top of page
Featured Posts

ޢިލްމުގައި ލާޒިމްވެ، އަދި ޢިލްމު ހޯދުމުގައި ދެމިހުރުމަށް ހިތްވަރުދިނުން ބަޔާންކުރުން:

  • --
  • 2 days ago
  • 2 min read

🔥އިބްނު ޙިއްބާނު (354ހ) ވިދާޅުވިއެވެ:


”ޢިލްމުގައި ލާޒިމްވެ، އަދި ޢިލްމު ހޯދުމުގައި ދެމިހުރުމަށް ހިތްވަރުދިނުން ބަޔާންކުރުން:


ބުއްދިވެރިޔާގެ މައްޗަށް ވާޖިބުވެގެންވަނީ: އޭނާގެ ސިއްރިއްޔާތު އިޞްލާޙުކޮށް ނިމުމަށްފަހު ދެން އެއާ ވިއްދައިގެން ޢިލްމު ހޯދަން އުޅެ އަދި އެކަމުގައި ދެމިހުރުމެވެ.


އެހެނީ ދުނިޔޭގެ ސަބަބުތަކުން އެއްވެސް ސަބަބަކަށް ސާފުކޮށް ރަނގަޅަށް ވާޞިލުވެވޭހުށީ އެކަމުގައި ޢިލްމު ސާފުކޮށް ޚާލިޞްވެގެންނެވެ.


އަދި ބުއްދިވެރިޔަކު ވެއްޖެއްޔާ ނިންމާނޭކަމަކީ: އެމީހަކު ކުރާކަމަކާމެދު މަލާއިކަތުން ރުހިވަޑައިގެން ފިޔަފުޅުތައް ތިރިކުރައްވާ ކަމެއްގައި ހިފައިގެން ހޯދުމުގައި ފަރުވާކުޑަ ނުކުރުމެވެ.


އަދި އޭނާ (ޢިލްމު ހޯދަން) ކުރާ މަސައްކަތުގައި ވެރިންނާ ގާތްވުމަށް، ނުވަތަ ދުނިޔެ ޙާޞިލުކުރުމަށް ވިސްނައިގެން ނުވާހުށިއެވެ!


ފަހެ ދުނިޔަވީ މޮޅުތަކުގެ އަހުލުވެރިންގެ ގާތުގައި ނިކަމެތިވުމަކީ ޢިލްމުވެރިޔާއަށް ހުރި ހާދަހާވާ ހުތުރު ކަމެކެވެ!...


އަލްފުޟައިލު ބްނު ޢިޔާޟު ވިދާޅުވިއެވެ:


"ޢިލްމުވެރިޔާގެ ގެއަށް ދެވޭހިނދު، ދެން އޭނާ ކޮބައިތޯ ސުވާލުކުރެވުމުން އޭނާވީ އަމީރުގެ ގާތުގައޭ،


(ނުވަތަ) އޭނާ ކޮބައިތޯ އެހުމުން އޭނާވީ ޤާޟީގެ ގާތުގައިއޭ ބުނެވުމުގެ ހުތުރުކަމާއެވެ!


ޢިލްމުވެރިޔަކާ ޤާޟީއަކާ ކޮންކަމެއްހެއްޔެވެ!؟


ޢިލްމުވެރިޔަކާ އަމީރަކާ ކޮންކަމެއްހެއްޔެވެ!؟


ޢިލްމުވެރިޔާއަށް އެކަށީގެންވާ ގޮތަކީ އޭނާގެ މިސްކިތުގައި އޭނާގެ މުޞްޙަފުން ކިޔަވަން އިނުމެވެ."


އައްޝަޢުބީ ވިދާޅުވިއެވެ:


"އޭ ޢިލްމު އުނގެނޭ މީހުންނޭވެ!


ފަހެ ވިޔާނުދާކަމާއި ކޮސްކަމާއި ސަކަރާތުން ޢިލްމު ހޯދަން ނޫޅޭށެވެ!


އެކަމަކު މަޑުމައިތިރިކަމާއި، ހިމޭންކަމާއި، ލަސްލަހުން އެ ޢިލްމު ހޯދާށެވެ."


އައްޝަޢުބީ ވިދާޅުވިއެވެ:


"ހަމަކަށަވަރުން މި ޢިލްމު އުނގެނި ހޯދާ އުޅުނީ އެމީހެއްގެ ގައިގައި ދެ ޞިފައެއް ޖަމަޢަވެއްޖެ މީހެކެވެ.


ބުއްދިވެރިކަމާއި އަޅުވެރިކަމެވެ.


އޭނާ ބުއްދިވެރި ވިސްނުންތެރިއެއް ކަމުގައިވެ، އެކަމަކު ޒުހުދުވެރި އަޅުވެރިއެއްކަމުގައި ނުވާނަމަ ބުނެވެއެވެ: "މިއީ ޒުހުދުވެރި އަޅުވެރިންނަށް މެނުވީ ޙާޞިލު ނުކުރެވޭނެ ކަމެކެވެ."


ދެން އޭނާ އެޔެއް ނުހޯދައެވެ.


އޭނާ ޒުހުދުވެރި އަޅުވެރިއެއްކަމުގައިވެ އެކަމަކު ބުއްދިވެރިއެއްކަމުގައި ނުވާނަމަ ބުނެވެއެވެ: "މިއީ ވިސްނުންތެރި ބުއްދިވެރިންނަށް މެނުވީ ޙާޞިލު ނުކުރެވޭ ކަމެކެވެ."


ދެން އޭނާ އެޔެއް ނުހޯދައެވެ.


މިއަދު ބުއްދިވެރިކަމާއި އަޅުވެރިކަން، އެތަނުން އެއްވެސް ޞިފައެއް ނެތް މީހަކު ޢިލްމު ހޯދަން އުޅޭކަމާމެދު އަހަރެންނަށް ބިރުހީވެއްޖެއެވެ."


ސުފްޔާނު ވިދާޅުވިއެވެ:


"ޢިލްމުގެ އެންމެ ފުރަތަމަ ކަމަކީ ކަނުލާ ހަނުހުރުމެވެ.


ދެން އަޑުއެހުމެވެ.


ދެން ޙިފްޒުކޮށް ރައްކާކުރުމެވެ.


ދެން ޢަމަލުކުރުމެވެ.


ދެން ފެތުރުމެވެ."


ޢިލްމަށް ޢަމަލުކުރުން ޤަޞްދުގައި ބަހައްޓައިގެން މެނުވީ ބުއްދިވެރިޔާ ޢިލްމު އުނގެނުމުގައި މަޝްޣޫލުނުވެއެވެ.


އެހެނީ އެނޫން ކަމަކަށްޓަކައި އެކަމުގައި އުޅެފި މީހާގެ އިތުރުވާނީ ފަޚުރުވެރިކަމާއި، ބޮޑާކަމާއި، ޢަމަލުކުރުން ދޫކޮށްލާ ނަގައިލުމެވެ.


ދެން އޭގެ ސަބަބުން އޭނާއަކީ ނަމޫނާއެއްކަމުގައި ނަގާ މީހުންގެ ކިބައިގައި އަންނަ ފަސާދަ، އޭނާގެ އަމިއްލަ ނަފްސުގައިވާ ފަސާދައަށްވުރެވެސް ބޮޑުވެއެވެ..


މާލިކު ބްނު ދީނާރު ވިދާޅުވިއެވެ:


"ޢަމަލުކުރުމަށްޓަކައި ޢިލްމު އުނގެނިއްޖެ މީހާ؛ ފަހެ އޭނާ އެޢިލްމުން ބާއްޖަވެރިކޮށްދެއެވެ.


ޢަމަލުކުރުން ނޫންކަމަކަށްޓަކައި ޢިލްމު އުނގެނިއްޖެ މީހާ؛ ފަހެ އޭގެ ސަބަބުން އޭނާގެ ފަޚުރުވެރިކަން އިތުރުވެއެވެ."


އަލްޙަސަނުލް ބަޞްރީ ވިދާޅުވިއެވެ:


"ދުނިޔެއަށް ލޯބިކޮށް، ދުނިޔެއާމެދު އުފާކޮށްފި މީހާގެ ހިތުން، އާޚިރަތާމެދު އޮންނަ ބިރުވެތިކަން ނިކުމެގެންދެއެވެ.


އެމީހެއްގެ ޢިލްމު އިތުރުވެ، ދެން އެއާއެކު ދުނިޔެއަށް އޮންނަ ދަހިވެތިކަން އިތުރުވެއްޖެނަމަ، ﷲ ގެ ޙަޟްރަތުން ހައްތަހާ ދުރުވުން މެނުވީ އެމީހަކަށް އިތުރެއް ނުވާނެއެވެ.


އަދި ﷲ ގެ ޙަޟްރަތުން ކޯފާވުން މެނުވީ އިތުރެއް ނުވާނެއެވެ.“


ސުފްޔާނުއް ޘައުރީ ވިދާޅުވިއެވެ:


"ޢިލްމުވެރިޔާއަކީ ދީނުގެ ޑޮކްޓަރެވެ.


އަދި ދިރުހަމު ފައިސާއަކީ ދީނަށްހުރި ބަލިމަޑުކަމެވެ.


ދެންފަހެ ޑޮކްޓަރު އޭނާގެ އަމިއްލަ ނަފްސަށް ބަލިމަޑުކަން ގެނެސްފިނަމަ؛ ދެން އެހެން މީހަކަށް ފަރުވާކުރާނީ ކޮންއިރަކުންހެއްޔެވެ!؟"


އިބްނު މަސްޢޫދު ވިދާޅުވިއެވެ:


"ޢިލްމުވެރިކަމަކީ ރިވާކުރުންތައް ގިނަވެގެން ވާކަމެއް ނޫނެވެ.


އެކަމަކު ޢިލްމުވެރިކަން ވާކަން ކަށަވަރީ (ﷲ ތަޢާލާއަށް) ބިރުވެތިވުމުގައިއެވެ." “


📖 ރައުޟަތުލް ޢުޤަލާ 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page