”ނަފްސަށް ވަޤުތީ ގޮތުން ހުށަހެޅޭ އިޙްސާސްތަކާއި ޝުޢޫރުތައް:
- --
- Jul 1
- 1 min read

ނަފްސަށް ބައިވަރު ވަޤުތީ ޞިފަތަކާއި އިޙްސާސްތައް ލިބިގެންވެއެވެ. އެއީ ނަފްސުގައި ހިފެހެއްޓިގެންވާ ލާޒިމް ޠަބީޢަތުގެ ތެރޭގައިވާ ކަންކަމެއް ނޫނެވެ. ނަމަވެސް އެއީ ހުށަހެޅި ލައިގަންނަ ކަންކަމެވެ.
މިސާލަކަށް: ހިތާމަޔާއި އުފަލާއި، ކަންބޮޑުވުމާއި ހިތްފަސޭހަވުމާއި، ބިރުވެރިކަމާއި އަމާންކަމުގެ އިޙްސާސާއި، މޮޅިވެރިކަމާއި ހިތްހަމަޖެހުމާއި އެނޫންވެސް ގިނަ ކަންކަމެވެ.
މި ޞިފަތަކުން ކަމެއް ނަފްސުގައި އަބަދުމެ ހަރުލައިގެން ދާއިމަކަށް ނުހުރެއެވެ. އެކަމަކު އެކަންކަން ލައިގަނެފައި އަނެއްކާ ފިލައިދެއެވެ. އެއީ އޭގެ ބޭރުން އެކަންކަމަށް އަސަރުކުރުވާ ކަންކަން ހުރި ނެތްގޮތެއްގެ މައްޗަށެވެ.
އަދި އެޞިފަތަކުގެ ބޮޑުމިނާއި، ގަދަކަންވެސް ތަފާތުވެއެވެ. އެފަދައިންމެ ނަފްސުގައި އެޞިފަތަކާއި އިޙްސާސްތައް ހަރުލައި ހުރުންވެސް ތަފާތުވެއެވެ.
އެގޮތުން އޭގެ ތެރެއިން ބައެއް ޞިފަތައް ހިނދުކޮޅަކު ހުރެލާފައި ދެން ފިލައިދެއެވެ.
އަނެއްބައި ޞިފަތައް ގަޑިއިރެއް ނުވަތަ ގަޑިއިރުތަކެއް ވަންދެން، އަދި ފަހަރެއްގައި ދުވަސްތަކެއް ވަންދެންވެސް، އަދި އަހަރުތަކެއް ވަންދެންވެސް ހުރެދާނެއެވެ.
މިހުރިހާ އިޙްސާސްތަކަކީވެސް ބުއްދީގެ އިޚްތިޔާރުކުރުމަށް އަސަރުކުރާ ކަންކަމެވެ. އެގޮތުން ހިނދުކޮޅަކަށްވިޔަސް މިއިން ޞިފައެއް އޭނާއަށް ލައިގަނެއްޖެނަމަ, އެހިނދުކޮޅުގައި އޭނާ އުޅޭގޮތާއި ކުރާ ކަންކަމަށް އަސަރުކުރެއެވެ.
އިންސާނާ ވާހަކައެއް ދައްކާ ނުވަތަ ކަމެއްކުރަމުން ދަނިކޮށް، ދެން އެކަމުގެ ތެރޭގައި އުޅެނިކޮށް އޭނާ ލޯބިވާ މީހަކު ނުވަތަ ނުރުހޭ މީހަކު ނުވަތަ ޤަދަރުކޮށް މަތިކުރާ މީހަކު އޭނާއަށް ބަލަންހުރިކަން އަދި ފާހަގަވާން ހުރިކަން އެނގިއްޖެނަމަ އޭނާގެ ނަފްސު އެކިގޮތްގޮތަށްވެއެވެ.
ދެން އޭނާ ދައްކަމުންދިޔަ ވާހަކަ ނުވަތަ ކުރަމުންދިޔަ ކަންތަކަށް ބަދަލު އާދެއެވެ. ދެން އެމީހަކު (ނުވަތަ އެކަމެއް) ނެތްކަމަށް އަދި ނޭނގޭކަމަށް ހަދައިގެން ހަމައަކަށް އެޅިގެން މެނުވީ އޭނާ ހަމަޖެހި ސީދާ ނުވާނެއެވެ. ދެންފަހެ ނަފްސު ހަމަޖެހިއްޖެނަމަ ބުއްދިވެސް އެއާއެކު ހަމަޖެހެއެވެ.
އެފަދައިންމެ ބަސްތަކެއް ހިތުދަސްކޮށްގެން ހުރި މީހަކު، ނުވަތަ ނަގައިގަނެ ފަހުމްވެފައި ހުރި މީހަކުވެސް, ބަޔަކު މީހުންގެ ތެރޭގައި ތެދުވެއްޖެނަމަ، އަދި އޭނާގެ ނަފްސުގައި އެމީހުންނާމެދު ޖެހިލުންވުމެއް ހައިބަތެއް އޮތްނަމަ؛ ހަމަޖެހުން ގެއްލި، އެގޮތްމިގޮތަށްވެ، އަދި އޭނާއަށް އެނގޭ ކަންތައް ޞައްޙަ ރަނގަޅު ގޮތަކަށް ބުއްދިން އަދާކޮށް ނުދެވެއެވެ.
އެއީ ބުއްދީގައި ހުރި ޢައިބެއްގެ ސަބަބަކުން ނޫނެވެ. އެކަމަކު އޭނާގެ ނަފްސުގެ ހަމަޖެހުން ގެއްލި ތެޅިގަތްހިނދު އޭނާގެ ބުއްދިއަށް އަސަރުކުރީއެވެ.
އިންސާނާގެ ނަފްސު ހަމައަށް ހަމަޖެހިގެން ނުވާނަމަ، ދެންފަހެ އެކި ރައުޔުތަކާއި ފިކުރުތަކާއި، ޢަޤީދާތަކާއި ޤަބޫލުކުރުންތަކާއި، ނަވާޒިލް (ދިމާވާ ޙާދިސާތަކާއި)، މިހާރު އޮތްގޮތާއި ފަހުންވާނޭގޮތާއި، މަޞްލަޙަތުތަކާއި މަފްސަދާތަކުގެ ބޮޑުމިނާއި، ފައިދާތަކާއި ގެއްލުންތަކާއި، ދުރުމިނާއި ކައިރިމިނާ މިކަންކަމާމެދު ވިސްނާ ފިކުރުކުރުމަށް އޭނާގެ ބުއްދިން ވަރަށް ވަރުގަދައަށް މަސައްކަތްކޮށް ބުރައުފުލަން ޖެހެއެވެ.
ކުރިން ބަޔާންކުރެވުނުފަދަ އިޙްސާސްތަކުން އޭނާގެ ވިސްނުމާއި ފިކުރުކުރުމަށް އަސަރުކޮށް، އަދި އޭނާ އިޚްތިޔާރުކުރާ ގޮތަށްވެސް އަސަރުކުރެއެވެ.“
- ޝެއިޚު ޠަރީފީ-
📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖





































































































