް އޭގެ ހެޔޮކަން އިތުރުވެ، މޭވާ ރަނގަޅުވެއެވެ. އެގޮތަށް މުއުމިނުއަޅާވެސް ޢުމުރު ދިގުވެއްޖެނަމަ އޭނާގެ ހެޔޮކަން އިތުރުވެ ޢަމަލުތައް ރަނގަޅުވެއެވެ.


9) އެގަހުގެ މަދަކީވެސް އެންމެ ފޮނި މީރު މަދެވެ. އެގޮތަށް މުއުމިނާގެ މަދުކަމުގައިވާ ހިތަކީ އެންމެ ހެޔޮ ރަނގަޅު ހިތެވެ.


10) ކަދުރުރުކުގެ ހުރިހާ ފައިދާއެއް އެއްފަހަރާ ކެނޑިގެން ނުދެއެވެ. އެއް މަންފާ ކެނޑިއްޖެނަމަ އަނެއް މަންފާތައް ލިބެއެވެ. މޭވާ ނުލިބުނަސް އޭގެ ގަސްގަނޑާއި ފަންތަކާއި ފަތުން ފައިދާތައްވެއެވެ. މިގޮތަށް މުއުމިނުއަޅާވެސް ހެޔޮކަން އެއްކޮށް ހުސްވެ ކެނޑިގެން ނުދެއެވެ. އެއްކޮޅުން ހެޔޮކަން މަދުވިނަމަ އަނެއްކޮޅުން ހެޔޮކަން ރަނގަޅުވެއެވެ...“


📖 މިފްތާޙު ދާރުއް ސަޢާދާ 📖


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page