”މީހުން ފެނުމުން އަޅުކަމުގައި ހީވާގިވެ މުރާލިވުން ޞައްޙަ ކަންކަމާއި ޞައްޙަ ނުވާ ކަންކަން ބަޔާންކުރުން:
- --
- 7 hours ago
- 2 min read

🔥އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ:
”މީހުން ފެނުމުން އަޅުކަމުގައި ހީވާގިވެ މުރާލިވުން ޞައްޙަ ކަންކަމާއި ޞައްޙަ ނުވާ ކަންކަން ބަޔާންކުރުން:
މީހަކު ރޭއަޅުކަންކުރާ ބަޔަކާއެކުގައި ރޭގަނޑު ހޭދަކޮށްފާނެއެވެ. ދެން އެމީހުން ރޭގަނޑުގެ ގިނަ ވަޤުތު ނަމާދުކޮށްފާނެއެވެ.
އަނެއްކޮޅުން މީނާގެ ޢާދައަކީ ސާޢަތެއްވަރު އިރުކޮޅެއް ރޭއަޅުކަންކުރުމެވެ. ދެން މީނާ (އެމީހުންނާ އެކުގައި ރޭކުރާއިރު) އެމީހުންނާ އެއްގޮތްވެއެވެ.
ނުވަތަ އެމީހުން ރޯދަ ހިފާއިރު މީނާވެސް އެމީހުންނާއެކު ރޯދަހިފައެވެ. އެމީހުން ނުވިނަމަ މީނާއަށް މިފަދަ ހީވާގިކަމެއް އެކަންކުރުމަށް ނައިހެވެ.
ދެން މިއީ ދެއްކުންތެރިކަން ކަމުގައި މީހަކު ހީކޮށްފާނެއެވެ. އެކަމަކު އެކަން މުޠުލަޤުކޮށްވަނީ އެހެންނެއް ނޫނެވެ. ކިއެއްތަ، އެކަމުގައި ތަފްޞީލުވެއެވެ.
އެއީ ކޮންމެ މުއުމިނަކުވެސް ﷲ ތަޢާލާއަށް އަޅުކަންކުރުމަށް ޝައުޤުވެރިވެ ބޭނުންވެއެވެ. ނަމަވެސް އޭނާއަށް އެކަމަށް ހުރަސްތައް އެޅި ދަތިވަނީއެވެ. އަދި ޣާފިލުކަން އޭނާގެ މައްޗަށް ވެރިވެ ހައްލާލަނީއެވެ.
ދެންފަހެ އެހެން ބަޔަކު (އެ އަޅުކަން ކުރާތަން) އޭނާއަށް ފެނުމަކީ އެޣާފިލުކަން ފިލައިގޮސް، އެހުރަސްތައް ދުރުކުރުމުގެ ސަބަބެއްކަމުގައި ވެދާނެއެވެ.
އެހެނީ އިންސާނާ އޭނާގެ ގޭގައި ވާހިނދު؛ އަރާމު މަޑު ތަންމަތީގައި ނިދަން، އަދި އޭނާގެ އަނބިމީހާގެ ކިބައިން ލައްޒަތު ހޯދަން ފުރުސަތު ލިބެއެވެ.
އެކަމަކު ނުދަންނަ ބީރައްޓެހި ތަނެއްގައި އޭނާ ރޭކުރާހިނދު, މިހިރަ މަޝްޣޫލުކޮށްލާ ކަންކަން ދުރުވެދެއެވެ. އަދި ހެޔޮކަން ކުރުމަށް އޭނާއަށް ބާރުދީ މެދުވެރިވާނޭ ސަބަބުތައް އޭނާއަށް ޙާޞިލުވެއެވެ.
އޭގެ ތެރޭގައި އަޅުވެރިން ލޯމައްޗަށް ފެނުންވެއެވެ. އެއީ ދީނަށްޓަކައި ކަންކަން ކުރަން އޮންނަ ބާރު ޙަރަކާތްކޮށް ހިލުވާލާ ކަމެކެވެ.
އަދި ފަހަރެއްގައި އޭނާ އަޞްލު ނިދާތަން ބަދަލުވީމާ އޭނާއަށް ނިދަން އުނދަގޫވެދާނެއެވެ. ދެން ނުނިދޭތީވެ އޭގެ ބޭނުން ހިފައި (ތެދުވެ ރޭއަޅުކަން ކޮށްފާނެއެވެ.)
އަދި ފަހަރެއްގައި މީރު ކާތަކެތި ހުންނަ ސަރަހައްދެއްގައި އުޅޭއިރު ރޯދަހިފަން އޭނާއަށް އުނދަގޫވެދާނެއެވެ.
ދެން އެހެން ތަނެއްގައި އެފަދަ ކާބޯތަކެތި ނުފެންނަހިނދު؛ ރޯދަހިފުން އޭނާއަށް ދަތިނުވެއެވެ.
މިފަދަ ޙާލަތްތައް މެދުވެރިވާހިނދު, ހެޔޮ ޢަމަލުތައް ކުރިޔަނުދީ ދުރުކުރުމަށް ޝައިޠާނާ ފުރުސަތުގެ ބޭނުން ހިފައިގެން އާދެއެވެ.
އަދި ބުނެއެވެ: "ކަލޭ ތިޔަގޮތަށް ޢަމަލުކޮށްފިއްޔާވާނީ ކަންދައްކަން އުޅޭ މީހަކަށެވެ. އެހެނީ ތިޔައީ ކަލޭގެ ޢާދައެއްވެސް ނޫނެވެ."
ފަހެ މިވަސްވާހަށް ފަސްއެނބުރި ބެލުން އެކަށީގެން ނުވެއެވެ. އެފަދައިން "ކަލެޔަކީ ކަންނެތް މީހެއްކަމަށް އެމީހުން ތުހުމަތުކޮށްފާނޭތީވެ އަޅުކަންކުރާށޭ" އެކަލޭގެ ބުނިނަމަވެސްމެއެވެ.
އެކަމުގައި ބަލަންޖެހޭނީ އޭނާގެ އެތެރެފުށުންވާ ޤަޞްދަށެވެ. އަދި ޝައިޠާނާގެ ވަސްވާސްތަކަށް ނުބަލާހުށިކަމެވެ.
އޭނާގެ ޙާލަތު އަމިއްލައަށް ޓެސްޓުކޮށްލާށެވެ. އެއީ އޭނާއަށް އެމީހުން ފެންނަ، އެކަމަކު އެމީހުންނަށް އޭނާ ނުފެންނަ ތަނެއްގައި ހުންނަތަން ޚިޔާލުކޮށްލައިގެންނެވެ. ދެން އެ ޙާލަތުގައިވެސް އެ އަޅުކަންކުރުމަށް އޭނާގެ ނަފްސު ތަންދީގެންވާނަމަ ފަހެ އެއީ ﷲ އަށްޓަކައި ކުރާ ކަމެކެވެ.
އެފަދައިން ތަންނުދޭނަމަ, ދެން އޭނާ އެމީހުންގެ ގާތުގައި އެކަނި އެގޮތަށް އަޅުކަންކުރަން ތަންދޭނަމަ އެވާހުށީ ދެއްކުންތެރިކަމެއް ކަމުގައިއެވެ.
އެފަދައިންމެ ވަޢުޡު ނަޞޭޙަތެއް ދެވޭހިނދު މީސްތަކުން ކަރުނައަޅާ ރުއިމުގެ ސަބަބުން، އެމީހުން ނުވީނަމަ ކަރުނަނާޅާނޭ މީހަކު، ރުއިން މެދުވެރިކޮށްފާނެއެވެ. މިކަންވެސް ޓެސްޓުކުރުންވަނީ އަހަރުމެން މިބަޔާންކުރި ޢަލާމާތުންނެވެ.
އެއީ އެމީހުންނަށް ނުފެންނަ ތަނެއްގައި އޭނާ ހުންނަކަން ޚިޔާލުކޮށްގެންނެވެ. ދެން އެހިނދުންވެސް އެމީހުންގެ ރުއިމުގެ ސަބަބުން ރޮވޭގޮތް މެދުވެރިވެ، ކަރުނަ ހިލޭނަމަ ފަހެ އެއީ ﷲ އަށްޓަކައިއެވެ. އެކަމަކު އެމީހުންގެ ގާތުގައިވާއިރު މެނުވީ ކަރުނަ ނާންނަނަމަ ފަހެ އެއީ ދެއްކުންތެރިކަމެކެވެ...
ޢަލީ ބްނުލް ޙުސައިނު ކުރައްވާ ދުޢާގައިވެއެވެ:
"އޭ ﷲ އެވެ! ލޯތަކުގެ ކުރިމަތީގައި އަޅާގެ ބޭރުފުށް ރިވެތިވެ، އަޅު އެކަނިވާހިނދު އަޅުގެ އެތެރެފުށް އިބައިލާހަށްޓަކައި ހުތުރުވުމުން ރައްކާތެރިކޮށްދެއްވުން އެދެމެވެ."
މިއީ ދެއްކުންތެރިކަމުގެ އާފާތްތަކުންވާ ކަންކަމެވެ. އެހެންކަމުން ތިބާ ގަދައަޅާ އެކަން ހުރިތޯ ބަލާހޯދާހުށިކަމެވެ. އަދި ތިބާގެ ނިޔަތާއި ޤަޞްދު އޮތްގޮތެއް ބަލާ މުރާޖަޢާކުރާށެވެ.
ފަހެ ހިނި ހިރޭ ހިރުމަށްވުރެވެސް ދެއްކުންތެރިކަން ވަންހަނާވެގެންވެއެވެ.
އެހެންގޮސް ތިމާގެ ނަފްސު ކަންދައްކަން އުޅޭކަން، ޚުދު އަމިއްލަ ނަފްސަށްވެސް ފޮރުވި ވަންހަނާވެދާނެއެވެ.“
📖 މިންހާޖުލް ޤާޞިދީން 📖





































































































