”އަންހެނާ ޝަރުޢީ ޢިލްމު އުނގެނެނީ ކާކަށްޓަކައި އަދި ކީއްވެހެއްޔެވެ؟
- haqqubooks

- Feb 7
- 2 min read

ޖަވާބަކީ:
އޭނާ ޝަރުޢީ ޢިލްމު އުނގެނޭހުށީ ހެޔޮކަމެއްގެ ގޮތުގައި އަދި ﷲ އަށް ކިޔަމަންވުމުގެ ގޮތުންނެވެ.
އެގޮތުން އޭގެ ޒާތުގައި އެކަމަކީ އަޅުކަމެއް އަދި ކުއްތަންވުމެކެވެ.
🔹ދެން އެއަށްފަހު އަންހެނާ ޢިލްމު އުނގެނުންވާހުށީ:
▪️ފުރަތަމަ ކަމަކަށް އޭނާގެ އަމިއްލަ ނަފްސާއި ﷲ އާ އޮންނަ ގުޅުން ރަނގަޅުކޮށް އިޞްލާޙުކުރުމަށްޓަކައިއެވެ.
▪️އެއަށްފަހު އޭނާގެ ވަށައިގެންވާ މީހުންނާއި، އޭނާގެ ގޭގެ މީހުންގެ ތެރެއިން އޭނާގެ ދަށުގައިވާ މީހުން އިޞްލާޙުކުރުމަށްޓަކައިއެވެ.
▪️ދެން އެއަށްފަހު އޭނާގެ ގާތަށް އަންނަ ބަޔަކު، ނުވަތަ އިށީންނަބަޔަކު، ނުވަތަ ސުވާލުކުރާބަޔަކު އިޞްލާޙުކުރަން އެދިގެންނެވެ.
އަދި ޢިލްމުގެ އަޞްލުތަކާއި އަސާސްތަކުން އޭނާއަށް ފުދޭނެއެވެ. ޢިލްމުގެ ކަފިތަކާއި ފަރުޢުތަކާއި، އުނދަގޫ ބޮޑެތި މައްސަލަތަކު ތެރެއަށް ވަންނަން ނުޖެހިއެވެ.
🔹ދެން އެއަށްފަހު:
ޢިލްމު އުނގެނޭ އަންހެނާ، އޭނާއާ ބެހުމެއްނުވާ ޢިލްމުތަކެއްގެ ތެރެއަށް ފުންކޮށް ވަނުމަކީ:
ވަޤުތު ނަގައިލާ ގެއްލުވާލުމުގެ ތެރޭގައި، އަދި އެއަށްވުރެ އަހައްމިއްޔަތުކަން ބޮޑުވެގެންވާ ޢިލްމުގެ ކަންކަން ގެއްލުވާލުމުގެ ތެރޭގައި ހިމެނޭކަމެކެވެ.
މިސާލަކަށް އާލަތްތަކުގެ ޢިލްމުގައި، އަދި ފިރިހެނުންގެ ޚާއްޞަ ކަންކަމުގައި ހިމެނޭ އަޞްލުތައް މިސާލަކަށް ފިރުޤާ ޖަމާޢަތްތަކަށް ނަޤުދުކޮށް ފާޑުކިޔުމާއި، އަލްޖަރަޙު ވައްތަޢުދީލުގެ ޢިލްމާއި، ޖަދަލާއި ބަޙުޘްކޮށް މުނާޡަރާކުރުމުގެ ޢިލްމާއި، ޚިލާފުވާ މީހުންނަށް ރައްދުދިނުމާ މިފަދަ ކަންކަމެވެ.
މިހުރިހާ ކަމަކީ އަންހެނުންގެ ޚާއްޞަ ކަންކަމުގެ ތެރޭގައި އެއްގޮތަކަށްވެސް ހިމެނޭ ކަންކަމެއް ނޫނެވެ.
ކިއެއްތަ، ޢިލްމު އުނގެނޭ އަންހެން މީހާ, ތައުޙީދާއި ޢަޤީދާގެ އަޞްލުތައް ދެނެގަނެ، އަޅުކަމުގެ ބާބުތަކާއި، ޢަޤްދުތަކާއި ކައިވެނިތަކުގެ ޙުކުމްތަކާއި، ދެމަފިރިކަމުގެ އަދަބުތަކާއި، ވިޔަފާރީގެ ޙުކުމްތައް ދެނެގަތުމަށް އެކަނި ހަނިކުރަންވީކަމަށް ބުނެވުނުނަމަ, ފަހެ މިބަހުގައި ފުދޭ މިންވަރާއި ރަނގަޅު ޙައްޤުގޮތް ވެއެވެ.
އެނޫން ޢިލްމުތަކަކީ އަންހެނާގެ ނިސްބަތުން އިތުރަށް ޙާޖަތްނުޖެހޭ ކަންތަކެކެވެ.
🔹ދެން އެއަށްފަހު އަނެއްކަމަކީ:
ދަރުސްދިނުމަށްޓަކައި އަންހެނާ އިށީންނާނޭހެއްޔެވެ؟
ޖަވާބަކީ:
ނޫނެކެވެ. އޭނާގެ ގާތަށް އައިސް އިށީންދެ އުޅޭ އަންހެނުންގެ ޖަމަޢަވުންތަކުގައި މެނުވީއެވެ.
ދެން (ޢާއްމު) ޢިލްމީ މަޖްލިސްތަކާއި ދަރުސްތައް ބޭއްވުމަކީ ޙާޖަތް ޖެހިއްޖެނަމަ މެނުވީ އޮތްކަމެއް ނޫނެވެ.
ޙާޖަތް ޖެހޭހިނދުވެސް އެއީ ފަރުދާއެއްގެ ފުރަގަހުގައިއެވެ.
ޞަޙާބީންނާއި ތާބިޢީން ޢާއިޝާއާއި ޞަޙާބީ ކަނބަލުންގެ އަރިހުން ޢިލްމު ނެންގެވިގޮތަށެވެ. އަދި ޙަދީޘްގެ އަހުލުވެރިން އަންހެނުންގެ ޖަމާޢަތެއްގެ ކިބައިން ޙަދީޘް ރިވާކުރިގޮތަށެވެ.
🔹ދެން އެއަށްފަހު: ފޮތްލިޔެ ތައުލީފުކޮށް ތަޞްނީފުކުރުމަކީ އަންހެނާ ކުރަން ޖެހޭކަމެއް ހެއްޔެވެ؟
ޖަވާބަކީ:
އިސްވެދިޔަ ޒަމާންތަކުގައި ޢާއްމުކޮށް ގިނަކޮށްވާ ކަމެއްކަމުގައި މިކަން ނުވެއެވެ.
ކިއެއްތަ، އެއީ މަދު، ވަރަށްވެސް ނާދިރު ޙާލަތެކެވެ.
ޞަޙީޙު ފޮތްތަކާއި، ސުނަނުތަކާއި، މުސްނަދުތަކާއި، މުޢުޖަމުތަކުގައިވެސް އަންހެނުން ލިޔެފައިވާ އެއްޗެއް ނުވެއެވެ.
އެއީ އަންހެންތަކުންގެ މެދުގައި މަތީ ސަނަދުތަކުން ރިވާޔަތްތައް ގިނަވެގެންވުމާ އެކުގައިވެސްމެއެވެ.
ނަމަވެސް ޝަރުޢީ އަޞްލަކީ: އަންހެނާ ފޮރުވި ވަންހަނާވެ، އެއްވެސް ގޮތަކުން އަންހެނާއަށް ފިރިހެނުންގެ ނަޒަރުތަކާއި ފިކުރުތައް ހިންގޭގޮތަށް ފާޅުވެ ހާމަނުވުމަކީ ޝަރުޢީގޮތުން ކުރަންޖެހޭނެ ކަމެއްކަމެވެ. އަދި ސަލާމަތްތެރި އިންސާނީ ފިޠުރަތުވެސްމެއެވެ.
އެއީ ނަބިއްޔާ صلى الله عليه وسلمގެ އަނބިއަނބިކަނބަލުންނާ ޚިލާފަށެވެ. އެއީ އެކަނބަލުންގެ ކިބައިގައިވާ ނަބަވީ ޢިލްމަށްޓަކައި އަދި މީސްތަކުން އެއަށް ޙާޖަތްޖެހިގެންވުމުންނެވެ.
އަދި ޞަޙާބީންގެ އަންހެނުންގެ ކިބައިން އަހަރުމެންނަށް އެއްވެސް ޚަބަރެއް ފޯރައިފިއްޔާ، އެ ޚަބަރެއް ޛިކުރުކުރެވިގެން އައުމުގެ ފުރަގަހުގައި ޢިލްމީ ފައިދާއެއްވާ ގޮތަށް މެނުވީ ޚަބަރެއް ވަރަށްވެސް ނާދެއެވެ.
އަދި ޞަޙާބީންގެ އަންހެންކަނބަލުންގެ ތެރެއިން އެއީ ކޮންބައެއްކަން އަޞްލު ނުވެސް އެނގެނީ ކިހާ ކަނބަލުންނެއްހެއްޔެވެ!؟
ނުވަތަ އެކަނބަލެއްގެ ނަމާއި ނަސަބު ފިޔަވައި އެހެން އެއްވެސް ޚަބަރެއް އެކަނބަލަކާމެދު އެނގިގެންނުވަނީ ކިހާ ކަނބަލުންތަކެއްހެއްޔެވެ!؟
އެހެންކަމުން އަންހެނާގެ ނަންނުގަނެވި، މަޝްހޫރުނުވެ ފޮރުވިގެންވުމަށް، އަދި ﷲ ގެ ފަރުދާކުރެއްވުމާއި، އެކަނބުލޭގެ އަހުލުބައިތުންގެ ތެރޭގައި އުޅުމަށް ކުރިމަތިލާ ޤަޞްދުކުރުން އެކަނބުލޭގެއަށް މާހެޔޮވެ ފަރުދާވުން ބޮޑުވެގެންވެއެވެ.
ދެން އެއާއެކު އެކަނބުލޭގެ (ޤަޞްދުކުރުމެއްނެތި) ހެޔޮކަމާއި ދީންވެރިކަމާއި ޢިލްމުން އެއްޗެއް ފާޅުވެއްޖެނަމަ ﷲ ގެ އިރާދަފުޅާއެކު އެކަން ހެޔޮވެގެންވެއެވެ. والله أعلم“
-ޝެއިޚު ބަދްރު އަލްޢުތައިބީ-





































































































