”އަންހެނާއާ އެކީގައި މަސައްކަތްކުރާ ފިރިހެން ވޯރކްމޭޓުންނާއި ކްލާސްމޭޓުންނަކީ މަރެވެ.
- --
- 1 hour ago
- 1 min read

ޅިޔަނުންނާއިމެދު ޙަދީޘްގައި އައިސްފައިވަނީ އެއީ މަރު ކަމުގައިއެވެ.
އައުލަވީ ޤިޔާސުން އެޙަދީޘްގައި: އަންހެނާ ވަޒީފާ އަދާކުރާ ތަނުގައި އުޅޭ، ފިރިހެނުން ހިމެނެއެވެ.
އެއީ އެމީހުންގެ ވޯރކްމޭޓު އަންހެނާގެ ގާތަށް ވަދެއުޅުން ގިނަވެގެންވާ ފިރިހެނުންނެވެ.
ފަހެ އެމީހުންނީ ޅިޔަނުންނަށްވުރެ އެތައް ގޮތަކުން ނުރައްކާ ބޮޑު ބައެކެވެ.
އެގޮތުން މަސައްކަތު މާހައުލުގައި އުޅޭ ފިރިހެނުން، ޅިޔަނުންނާ އެކި ގޮތްގޮތުން އެއްގޮތްވެ، އަދި އެހެން ގޮތްތަކުން ނުރައްކާ އިތުރުވެއެވެ.
އެ ދެމީހުންގެ މެދުގައި އެއްގޮތްވާ ގޮތްތަކަށް ބަލާއިރު:
🔸ފިރިހެން ވޯރކްމޭޓަކީ އަންހެނާގެ ގާތަށް ވަދެއުޅުން ގިނަވާ މީހެކެވެ.
🔸އޭނާއަކީ އިތުބާރުހުރި މީހެއްގެ ގޮތުގައި ބެލޭ މީހެކެވެ.
އެބަހީ: އެއްވެސް މީހަކު އެކަމަށް ސަމާލުކަމެއް ނުދީ، އަދި އޭނާ އެތަނުގައި ވުމަކުން އާދަޔާ ޚިލާފުކަމެއް ފާހަގަވުމެއްނެތި ވަދެ ނިކުމެ އުޅެއެވެ.
🔸 ވަޒީފާގެ ކަންކަން އޮންނަ ގޮތުގައި ބައެއް ފަހަރު އޭނާ އެއަންހެނާއާއެކު އެކަހެރިވާންވެސް ޖެހެއެވެ. ކިއެއްތަ، ބައެއް މުއައްސަސާތަކުގައި މަސައްކަތު މާހައުލުގެ ޖާގަ ދަތިކޮށްވުމުން، ދެމީހުން ކައިރި ކައިރީގައި އިށީންދެގެން ތިބެންވެސް ޖެހެއެވެ. އަދި އެކަމުން ރައްކާތެރިވާކަށް ކުޅަދާނަނުވެއެވެ.
އެހެނީ އެކުންފުނީގެ މައްޗަށް ޙުކުމްކޮށް، ކަންކަން ރޭވެނީ މާއްދީގޮތަށް ބަލައިގެން އެންމެ ފައިދާބޮޑު އަދި ގެއްލުންކުޑަ ގޮތަށެވެ. އަޚްލާޤީގޮތުން ޤަދަރާއި އުޅުމާއި ދީނަށް ބަލައިގެންނެއް ނޫނެވެ.
🔸 އެކަކު އަނެކަކާ ވާހަކަދެއްކުމުގައި އޮންނަ ބީރައްޓެހިކަން ފިލައިދިޔުމެވެ. އެއީ މަސައްކަތު މާހައުލުގައި ދެމީހުންގެ ގުޅުމާއި، އަދި މަސައްކަތްކުރާ މުއްދަތު ދިގުލުމުގެ މައްޗަށެވެ.
އެނގިގެންވާކަމަކީ: ވާހަކަދެއްކުމުގައި ބީރައްޓެހިކަމާއި ޖެހިލުންވުން ނެތިގެންދިޔުމަކީ: ޝައިޠާނާ އެ ދެމީހުން ދައްކާ ވާހަކައިގެ ތެރޭގައި އެކިކަހަލަ ޢިޝްޤީ ބަސްތަކާއި ވަށްބަސްތައް ވައްޓާލަދިނުން ފަސޭހަކުރުވާ ކަމެކެވެ.
އެޖެހިލުންވުން ފިލައިގެންދިޔުމަކީ: ރައްކާތެރިކަމުގެ ކިއްލާގެ ފާރުތަކުން ފާރެއް ފުނޑިގެން ދިޔުމެވެ.
🔸 އެކީގައި އުޅުމާއި ދެކެފަރިތަވުން ދިގުލުން މެދުވެރިކުރަނީ: ނަފްސު އެކަކު އަނެކަކާ ގާތްވެ، އަނެކާއަށް ހިތުގައި ޚާއްޞަ ޖާގައެއް ވުމަށެވެ.
އަބޫ ހިލާލު އަލްޢަސްކަރީ ޛިކުރުކުރެއްވި ގޮތުގައި:
"އަންހެނަކު އޭނާގެ އަޅު ފިރިހެނާއާ ޒިނޭކުރިއެވެ. ދެން އެކަނބުލޭގެއަށް ބުނެވުނެވެ:
"ތިބާގެ ބުއްދިއާއި ހަމަވިސްނުންހުރެ ތިގޮތަށް ޒިނޭކުރަން މެދުވެރިކުރީ ކޮންކަމެއްހެއްޔެވެ؟"
އެއަންހެނާ ބުންޏެވެ:
"ބާލީސް ކައިރިވުމާއި، ސިއްރު ވާހަކަދެއްކުން ދިގުލުމެވެ."
އެބަހީ: އެފިރިހެނާ ނިދާ ތަން ކައިރިވެގެންވުމާއި، ދެ މީހުން އެކަކު އަނެކަކަށް ސިއްރުކޮށް ޕުރައިވެޓުކޮށް ދައްކާ ވާހަކަތައް ގިނަވެ ދިގުލުމެވެ.
އެހެނީ އެގޮތަށް ވާހަކަދެއްކުމީ އެވާހަކަ ދެކެވޭ މީހާއާ ގާތްވެ ކައިރިކޮށްދޭ ކަމެކެވެ."
📖 ޖަމްހަރަތުލް އަމްޘާލު 📖
މިހުރިހާ ކަމަކަށްޓަކައި ޙަދީޘްގެ އަލީގައި އަހަރުމެން ބުނަމެވެ:
"ޅިޔަނުންނަކީ މަރެވެ.
އަދި ހަމަ އެގޮތަށް ވަޒީފާއަދާކުރާ ތަނުގައި އެކީގައި މަސައްކަތްކުރާ ފިރިހެނުންނަކީވެސް މަރެވެ." “
-ނަޤުލުކުރެވިފައި-



































































































