”ނަފްސަށް ހުށަހެޅޭ ވަޤުތީ ޞިފަތަކާއި އިޙްސާސްތަކުން ޠަބީޢަތަށް އަސަރުކުރުން:
- --
- Jul 11
- 1 min read

ނަފްސަށް ހުށަހެޅިގެން އަންނަ އެކި ވައްތަރުގެ އިޙްސާސްތަކުގެ ބާރުމިން ހުރި މިންވަރަކުން އިންސާނާގެ ޠަބީޢަތަށް އަސަރުކުރެއެވެ...
ދެން އެއަށްފަހު އެ ޠަބީޢަތުން ބުއްދިއަށް އަސަރުކުރެއެވެ...
މިއަސަރުކުރުމުގެ އަޞްލުގެ ފެށުން އައި ގޮތަކީ:
ޞައްޙަކޮށްވާ ޠަބީޢަތެއް ބަދަލުކޮށްލާ ގޮތަށް އައި ލޯބިވާކަހަލަ އިޙްސާސެކެވެ.
ދެން އެ ޠަބީޢަތުން ބުއްދިއަށް އަސަރުކުރީއެވެ.
ޝަރީޢަތުގައި ލޯބިވެވޭކަހަލަ އިޙްސާސްތައް ގެނައުން މަނައެއް ނުކުރެއެވެ. މިސާލަކަށް ބެލުމުގެ ލައްޒަތެވެ.
އެކަމަކު ޝަރީޢަތުން އެއަށް ޙަލާލު ގޮތްގޮތް ކަނޑައެޅީއެވެ.
މި ޙަލާލު ގޮތްތަކުން ޞައްޙަ ޠަބީޢަތް ބަދަލެއް ނުވާނެއެވެ. އެކަމަކު އޭގެ ސަބަބުން، ޠަބީޢަތް އެއްކޮށް އަނބުރާލާ ގޮތަށް އަންނަ ނުބައި ދޮރުތައް މަނާކުރީއެވެ.
މުއްސަނދިންނާއި މަހުޖަނުންގެ މުދާތަކަށް ބެލުން ދިގުކުރުމުގައި ފަހަރެއްގައި ބައެއް ނަފްސުތަކަށް ހިތްހަމަޖެހުމާއި ލައްޒަތެއް ލިބިދާނެއެވެ.
ނަމަވެސް އޭގެ ސަބަބުން ފަޤީރު ނަފްސުގެ ހިތްމަރުވުން އިތުރުވެއެވެ. އަދި ރުހި ޤަބޫލުވެގެންވާ ގޮތުގައި ހުރި ޙާލަތުން، ދަހިވެތިވެ ޝައުޤުވެރިވާ ނަފްސަކަށް ބަދަލުކޮށްލައެވެ.
ފަހަރެއްގައި ޙަސަދަވެރިވާ ނަފްސަކަށްވެސް ބަދަލުކޮށްލައެވެ.
އަނިޔާވެރިންނާއި ފާސިދުންގެ ދުނިޔަވީ މޮޅުތަކާއި އަރާމުތަކަށް ނަޒަރުހިންގާ ބެލުމުގެ ފެށުން އެއީ ލައްޒަތުލިބޭ އަދި ހިތްއެދޭ އިޙްސާސެއް އަންނަކަމަކަށް ވެދާނެއެވެ.
ނަމަވެސް އޭގެ ނިމުމަކީ: އެފަދަ މީހުންނަށް ޤަދަރުދީ، މަތިކޮށްގެން ނަފްސު އަސީރުވެ ކަސްތަޅު އެޅުވިގެން ދިޔުމެވެ.
އެހެންވެ ﷲ ވަޙީކުރެއްވިއެވެ:
(لَا تَمُدَّنَّ عَیۡنَیۡكَ إِلَىٰ مَا مَتَّعۡنَا بِهِۦۤ أَزۡوَ ٰجࣰا مِّنۡهُمۡ وَلَا تَحۡزَنۡ عَلَیۡهِمۡ وَٱخۡفِضۡ جَنَاحَكَ لِلۡمُؤۡمِنِینَ.) (الحجر: ٨٨)
"އެއުރެންގެ ތެރެއިން ބަޔަކަށް، ވަޤުތީ އަރާމާއި އުފަލެއްގެ ގޮތުގައި ތިމަންއިލާހު ދެއްވާފައިވާ ކަންތަކަށް ތިބާގެ ދެލޯ ދިއްކޮށްގެން ނުހުންނާށެވެ! އަދި އެއުރެންގެ މައްޗަށް ތިބާ ހިތާމަ ނުކުރާށެވެ! އަދި މުއުމިނުންނަށްޓަކައި، ތިބާގެ ފިޔަ ތިރިކުރާށެވެ!"
ފަހެ އެކަލާނގެ ޛިކުރު ކުރައްވާފައި އެވަނީ މުއުމިނުންނަށް ފިޔަ ތިރިކުރުމަށެވެ. އެއީ މުއުމިނުންނަށް ތަވާޟަޢުވެރިވެ ހިތްތިރިކުރުމެވެ.
އެއިން އިޝާރަތްކުރަނީ އެމީހުންނަށް ބެލުމުން ވާރުތަކުރާ އިޙްސާސް ނަފްސު ބަލައިގަތުމަކީ: ދެރަ ނިކަމެތި މީހުންގެ މައްޗަށް ބޮޑާވެ ކިބުރުވެރިވާ ނަފްސަކަށް ނަފްސު ބަދަލުކޮށްލާ ކަމެއްކަމެވެ.
އެގޮތުން ކިބުރުވެރިކަމުގެ ފެށުމަކަށްވީ ނަފްސު އަމިއްލައަށް ގެނެސް ހިތްހަމަޖެހުން ހޯދި ލޯބިވާކަހަލަ ވަޤުތީ އިޙްސާސްތަކެކެވެ.
ދެން އޭގެ ސަބަބުން ނަފްސުގެ ޠަބީޢަތް ބަދަލުކޮށް ތަޣައްޔަރުކޮށްލީއެވެ.“
-ޝެއިޚު ޠަރީފީ-
📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖





































































































