”އަންހެނުން ޒީނަތްތެރިކަން ހާމަކޮށް ފާޅުކޮށް ނިކުތުމަކީ އެކަކަށްވުރެ ގިނަ މީހުން އޭގައި ހިއްސާވާ ފާފައެކެވެ.
- --
- 2 days ago
- 2 min read

ތިބާގެ އަންހެން ދަރިފުޅު ޢައުރަނިވާނުކޮށް، ނުވަތަ ޒީނަތް ހާމަކޮށްގެން ނިކުންނަހިނދު އޭގެ ހިއްސާއެއް ތިބާއަށްވެއެވެ.
އަދި ފިތުނަވެރިވާ ކޮންމެ ޒުވާނެއް، އަދި އެއަންހެނާއާ ދިމާލަށް ބެލުން އަމާޒުކުރާ ކޮންމެ ޒުވާނެއްގެ ފާފަ، އެ ހިއްސާގައި ހިމެނެއެވެ.
އެހެނީ އެއީ ތިބާގެ އަންހެން ދަރިފުޅެވެ. އަދި އެދަރިފުޅު ނިވާކޮށް ފަރުދާކުރަން ތިބާއަށްވަނީ އަމުރުވެވިގެންނެވެ.
ތިބާ އެހެން ކަންތައް ނުކޮށްފިނަމަ ތިބާ ފާފަވެރިވާނެއެވެ. އަދި ތިބާގެ ސަބަބުން މެދުވެރިވި ފާފަތައް އޭގެ މިންވަރަކުން ތިބާގެ ބޮލުގައިވެސް އެޅޭނެއެވެ.
އެހެންކަމުން އެކުއްޖާއަށް މިކަން ވިސްނައިދޭށެވެ. އަދި ބުނާށެވެ:
"އޭ ދަރިފުޅާއެވެ! ދަރިފުޅުގެ ބައްޕައަށް އޯގާތެރިވާށެވެ! އަދި ބައްޕައަށް ނުއުފުލޭވަރުގެ ބޮޑެތި ފާފަތައް ބައްޕަގެ ކޮނޑުގައި އަޅުވަން ނުޖައްސާށެވެ."
ތިބާ އެކުއްޖާއަށް ކާންދީ ބޯންދެއެވެ. ނަމަވެސް ފަރުދާވެ ނިވާވާން ތިބާ އެކުއްޖާއަކަށް ދަހެއް ނުކޮށްދެއެވެ.
އޭރުން ތިބާ އެކުއްޖާ ހިޔަޅުތަކެއްގެ ގާތަށް އެއްލާލިކަހަލައެވެ. އަދި ފާފަތަކަށް ހުށަހެޅޭ، އަދި ޞާލިޙުންގެ ލަޢުނަތް ލިބޭ ކުއްޖެއްކަމުގައި ތިބާ އެކުއްޖާ ހަދައެވެ.
ކިއެއްތަ، "ތިޔަބައިމީހުން އެއަންހެންތަކުންނަށް ލަޢުނަތްދޭށެވެ! ފަހެ ހަމަކަށަވަރުން އެއަންހެންތަކުންނަށްވަނީ ލަޢުނަތް ލިބިގެންނެވެ." މިހެން ޙަދީޘްކުރެއްވި ރަސޫލާ صلى الله عليه وسلم ގެ ލަޢުނަތަށްވެސް ތިބާ އެކުއްޖާ ތިޔަ ހުށަހަޅަނީއެވެ!
ﷲ ގަންދީ ބުނަމެވެ! ފާފަތަކާއި، ޝިކާރަކުރާ ކުއްތާތަކުން ތިބާ އެކުއްޖާ ޙިމާޔަތްކުރަން ކުޅަދާނަކަންހުރެ، ދެން ތިބާ އެކުއްޖާއާމެދު ފަރުވާކުޑަކޮށް އިހުމާލުވުން ތިބާގެ މައްޗަށް ޙަރާމްވެގެންވެއެވެ.
އެހެންކަމުން ތިބާގެ އަންހެން ދަރިފުޅު އަވަހަށް ނިވާކޮށް، ފަރުދާކުރުވާށެވެ! އަދި ތިބާގެ އަމިއްލަ އަބުރު ޙިމާޔަތްކޮށް، ﷲ ގެ ކުރިފުޅުމަތީގައި ތިބާގެ ޒިންމާ ބަރީއަކުރާށެވެ.
އޭ މިހިރަ ޒުވާން އަންހެނާއެވެ! ކޯފާލިބުމުގެ ވައްތަރުތަކުން އެންމެ ނުބައި އެއް ވައްތަރަކީ:
ކަނބުލޭގެ މައިންބަފައިން ކޮންމެ ދުވަހަކު ފާފަތަކަށް ހުށަހެޅޭ ސަބަބެއްކަމުގައި ކަނބުލޭގެ ވުމެވެ.
ކޮންމެ ދުވަހަކު ކުށްފާފަތަކުގެ ސައިލެއް އެމީހުންގެ ބޮލުގައި ތިބާ ތިޔަ އަޅުވަނީއެވެ.
އެއީ ޔުނިވަރިސިޓީއާއި، ބަހުގައާއި، މަގުމަތީގައާއި އެހެން ތަންތާގައި ތިބާގެ ޒީނަތް ހާމަކޮށް ފިރިހެނުންނަށް ސޭލް އެޅުވުމުގެ ސަބަބުންނެވެ.
އޭރުން ސުވަރުގޭގެ މައިންބަފައިންގެ ދަރަޖަތައް އުފުލާދޭ ދަރިއެއްކަމުގައި ތިބާގެ ވުމުގެ ބަދަލުގައި، ތިޔަވަނީ އެމީހުން ފަހަރެއްގައި އެސުވަރުގެއިން މަޙުރޫމްވެސް ކޮށްފާނޭ ސަބަބެއް ކަމުގައިއެވެ!
ފަހެ ތިބާގެ މައިންބަފައިންނަށް ރަޙުމްކޮށް، ތަބައްރުޖުވެ ޒީނަތްތެރިކަން ފާޅުކުރުމުގެ ފާފައިން ކަނބުލޭގެ ތައުބާވެ، ހަށިގަނޑު ނިވާކުރާށެވެ!
އޭ މިހިރަ ބައްޕާއެވެ! ތިބާގެ އަންހެން ދަރިފުޅު ޒީނަތްތެރިކަން ހާމަކޮށްގެން ތިބާ ނަރަކައަށް ގެންދިޔަދޭން އެކުއްޖާ ދޫކޮށް ނުލާށެވެ!
ފަހެ ތިބާވަނީ ﷲ ގެ ކުރިފުޅުމަތީގައި އެކުއްޖާއާމެދު މަސްއޫލުވެ ސުވާލުވެވިގެންނެވެ.
އެހެންކަމުން ތިބާގެ ދައުރު އަދާކޮށް ތިބާގެ ދަރިފުޅުގެ ޢައުރަ ނިވާކުރުވާށެވެ. އަދި އެކުއްޖާ ބޭނުންވެ ގަޔާވާހާ ގޮތަކަށް އުޅެން ދޫކޮށް ނުލާށެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
"ތިޔަބައިމީހުންކުރެ ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި ކޮންމެ މީހަކު ބަލަހައްޓަން ހަވާލުކުރެވުނު މީހުންނާމެދު ސުވާލުވޭނެއެވެ."
އޭ މިހިރަ ބައްޕާއެވެ! ތިބާގެ ފަރުވާކުޑަކުރުން ފެށެނީ ތިބާގެ އަންހެން ދަރިފުޅު ޅަފަތުއްސުރެއެވެ.
ޒީނަތްތެރިކަން ހާމަކޮށްގެން އުޅެން ތިބާ އެކުއްޖާ ކުޑައިރުއްސުރެ ޢާދަކުރުވާ، އަދި އެގޮތުގައި ބޮޑުކުރީ ތިބާއެވެ! ދެން އެއަށްފަހު މިހާރު ތިބާ ތިޔަ ބޭނުންވަނީ އެކުއްޖާ ގާތުން ފަރުދާވުމަށެވެ.
އެއީ އެކުއްޖާގެ ލަދުވެތިކަން މަރުވުމަށްފަހު، އަދި ޒީނަތްތެރިކަން ހާމަކުރުމީ އެކުއްޖާގެ ކަށީގައި ހިފާފައިވާ ޢާދައަކަށްވެ، އަދި ޙިޖާބުވެ ނިވާވުމަކީ ހާސްވެ މަރުތަޅު އެޅޭކަމަކަށްވުމަށް ފަހުގައިއެވެ.
މިހާރު އެކުއްޖާގެ ދިރިއުޅުމުގެ ފެޝަން ވައްޓަފާޅިކަމުގައި، އަދި އެކުއްޖާގެ ރަޙުމަތްތެރިންނާއި އެކީގައި ކިޔަވާކުދިންގެވެސް ޠަބީޢަތްކަމުގައި ތަބައްރުޖުވެ ޒީނަތްތެރިވުން އެވަނީ ވެފައިއެވެ.
އަދި އެ ހެދުންތައް ގަނެދީ ފަހިކޮށްދިން މީހަކީ ޚުދު ތިބާއެވެ!
ފަހެ ﷲ އަށް ތަޤުވާވެރިވެ، ތިބާގެ އަންހެން ދަރިފުޅު ކުޑައިރުއްސުރެ ނިވާކުރާށެވެ!
ޒީނަތްރިވެ ތަބައްރުޖުވާން ހޭނި ފަރިތަވެފައި ހުރި ތިބާގެ އަންހެންދަރި ނިވާކުރުމަކީ އުނދަގޫ ކަމެކެވެ.
އެއަށްވުރެވެސް އުނދަގޫވެގެންވަނީ ޙިޖާބުވެ ފަރުދާވުމުގައި ތިބާ ބޮޑުކުރި އަންހެންދަރި ޒީނަތްތެރިކޮށް، ޢައުރަ ކަޝްފުކުރުވުމެވެ.
އެހެންވީމާ އަޞްލު ޙަޤީޤަތުގައި އެކުއްޖާއަކީ ތަބައްރުޖުވެގެންހުރި މީހެއްކަމުގައި، ނުވަތަ ޙިޖާބުވެގެން ހުރި މީހެއްކަމުގައި ހެދީ ކާކުހެއްޔެވެ!؟
އެއީ ހެދިބޮޑުކުރި ގޮތެވެ.
އެކުއްޖާގެ ނިޔަފަތި ފެޅީއްސުރެ ޅަފަތުގައި ޙިޖާބުކުރުވައިފި ކުއްޖަކު ދެން އެޙިޖާބު ނުބާލާނެއެވެ.
އެހެނީ ލަދުވެތިކަމުގެ އަލިފާން އެކުއްޖާގެ ގައިގައި ރޯވެގެންވެއެވެ.
އަނެއްކޮޅުން ޒީނަތްތެރިކަން ހާމަކުރުމުގެ ތެރޭގައި އުޅެބޮޑުވި ކުއްޖާ، އެކުއްޖާގެ ލަދުވެތިކަމުގެ ސެންސަރުތައްވަނީ މަރުވެފައިއެވެ.
ދެން ތިބާ އެކުއްޖާއަށް ދިރުން ގެންނާނީ ކިހިނަކުންހެއްޔެވެ!؟
އެހެންވީމާ މިހާރުން މިހާރަށް އަވަސްވާށެވެ. އަދި ވަޤުތު ފާއިތުވުމުގެ ކުރިން ތިބާގެ އަންހެން ދަރިފުޅު ނިވާކުރާށެވެ.“
-ނަޤުލުކުރެވިފައި-

































































































