top of page
Featured Posts

ދަންނާށެވެ! ދީލަތިކަމާއި ދަހިވެތިކަންވަނީ ދަރަޖަތަކަކަށެވެ.

  • --
  • Jan 5
  • 2 min read

🧊 އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ:


”ދަންނާށެވެ!

ދީލަތިކަމާއި ދަހިވެތިކަންވަނީ ދަރަޖަތަކަކަށެވެ.


ދީލަތިކަމުގެ އެންމެ މަތީ ދަރަޖައަކީ: އަމިއްލަ ނަފްސަށްވުރެ އަނެކާ ކުރިއަށް ނެރެ އިސްކުރުމެވެ.

އެބަހީ: ތިމާ ޙާޖަތް ޖެހިގެންވާ ޙާލުވެސް ފައިސާ އަނެކާއަށް ދިނުމެވެ.


ދީލަތިކަމަކީ ބޭނުން ނުޖެހޭ އެއްޗެއް، ބޭނުން ޖެހިގެންވާ އެހެން މީހަކަށް ނުވަތަ ބޭނުން ނުޖެހޭ މީހަކަށްވިޔަސް ދިނުމެވެ.

އަމިއްލައަށް ބޭނުން ޖެހިގެންވުމާއެކު ހޭދަކުރުމަކީ މާ އުނދަގޫކަމެކެވެ.


ދީލަތިކަން، އިންސާނާ އެ އެއްޗަކަށް ޙާޖަތް ޖެހިގެންވުމާއެކުވެސް އަނެކާއަށް އެ ހޭދަކުރުމުގެ ދަރަޖައަށް ނިމޭގޮތަށް،

ދަހިވެތިކަންވެސް އަމިއްލަ ނަފްސު ކަމަކަށް ޙާޖަތްޖެހިގެންވުމާއެކު ދަހިވެތިކަމުގެ ސަބަބުން (އެ އެއްޗެއް ނުދީ އަމިއްލަ ނަފްސަށް މަނާކުރުމަށް) ނިމެއެވެ.


ދަހިވެތި ބަޚީލުންގެ ތެރެއިން ކިތައްކިތައް މީހުން، ބަލީވީމާވެސް އޮންނަ ދަހިވެތިކަމެއްގެ ސަބަބުން ފައިސާ ހިފަހައްޓައިގެން ބޭސް ފަރުވާނުކޮށް ހުރޭހެއްޔެވެ؟


އަދި އެއްޗަކަށް ދަހިވެތިވެ ޝައުޤުވެރިވީމާވެސް އޭގެ އަގާމެދު އޮންނަ ދަހިވެތިކަމުގެ ސަބަބުން މެނުވީ އެ އެއްޗެއް ގަތުން މަނާނުކޮށްވޭހެއްޔެވެ؟


އޭނާގެ އަމިއްލަ ނަފްސަށް ޙާޖަތްޖެހިގެންވުމާއެކުވެސް ދަހިވެތިކަމުން އެ އެއްޗެއް އަމިއްލަ ނަފްސަށްވެސް ނުހޯދާ މީހާއާ

އަނެއްކޮޅުން ޙާޖަތްޖެހިގެންވުމާއެކު އޭނާގެ ނަފްސުގެ މައްޗަށް އަނެކާ އިސްކޮށް ކުރިއަށް ނެރޭ މީހާއާ ދެމެދުގައިވާ ފަރަޤު ކިހާބޮޑުވެގެންވޭހެއްޔެވެ!؟


ފަހެ އަޚްލާޤަކީ ﷲ ތަޢާލާ އެކަލާނގެ އެދިވޮޑިގެންނެވި މީހަކަށް ދެއްވާ އެއްޗެކެވެ...


އިބްނުލް އަޢުރާބީ ވިދާޅުވިއެވެ:

"ޔަރްމޫކު ހަނގުރާމާގައި ޢިކްރިމާ ބްނު އަބީ ޖަހްލު އާއި، ސުހައިލު ބްނު ޢަމްރު އާއި، އަލްޙާރިޘް ބްނު ހިޝާމު އާއި، ބަނުލް މުޣީރާ ވަންހައިގެ ޖަމާޢަތެއް ޝަހީދުވިއެވެ. ދެން އެމީހުން ޒަޚަމްވެގެން ވެއްޓިފައި ތިއްބާ ފެން ގެނެވުނެވެ.


ދެން އެމީހުން އެ ފެން އެއްބަޔަކު އަނެއްބަޔަކަށް ދިނެވެ. އެއީ އެކަކަށްވެސް ރަހަ ނުލާ މަރުވެއްޖައުމަށް ދާންދެނެވެ.


ޢިކްރިމާގެ އަރިހަށް ފެންގެނެވުމުން، ސުހައިލު ބްނު ޢަމްރު ބައްލަވަން އޮތްތަން ފެނިވަޑައިގެން ވިދާޅުވިއެވެ:

"މީނާއިން ފަށާށެވެ."


ދެން ސުހައިލުއާ ދިމާލަށް އަލްޙާރިޘް ބްނު ހިޝާމު ބައްލަވަން އޮތްތަން ފެނިވަޑައިގެން ވިދާޅުވިއެވެ:

"މީނާއިން ފަށާށެވެ."


ދެން އެއިން އެއް ބޭކަލަކުވެސް ފެން ހިއްޕެވުމުގެ ކުރިން އަވަހާރަވިއެވެ..."


ޞަހާބީންގެ ތެރެއިން ބޭކަލަކަށް ބަކައްޓެއްގެ ބޯ ހަދިޔާކުރެވުނެވެ. ދެން އެބޭކަލަކު ވިދާޅުވިއެވެ:

"އަހަރެންގެ އަޚާ އަހަރެންނަށްވުރެ މިއަށްވަނީ މާ ޙާޖަތްޖެހިގެންނެވެ."


ދެން އޭތި އެބޭކަލަކަށް ފޮނުއްވިއެވެ. ދެން އެބޭކަލަކު އަނެއްކާ އެހެން ބޭކަލަކަށް ފޮނުއްވިއެވެ.

އެހެންގޮސް ހަތް ގޭގައި އޭތި ދައުރުކޮށްފައި އަނބުރާ ފުރަތަމަ ޞަޙާބީއަށް އަތުވެއްޖައުމަށް ދާންދެނެވެ.


ޢަބްދު ﷲ ބްނު ޖަޢުފަރު، އެކަލޭގެފާނުގެ ދަނޑު ބިމަކަށް ނިކުމެވަޑައިގަތެވެ. ދެން މަގުމަތީގައި ބަޔަކު މީހުންގެ ކަދުރުދަނޑަކަށް އެކަލޭގެފާނު ފައިބާވަޑައިގެންނެވިއެވެ.


އެދަނޑުގައި ކަޅު ނަސްލުގެ ކުއްޖަކު މަސައްކަތްކުރަން ހުއްޓެވެ. ދެން އެކުއްޖާގެ ގާތަށް އެދުވަހުގެ ކާނާ ގެނެވުނެވެ. އަދި އެ ގަޑިއަށް ދަނޑުތެރެއަށް ކުއްތާއެއް ވަނެވެ.


ދެން އެކުއްޖާއާ އެކުއްތާ ކައިރިވިހިނދު، ރޮށި ފަޅިއެއް އެއްލިއެވެ. ދެން އެކުއްތާ އެރޮށިފަޅި ކައިލިއެވެ.

އަނެއްކާ ދެވަނަފަހަރަށް އަދި ތިންވަނަ ފަހަރަށްވެސް އެއްލުމުން ކައިލިއެވެ.


އޭރު ޢަބްދު ﷲ ހުންނެވީ އެމަންޒަރު ބައްލަވާށެވެ. ދެން ވިދާޅުވިއެވެ:

"އޭ ކުއްޖާއެވެ! ކޮންމެ ދުވަހަކު ކޮއެފުޅަށް ކާން ލިބެނީ ކިހާވަރެއްހެއްޔެވެ؟"


އެކުއްޖާ ދެންނެވިއެވެ:

"ތިބާއަށް ތިޔަ ފެނުނު މިންވަރެވެ."


ވިދާޅުވިއެވެ:

"އެހެންވިއްޔާ ތިބާ ނުކައި އެހުރިހާ އެއްޗެއް ކުއްތާއަށް ދިނީ ކީއްވެހެއްޔެވެ؟"


އެކުއްޖާ ބުންޏެވެ:

"މިއީ ކުއްތާއިން އުޅޭ ބިމެއް ނޫނެވެ! އެހެންވީމާ އެކުއްތާ އެ އައީ ބަނޑުހައިހޫނުކަމުން ދުރު ރާސްތާއެއް ކަޑައްތުކޮށްފައިއެވެ.

އެހެންވެ އެސޮރު އަނބުރާ ފޮނުވާލަން އަހަރެން ނުރުހުނީއެވެ."


ދެން ޢަބްދު ﷲ ވިދާޅުވިއެވެ:

"ދެން ކޮއެފުޅު ކަންތައްކުރާނީ ކިހިނެއްހެއްޔެވެ؟"


އެކުއްޖާ ދެންނެވިއެވެ:

"އަހަރެން ދެން މިއަދު ބަނޑުހައިކޮށްލައިގެން ހުންނާނީއެވެ."


އެހިނދު ޢަބްދު ﷲ ބްނު ޖަޢުފަރު ވިދާޅުވިއެވެ:

"މާ ބޮޑަށް ދީލަތިވާތީވެ މީސްތަކުން މަލާމާތްކުރަނީ އަހަރެންނާ ދިމާލަށްހެއްޔެވެ!؟

ފަހެ މިކުއްޖާވެސް އަހަރެންނަށްވުރެ ދީލައްޗެވެ."


ދެން އެކަލޭގެފާނު އެކުއްޖާއާއި އެދަނޑާއި އެތަނުގައިވާހާ ސާމާނުތައް ބައްލަވައިގަތެވެ. އަދި އެކުއްޖާ މިނިވަންކުރައްވާ، އެހުރިހާ އެއްޗެއް އެކުއްޖާއަށް ހިބަކޮށް ދެއްވިއެވެ.


އެއްފަހަރަކު ފަޤީރުންގެ ޖަމާޢަތެއް ތަނަކަށް އެއްވިއެވެ. އެމީހުންގެ އަތުގައި އޮތީ އެންމެންނަށް ނުފުދޭވަރުގެ މަދު ރޮށިކޮޅެކެވެ. ދެން އެމީހުން ރޮށިތައް ކުދިކޮށްފައި، ބައްތި ނިއްވާލިއެވެ. އަދި ކެއުމަށްޓަކައި އެންމެން އިށީންނިއެވެ.


ދެން ކާތަކެތި ދޮލަނގު އެމީހުންގެ ގާތުން ނެގުނުއިރު އެ ތަކެތި ހަމަ ހުރިގޮތަށް ހުއްޓެވެ. އަނެކުންނަށް އިސްކަންދޭންވެގެން އެއިން އެކަކުވެސް އެއްޗެއް ކައިފައި ނެތެވެ...“


📖 މިންހާޖުލް ޤާޞިދީން 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page