ސައްޔިދަތުއް ނިސާ ފާޠިމާ ބިންތު މުޙައްމަދު (صلى الله عليه وسلم) (1)
- ތަރުޖަމާ: އުއްމު ޢަބްދުﷲ (جزاها الله خير)
- Sep 2, 2019
- 2 min read

ފާޠިމާ އަކީ ނަބިއްޔާ (صلى الله عليه وسلم) ގެ އެންމެ ހަނގު އަންހެން ދަރިކަނބަލުންނެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި އެންމެ ޙާއްޞަ ދަރިކަނބަލުންނެވެ. އެކަމަނާއަކީ ނަބިއްޔާ (صلى الله عليه وسلم) އާއި އެކަލޭގެފާނުގެ ފުރަތަމަ އަނބިކަނބަލުން ޚަދީޖާ (رضي الله عنها) އާއި ދެބޭފުޅުންގެ ދަރިކަނބަލެކެވެ. އެކަމަނާ ކައިވެނި ބައްލަވައި ގަތީ އެކަމާނާއާއި ދެބެއިންގެ ދެދަރި ބޭފުޅެއް ކަމުގައިވާ ޢަލީ ބިން އަބީ ޠާލިބު ( رضي الله عنه) އާއެވެ. އަދި އެކަމަނާއަކީ އިސްލާމްދީނުގެ މަތިވެތި ޝަހީދުންތަކެއްގެ މަންމާފުޅެވެ. އެއީ ހަސަން އަދި ހުސެއިން އެވެ.
ފާޠިމާ (رضي الله عنها) އުފަންވެވަޑައިގަތީ އެކަމަނާގެ ބައްޕާފުޅަށް ނަބީކަން ލިބިވަޑައިގެންނެވުމުގެ މަދު އަހަރުތަކެއް ކުރިން މައްކާގައެވެ. ނަބިއްޔާ (صلى الله عليه وسلم) އާއި ޚަދީޖާ (رضي الله عنها) ގެ ފާޠިމާގެ ކުރިންވެސް 3 އަންހެން ދަރިކަނބަލުން ލިބިވަޑައިގެންފައި ވީނަމަވެސް، ފާޠިމާ އުފަންވެވަޑައިގަތުމުން އެދެކަނބަލުން ވަރަށް އުފާފުޅު ކުރެއްވެވި އެވެ. އޭރުގެ މައްކާގެ އާދަކައިދެ ގޮތުން ކުދިން އަވަށަށް ފޮނުވުމުގެ އުޞޫލާއި ޚިލާފަށް ޚަދީޖާ (رضي الله عنها) އެކަމަނާގެ ލޯބިވާ ހަނގު ދަރިކަނބަލުން ފާޠިމާ އެއްވެސް މީހެއްގެ ގާތުން ކިރުފޮދު ހިއްޕެވުމަކަށް ނުފޮނުއްވެވި އެވެ. އޭގެ ބަދަލުގައި ފާޠިމާ އެކަމަނާގެ ގާތުގައި ބަހައްޓަވައިގެން އަމިއްލަ ފުޅަށް ބެލެހެއްޓެވި އެވެ. އެހެން މީހެއްގެ ގާތުގައި ބެހެއްޓުމަށްވުރެ އެކަމަނާ ތުއްތު ދަރިކަނބަލުން ދެކެ މާބޮޑަށްލޯބިވެލެއްވެވި އެވެ. އޭގެ އަހަރުތަކެއް ފަހުން، ﷲ ތަޢާލާ އެކަމަނާގެ ބައްޕާފުޅަށް ނަބީކަން ދެއްވާ އެންމެ ފަހުގެ ރަސޫލާކަމުގައި ލެއްވެވި އެވެ.
އެކަމަނާއާއި އެކަމަނާގެ މަންމަ އަދި ދައްތައިން ކަމުގައިވާ ޒައިނަބު، ރުޤައްޔާ އަދި އުންމު ކުލްޘޫމު އިސްލާމްދީން ޤަބޫލުކުރެއްވެވި އެވެ. އެކަމަނާގެ ޢުމުރުފުޅުގެ ފުރަތަމަ ދުވަސްތައް ހޭދަކުރެއްވީ އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅުގެ އޯގާތެރިކަމާއި ލޯތްބާއި އަޅާލެއްވުމުގެ ތެރޭގައެވެ. މާތްކަންތައްތައް ދިފާޢުކުރެއްވުމާއި ތަޤްވާވެރިކަމަށް ލޯބިކުރެއްވުން އެކަމަނާގެ ކިބައިގައި އަށަގެންފައި ވެއެވެ.
ނަބިއްޔާ (صلى الله عليه وسلم)، އެކަލޭގެފާނުގެ ނަބީކަން ފާޅުކުރެއްވުމުގެ ކުރިން އެކަލޭގެފާނީ ޤުރައިޝުންގެ ތެރެއިން އެންމެ މަޝްހޫރު، އެންމެން ލޯބިވާ އަދި އެންމެ ޤަދަރުވެރި ބޭކަލެވެ. ނަމަވެސް ﷲ ގެ ނަބިއްޔާކަން ޢިޢުލާންކުރެއްވުމާއި ވިދިގެން އެކަލޭގެފާނުގެ ހުރިހައި ކަމެއް ބަދަލުވެގެން ދިޔައެވެ. އެކަލޭގެފާނު ގިނައިން ހިންގަވައި އުޅުއްވި މަގުތަކަށް ކަށިތައް އެޅި އެވެ. އަދި ގޭގޭގެ ފުރާޅުމަތިންނާއި ބެލްކަނީތަކުން އެކަލޭގެފާނަށް އަމާޒުކޮށް ކުންޏާއި ނަޖިސްތަކެތި އުކާ ހެދި އެވެ. އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށްޓަކައި ރޭވުންތައް ރާވާހެދި އެވެ. ޤުދުރަތީ ގޮތުންވެސް މިފަދަ ދަތި އުދަނގުލާއި މުޞީބާތްތަކުގެ ސަބަބުން ޢާއިލީ ދިރިއުޅުއްވުމަށް އަސަރުތަކެއް ކުރާނެ އެވެ. ފާޠިމާ އެކަމަނާގެ ޙަޔާތްޕުޅުގެ ނާޒުކު ދުވަސްތައް ހޭދަކުރެއްވީ މިޙާދިޘާތަކުގެ ހިޔަނީގައެވެ. އެހެންނަމަވެސް، އެކަމަނާގެ ހަރުދަނާކަން ހުރި މިންވަރަކީ މިހުރިހާ ކަމަކާއި އެކަމަނާ ކުރިމަތިލެއްވީ ފާހަގަކުރެވޭ ފަދަ ކެތްތެރިކަމާއި ސާބިތުކަމަކާއި އެކުގައެވެ.
އެކަމަނާގެ ބައްޕާފުޅު ދިފާޢުކޮށް ރައްކާތެރިކުރެއްވުމަށްޓަކައި ހިތްވަރުގަދަ ކުޑަކުޑަ ސިންގާއެއް ފަދައިން އެކަމަނާ ހަމަލާދެއްވި އެވެ. ނުބައިކަން ބޮޑު މީހުންކަމުގައިވާ އަބޫ ޖަހުލު އާއި، އުތުބާ އަދި ޝައިބާގެ ޙަމަލާތަކުން އެކަމަނާގެ ބައްޕާފުޅު ސަލާމަތްކުރެއްވުމުގެ ގޮތުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަމަނާ ހުންނަވައެވެ.
އެއްފަހަރެއްގައި ނަބިއްޔާ (صلى الله عليه وسلم) އެކަލޭގެފާނުގެ އަޞްޙާބުންކޮޅަކާއި އެކުގައި މައްކާގެ ޙަރަމްގެ ތެރެއަށް ވެދެވަޑައިގެން ނަމާދުކުރައްވަން ފެއްޓެވި އެވެ. އެވަގުތަކީ މުޝްރިކުން ޖަމަލެއް ކަތިލި ވަގުތެވެ. ޖަމަލުގެ ކަރުގޮހުރުތައް ހުރީ އެތަނުގައެވެ. އެހިނދު އަބޫ ޖަހުލުގެ ސިކުނޑިއަށް ނުބައި ކަންބޮޑު ވިސްނުމެއް އައެވެ. އަދި އޭނާއާއެކު ތިބި މީހުންގެ ތެރެއިން އެ ކަރުގޮހޮރުތައް ނަގައިގެން ގޮސް ނަބިއްޔާ ( صلى الله عليه وسلم) ގެ ބުރަކަށިފުޅު މަތީގައި ބަހައްޓަން ކެރޭނީ ކާކައްތޯ ސުވާލުކުރި އެވެ. އެމީހުންގެ ތެރެއިން އެންމެ ދަށުފަންތީގެ މީހެއްކަމުގައިވާ އުޤުބާ ބިން އަބީ މުއީތު ތެދުވެގެންގޮސް އެކަން ކުރާނީ އޭނާ ކަމަށް ބުންޏެވެ. އަދި އެ ކަރުގޮހޮރުތައް ނަގައިގެންގޮސް ނަބިއްޔާ (صلى الله عليه وسلم) ﷲ އަށް ސަޖިދަކުރައްވަން އޮންނަވަނިކޮށް އެކަލޭގެފާނުގެ ބުރަކަށިފުޅު މައްޗަށް އެތަކެތި އެޅިއެވެ. އެވަގުތު އެމީހުން އެންމެން ނުބައިކަން ބޮޑު ގޮތަކަށް ހޭންފެށި އެވެ. މިނުބައިކަން ބޮޑު ޢަމަލުގެ ޚަބަރު ފާޠިމާއަށް ފޯރުމާއިއެކު އެކަމަނާ ޙަރަމް ފުޅާއި ދިމާލަށް އަވަސްވެވަޑައިގަތެވެ. އެކަމަނާގެ އަމިއްލަ އަތްޕުޅުން ނަޖިސްތައް ނަންގަވަމުން، އެކަމަނާގެ ލޯބިވާ ބައްޕަ އާއި މެދުގައި ކަންތައް ކުރެވުނު އަނިޔާވެރި ގޮތާއިމެދު ކޯފާވެވަޑައިގެން މުޝްރިކުންނާއި ދިމާލަށް ބަސްވިދާޅުވިއެވެ. ނަބިއްޔާ (صلى الله عليه وسلم) ނަމާދުން ނިމިވަޑައިގެން އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އުފުއްލަވާ ލައްވައި ﷲ ގެ ޙަޟްރަތުގައި އެ ޢަމަލު ކުރި މީހުން ހިއްޕެވުމަށް ދެންނެވިއެވެ. އެމީހުންނަކީ އަބޫ ޖަހުލު ބިން ހިޝާމް، ޝައިބާ ބިން ރާބިއާ، އުޤުބާ ބިން އަބީ މުއީތު އަދި އުމައްޔަ ބިން ޚަލަފް އެވެ. މިޝައިޠާނުންތައް މިކަމާއި ވަރަށް ބިރުގަތެވެ. އެހެނީ، މައްކާގެ ޙަރަމްފުޅުގެ ތެރޭގައި ކުރެވޭ އެއްވެސް ދުޢާއެއް ﷲ ތަޢާލާ ރައްދުނުކުރައްވާނެކަން އެމީހުންނަށް އެނގޭތީއެވެ. އަދި ނަބިއްޔާ ( صلى الله عليه وسلم) ގެ ދުޢާ ﷲ ތަޢާލާ އިޖާބަކުރެއްވެވިއެވެ.
އަޞްލު: Islam’s women
17 ޖުލައި 2010 -
www.click4islam.com