top of page
Featured Posts

މާތްވެގެންވާ ޞަޙާބީ، މުއުމިންތަކުންގެ ބޮޑުބޭބެ: މުޢާވިޔާ ބްނު އަބީ ސުފްޔާނު (60ހ):

  • _
  • 2 days ago
  • 2 min read

ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީންނާމެދު އަހުލުއްސުންނާގެ ޢަޤީދާއާ ޚިލާފުވުމުގެ ކޮޅުމަތި، އަދި އެތެރޭގައި ފޮރުވައިގެން އޮތް ނުބައި ފާސިދު ޢަޤީދާ ފާޅުވަނީ މާތްވެގެންވާ ޞަޙާބީ މުޢާވިޔާ ބްނު އަބީ ސުފްޔާނަށް ޤަދަރުކުޑަކޮށް، ކުޑައިމީސްކޮށް، ވަށްބަސްބުނާ ހިސާބުންނެވެ.


💥ވަކީޢު ބްނުލް ޖައްރާޙު (197ހ) ވިދާޅުވިކަމަށް ރިވާކުރެވެއެވެ:


”މުޢާވިޔާ رضي الله عنه ވަނީ ދޮރުގެ އަތްގަނޑުގެ މަޤާމުގައިއެވެ.


އެ އަތްގަނޑު ތަޅުވާލައިފި މީހާއާމެދު އަދި އޭގެ މައްޗަށް ހުރި ބޭކަލުންނާމެދު (ނުބައި ބަސްބުނެ އިޢުތިޤާދުކުރާ ކަމަށް) އަހަރުމެން ތުހުމަތުކުރަމެވެ.“


📖 ތާރީޚު ދިމަޝްޤު 📖


💥އައްރަބީޢު ބްނު ނާފިޢު (241ހ) ވިދާޅުވިއެވެ:


”މުޢާވިޔާ ބްނު އަބީ ސުފްޔާނުއަކީ ނަބިއްޔާ صلى الله عليه وسلمގެ އަޞްޙާބުންގެ ފަރުދާއެވެ.


ދެންފަހެ މީހާ ފަރުދާ ކަޝްފުކޮށް ހާމަކޮށްފިނަމަ އޭގެ ނިވަލުގައިވާ ކަންކަމަށް ޖެހިލުންކުޑަވެގެން އަރައިގަތީހެވެ.“


📖 ތާރީޚު ދިމަޝްޤު 📖


🔹އެކަލޭގެފާނީ މުއުމިންތަކުންގެ ބޮޑުބޭބެއެވެ.


🌴 އަހްލުއް ސުންނާ ވަލްޖަމާޢަތުގެ އިމާމް: އަޙްމަދު  ބްނު ޙަންބަލު (241ހ) އާ ސުވާލުކުރެވުނެވެ:


”މުޢާވިޔާއަކީ ޚާލުލް މުއުމިނީން (މުއުމިންތަކުންގެ ބޮޑުބޭބެ) ކަމުގައި އަދި އިބްނު ޢުމަރުވެސް މުއުމިނުންތަކުންގެ ބޮޑުބޭބެކަމުގައި ބުނެވޭނެތޯއެވެ؟“


ވިދާޅުވިއެވެ:


”އާނއެކެވެ. މުޢާވިޔާއަކީ ނަބިއްޔާ صلى الله عليه وسلمގެ އަނބިކަނބަލުން އުންމު ޙަބީބާ ބިންތު އަބީ ސުފްޔާނުގެ އަޚާއެވެ.


އަދި އިބްނު ޢުމަރަކީ ނަބިއްޔާ صلى الله عليه وسلمގެ އަނބިކަނބަލުން ޙަފްޞާގެ އަޚާއެވެ.“


ދެންނެވުނެވެ:


”އެހެންކަމުން މުޢާވިޔާއަކީ މުއުމިންތަކުންގެ ބޮޑުބޭބެކަމުގައި ބުނެވޭނެދެއްތޯއެވެ؟“


ވިދާޅުވިއެވެ:


”އާނއެކެވެ.“


📖 އައްސުންނާ ލިލްޚައްލާލު 📖


🔹ބަޔަކު މީހުން "މުޢާވިޔާއަކީ މުއުމިންތަކުންގެ ބޮޑުބޭބެކަމުގައި ނުބުނާނަމޭ" ބުނާކަމަށް އިމާމް އަޙްމަދަށް ޚަބަރުފޯރިހިނދު ކޯފާ އިސްކުރައްވާ ވިދާޅުވިއެވެ:


”މިކަމަށް އެމީހުން އިޢުތިރާޟުކޮށް ދެކޮޅުހަދަންވީ ކޮންކަމަކާހެއްޔެވެ!؟


މިމީހުން ތައުބާވަންދެން ދުރުކޮށް، ގުޅުންކަނޑާލެވޭހުއްޓެވެ.“


📖 އައްސުންނާ ލިލްޚައްލާލު 📖


💥އެހެން ފަހަރަކު އިމާމް އަޙްމަދު (241ހ) އާ ސުވާލުކުރެވުނެވެ:



”ﷲ ތިބާއަށް ރަޙްމަތްލައްވާށިއެވެ! މުޢާވިޔާއަކީ ވަޙީގެ ކާތިބެކޭ ނުބުނާނަމޭ، އަދި އެއީ މުއުމިންތަކުންގެ ބޮޑުބޭބެއޭވެސް ނުބުނާނަމޭ، އެކަލޭގެފާނުގެ ވެރިކަން ހޯއްދެވީ ކަނޑިން ފޭރިގަނެގެންނޭ" މިހެން ބުނާ މީހަކާމެދު ވިދާޅުވަނީ ކީކޭތޯއެވެ؟“


އިމާމް އަޙްމަދު ވިދާޅުވިއެވެ:


”މިއީ ނުބައިވެގެންވާ ވިޔާނުދާ ބަހެކެވެ! މިހެން ބުނާ މީހުންނާ އެއްކިބާވެވޭނެއެވެ.


އަދި އެމީހުންނާއެކު އިށީންދެވިގެންވެސް ނުވާނެއެވެ. އަދި އެމީހުންގެ ކަންކަން މީސްތަކުންނަށް އަހަރުމެން ބަޔާންކޮށްދީ (އިންޒާރުދޭން ޖެހޭނެއެވެ)“


📖 އައްސުންނާ ލިލްޚައްލާލު 📖


🔹އަބޫބަކުރު އަލްއާޖުއްރީ (360ހ) ވިދާޅުވިއެވެ:


"އަދި މުޢާވިޔާ رضي الله عنهއީ ﷲ ތަޢާލާގެ ވަޙީބަސްފުޅު: ޤުރްއާން ލިޔުއްވާ ﷲ ގެ ރަސޫލާ صلى الله عليه وسلمގެ ކާތިބެވެ. އަދި ﷲ ގެ ރަސޫލާ صلى الله عليه وسلمގެ ޞަޙާބީއެވެ.


އަދި ޢަޛާބުން ރައްކާތެރިކުރެއްވުމަށް އެބޭކަލަކަށް ނަބިއްޔާ صلى الله عليه وسلم ދުޢާކުރެއްވި ބޭކަލެވެ.


އަދި ﷲ ތަޢާލާ އެކަލޭގެފާނަށް ޤުރްއާން އުނގަންނަވައިދެއްވުމަށް، އަދި ބިމުގައި ބާރުދެއްވުމަށް، އަދި ތެދުމަގު ލިބިގެންވާ ތެދުމަގު ދައްކާ ބޭކަލެއްގެ ގޮތުގައި ލެއްވުމަށް ނަބިއްޔާ صلى الله عليه وسلم ދުޢާކުރެއްވި ބޭކަލެވެ...


އަދި އެކަލޭގެފާނުގެ އުޚުތާ އުންމު ޙަބީބާ رضي الله عنها އާއި ނަބިއްޔާ صلى الله عليه وسلم ކައިވެނި ބައްލަވައިގަތުމުން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ޅިޔަނެއްކަމުގައިވިއެވެ.


އަދި އެކަމަނާ މުއުމިނުތަކުންގެ މަންމައަކަށްވިއެވެ.


އަދި މުޢާވިޔަތުގެފާނު މުއުމިނުތަކުންގެ ބޮޑުބޭބެއެއްކަމުގައި ވިއެވެ.“


📖 އައްޝަރީޢާ ލިލްއާޖުއްރީ 📖


💥އިމާމް އަޙްމަދު (241ހ) އަށް ދެންނެވުނެވެ:


”މުޢާވިޔާ އާއި ޢުމަރު ބްނު ޢަބްދުލް ޢަޒީޒު، ދެބޭކަލުންކުރެ ހެޔޮވެ މާތްވެގެންވަނީ ކޮން ބޭކަލެއްތޯއެވެ؟“


ވިދާޅުވިއެވެ:


”މުޢާވިޔާ މާހެޔޮވެ މާތްވެގެންވެއެވެ.


ﷲ ގެ ރަސޫލާ صلى الله عليه وسلمގެ އަޞްޙާބުންނާ އެއްވެސް މީހަކު އަހަރުމެން އެއްވަރުކޮށް އަޅާނުކިޔަމެވެ!“


📖 އައްސުންނާ ލިލްޚައްލާލު 📖


🔥 އަލްމުޢާފާ ބްނު ޢިމްރާނު (185ހ) އާ ސުވާލުކުރެވުނެވެ:


”މާތްވެގެންވަނީ މުޢާވިޔާތޯ ނުވަތަ ޢުމަރު ބްނު ޢަބްދުލް ޢަޒީޒުތޯއެވެ؟“


ވިދާޅުވިއެވެ:


”ހަސަތޭކަ ޢުމަރު ބްނު ޢަބްދުލް ޢަޒީޒަށްވުރެވެސް މުޢާވިޔާ رضي الله عنه މާ މަތިވެރިވެ މާތްވެގެންވެއެވެ!“


📖 އައްސުންނާ ލިލްޚައްލާލު 📖


1️⃣

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page