ޒަކާތް: މުސްލިމު ޢަސީރުންނަށްޓަކައި ހަނދާންނެތިކޮށްލެވިފައިވާ ވާޖިބު
- ތަރުޖަމާ: އުންމު އުމެއިމާ (جزاها الله خير)
- Nov 28, 2018
- 5 min read
އަލް އަޚް މޮޒެމް ބެގް (ގުއަންޓަނާމޯބޭގައި ކުރިން އަސީރުކުރެވުނު އަޚެއް)

ތަރުޖަމާ: އުންމު އުމެއިމާ (جزاها الله خير)
އިސްލާމީ ތާރީޚު ފުރިގެންވަނީ، އަނިޔާވެރިންގެ އަތްދަށުން ލިބުނު އަނިޔާތަކާއި، އަސީރު ކުރެވުނު މުސްލިމު އަންހެނުންނާއި، ފިރިހެނުންގެ ވާހަކަތަކުންނެވެ. ޔޫސުފް (عليه السلام) ސޫރަތުގައި ޞަރީޙަކޮށް ބަޔާން ވެގެންވަނީ، ނުހައްޤުން ޤައިދު ކުރެވުމަކީ ހަމައެކަނި ތަވްޙީދުގެ ޘަޤާފަތުން ވާރުތަކޮށްފައިވާ ކަމެއް ނޫންކަމެވެ. ތައުރާތާއި އަދި ޤުރުއާނުގައި ވެސް މިކަން ހިމެނިގެންވެއެވެ. އަދި ހަމައެއާއިއެކު މިކަންތައްތަކާއި ނުލައި، ޔަހޫދީ ދީނާއި، ނަޞާރާ ދީން އަދި އިސްލާމް ދީން ފުރިހަމައެއް ނުވާނެއެވެ. އަދި އެއީ ބޭއިންޞާފުން އަސީރު ކުރެވިފައިވާ މުސްލިމުންގެ ސިކުނޑިތަކުގައި ގުގުމާލި ވާހަކައެވެ.
ޔޫސުފް(عليه السلام) ވިދާޅުވިއެވެ.”قَالَ رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ وَإِلا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُنْ مِنَ الْجَاهِلِينَ (*) فَاسْتَجَابَ لَهُ رَبُّهُ فَصَرَفَ عَنْهُ كَيْدَهُنَّ إِنَّهُ هُوَ السَّمِيعُ الْعَلِيمُ (*) ثُمَّ بَدَا لَهُمْ مِنْ بَعْدِ مَا رَأَوُا الآيَاتِ لَيَسْجُنُنَّهُ حَتَّى حِينٍ“
”އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރި އިލާހެވެ! ތިމަން އަޅާ ކުރުމަށް އެބައިމީހުން އެ އެދޭ ކަންތަކަށްވުރެ، ޖަލުގައި ހައްޔަރުވުންވެސް، ތިމަން އަޅާއަށް ލޮބުވެތިކަން ބޮޑެވެ. އަދި އިބަ އިލާހު، އެބައިމީހުންގެ މަކަރުވެރިކަން ތިމަން އަޅާގެ ކިބައިން ދުރުނުކުރެއްވިނަމަ، ތިމަންއަޅާ އެބައިމީހުންނަށް ލެނބިގެން ހިނގައިދާނެއެވެ. އަދި ޖާހިލުންގެ ތެރެއިން ތިމަން އަޅާ ވެދާނެއެވެ. ފަހެ، އެކަލޭގެފާނުގެ ވެރިއިލާހުގެ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި، އެބައިމީހުންގެ މަކަރުވެރިކަން އެކަލޭގެފާނުގެ ކިބައިން ދުރުކުރެއްވިއެވެ. ހަމަކަށަވަރުން،އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ދެން (އެކަލޭގެފާނު ބަރީޢަވެގެންވާކަމުގެ) ދަލީލުތައް އެބައިމީހުންނަށް ފެނިދިޔުމަށްފަހުވެސް، ހަމަކަށަވަރުން، އެކަލޭގެފާނު ދުވަސްކޮޅަކަށް ޖަލުގައި ހައްޔަރުކުރުމަށް އެބައިމީހުންނަށް ފެނުނެވެ.“ (ސޫރަތު ޔޫސުފް 33-35)
މުސްލިމު ޢަސީރުންނަށް އެހީތެރިވުމުގެ މަސްޢޫލިއްޔަތު އުފުލުން މިއަދު މިވަނީ ވަރަށްވެސް ދަތިވެފައެވެ. ޚާއްޞަ ގޮތެއްގައި ގުއަންޓެނާމޯބޭ އުފެދުނު ފަހުންނެވެ. ސިއްރު އަދި ޢަސްކަރީ ޖަލުތަކާއި، ކުށެއް ނެތް ގޮތުގައި ހައްޔަރު ކުރުމާއި، ކުށް ޡާބިތުވުމުގެ ކުރީން ހައްޔަރު ކުރުމުގެ ސަބަބުން، މުސްލިމުން މިކަމުގައި މަސައްކަތް ކުރުމުގެ ޒިންމާ އިތުރުވެގެން ދިޔައެވެ. ﷲ ތަޢާލާ ވަހީކުރައްވަނީ:-
”وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا (*) إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لا نُرِيدُ مِنْكُمْ جَزَاءً وَلا شُكُورًا “
”އަދި އެތަކެއްޗަށް ލޯބި ހުރުމާއިއެކުވެސް، މިސްކީނުންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެބައިމީހުން ކާތަކެތި ކާންދެއެވެ. (ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުނަށް ކާންދޭކަން ކަށަވަރީ، ﷲ ގެ ވަޖުހަފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދޭނަމެވެ.“
(ސޫރަތުލް އިންސާން 8-9)
ސިއްރު ޖަލުތަކަށާއި، ގުއަންޓަނާމޯބޭގައި ތިބި ޢަސީރުންނަށް ސީދާގޮތުން ކާބޯތަކެތި ފޯރުކޮށް ދިނުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. އެކަމަކު، އެމީހުންނަކީ ހަނދާން ނައްތާލެވި ދޫކޮށްލެވިފައިވާ ބައެއްގެ ގޮތުގައި ނުވުމަށާއި، އެމީހުންނަށް ޢަދުލު އިންޞާފު ލިބޭތޯ ގަދައަޅާ މަސައްކަތް ކުރުމަކީ އަހަރެމެންނަށް ކުރެވޭނެ އަދި ކުރަންޖެހޭނެ ކަމެކެވެ.
ރަސޫލު ﷲ (صلى الله عليه وسلم) ހަދީޘް ފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.”އެއްވެސް މުސްލިމަކު އަނެއް މުސްލިމު މީހާގެ ޢިއްޒަތާއި ޙައްޤުތައް ނިގުޅައި ގަނެވޭ ހިނދު އޭނާ ދޫކޮށެއް ނުލާނެއެވެ. އެފަދައިން ކަންކޮށްފި މީހަކަށް، ﷲ ތަޢާލާ، އެމީހަކަށް ﷲ ތަޢާލާގެ މަދަދު ލިބުމަށް އެންމެ ބޮޑަށް ލޯބިކުރާ ހިނދު އެފަދަ މީހާ، އެއިލާހު ދޫކޮށް ލައްވާނެއެވެ. އަދި އެއްވެސް މީހަކު، މުސްލިމަކު ނިކަމެތިވެ އޭނާގެ ޙައްޤުތައް ނިގުޅައިގަނެވިގެންވާ ޙާލުގައި އޭނާއަށް އެހީތެރިވެރި ވެއްޖެނަމަ، ﷲ ތަޢާލާގެ މަދަދު ލިބުމަށް އެމީހަކު އެންމެ ލޯބިކުރާ ވަގުތުގައި އެއިލާހު އޭނާއަށް މަދަދު ދެއްވަވާނެއެވެ.“ (އަޙުމަދު އަދި އަބޫ ދާވޫދު)
އަދިވެސް އެކަލޭގެފާނު (صلى الله عليه وسلم) ހަދީޘްފުޅު ކުރެއްވި އެހެން ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ބަނޑުހައި ހޫނުވެފައިވާ މީހުންނަށް ކާންދޭށެވެ. ބަލި މީހުންނަށް ޒިޔާރަތް ކުރާށެވެ. އަދި ޢަސީރުން މިނިވަން ކުރާށެވެ.“ އަދިވެސް ރަސޫލު ﷲ ( صلى الله عليه وسلم) ހަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”މުސްލިމް ޢަސީރުން މިނިވަން ކުރުމާއި އެމީހުންނަށް ފިދްޔަ ދިނުމަކީ އީމާންކަމުގެ އަހުލުވެރިންގެ މައްޗަށްވާ ކަމެކެވެ.“
ރަސޫލު ﷲ (صلى الله عليه وسلم) ބަނޫ އުޤައިލް އިން ނެންގެވި 2 މުސްލިމަކަށާއި އެއް ފިރިހެނަކަށް، އެކަލޭގެފާނު (صلى الله عليه وسلم) ފިދްޔަ ދެއްވެވިއެވެ. ސަލަމާ ބިން އަލް އަކްވާ، ހަދިޔާއެއްގައި ގޮތުގައި ދިން ދެމީހުންނާއި އެއް އަންހެނަކަށް ވެސް އެކަލޭގެފާނު (صلى الله عليه وسلم) ފިދްޔަ ދެއްވެވިއެވެ.
ކުރީގެ ޢިލްމްވެރިންގެ ތެރެއިން ޚުދް އެބޭކަލުންގެ ތެރެއިންވެސް އެތަކެއް ޢިލްމުވެރީންނެއް ޖަލަށް ލެވިފައިވާ ޢިލްމުވެރީންނަށްވެސް، ޢަސީރުން މިނިވަން ކުރުމުގައިވާ، މާލީ ވާޖިބުކަން ވަނީ ސާފުވެވަޑައިގެންފައެވެ.
އިމާމް މާލިކު (رحمه الله) ވިދާޅުވިއެވެ. ”މީސްތަކުންގެ ފައިސާއިން ޢަސީރުން މިނިވަން ކުރުމަކީ، މީސްތަކުންގެ މައްޗަށްވާ ވާޖިބެކެވެ. މިކަމުގައި އެއްވެސް ޚިލާފުވުމެއް ނެތެވެ.“
އިބްން ތައިމިއްޔާ (رحمه الله) ވިދާޅުވިއެވެ. ”ޢަސީރުން މިނިވަން ކުރުމަކީ، ފަރުޟު ކުރެވިފައިވާ ޢަމަލުތަކުގެ ތެރެއިން އެންމެ މަތިވެރި އެއްކަމެވެ. އަދި ފިދްޔައިގެ ގޮތުގައި ފައިސާ ހޭދަކުރުމާއި، އެކަމަށްޓަކައި އެހެނިހެން ގޮތްގޮތުން ހޭދަކުރުމަކީ، ﷲ ތަޢާލާ އާއި ގާތްވެވޭނެ އެންމެ މަތިވެރި ގޮތްތަކުގެ ތެރެއިން ގޮތެކެވެ.“
އަލް-ޤުރުޠުބީ (رحمه الله) ވިދާޅުވިއެވެ. ”އަޅުގަނޑުމެންގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ، ފައިސާއިން ޢަސީރުން މިނިވަން ކުރުމަކީ ވާޖިބެއް ކަމުގައެވެ. އަދި އެއީ އެކަމުގެ ސަބަބުން، އިސްލާމް ދީނުގެ ރައުސުލް މާލުގައި އެންމެ ދިރުހަމެއް ނެތްކަމުގައި ވިޔަސް މެއެވެ.“
އެމީހުންގެ ޘަވާބު އިތުރުކުރުމަށްޓަކައި، ރޯދަމަހުގައި ޒަކާތް ދިނުމަކީ ގިނަ މުސްލިމުން ޚިޔާރު ކުރާ ގޮތެކެވެ. އެކަމަކު، މުސްލިމުން ގޮތުގައިވެ، އަހަރެމެންގެ ބޮލުގައި އެޅިފައިވާ ވާޖިބު ކަމުގައިވާ، ނުހައްޤުން އަސީރުކުރެވިފައިވާ މީހުންނަށްޓަކައި ޢަދުލު އިންޞާފު ހޯދުމަށް މަސައްކަތް ކުރުމަކީ އަހަރެމެންގެ މުދާ ޠާހިރުކޮށްދޭނެ ކަމެއްކަމާއި މެދު ވަރަށް ގިނަ ފަހަރު މީހުން ހަނދާން ނައްތާލައެވެ.
މިޒަމާނުގެ ޢިލްމު ވެރިންވެސް (އޭގެތެރޭގައި ނުޙައްގުން ޖަލަށް ލެވިފައިވާ ޢިލްމުވެރިންވެސް) ވަނީ މިޒަމާނުގައި ޢަސީރުންނަށް އެހީތެރިވުމަކީ ކޮންކަހަލަ ކަމެއް ކަމާއި ބެހޭގޮތުން ބަޔާންކޮށްދެއްވާފައެވެ.
މުފްތީ އެ-ދޭސިއާ (ކައުންސިލް އޮފް މުސްލިމް ތިއޮލިޖިއަންސް، ސައުތު އެފްރިކާ) ޢަސީރުންނާއި ގުޅޭގޮތުން އަހަރެމެންގެ މައްޗަށްވާ، ވާޖިބާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ.
ސުވާލު:- ”السلام عليكم ޝެއިޚް! އެގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންގެ ތެރެއިން ގިނަ އަޚުންތަކެއް ވަނީ މިހާރު ގުއަންޓެނާމޯބޭގައި އަސީރުކުރެވިފައެވެ. އަސީރުކުރެވިފައިވާ މިއަޚުންނާއި ގުޅޭ ގޮތުން އެހެނިހެން މުސްލިމުންނަށްވާ ޒިންމާއަކީ ކޮބާ؟ جزاك الله خير “
ޖަވާބު: ”السلام عليكم ورحمة الله وبركاته، ޤަދަރުވެރި މުސްލިމް އަޚާއެވެ! ގުއަންޓެނާމޯބޭގައި ތިބި ފަދައިން، މުސްލިމުން ނުހައްޤުން ޢަސީރުކުރެވުމުން، ދުނިޔޭގައިވާ ހުރިހާ މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވަނީ އެމީހެއްގެ ޤާބިލްކަން ހުރި މިންވަރަކުން އަނިޔާ ލިބިފައިވާ އަޚުން މިނިވަން ކޮށްދިނުމެވެ. އަހަރެމެން ގުޅިގެން މަސައްކަތްކޮށްގެންނެވެ. މެދުނުކެނޑި އެމީހުންގެ މައްޗަށް ދުޢާ ކުރުމަކީ އަހަރެމެންގެ މައްޗަށްވާ ވާޖިބެކެވެ. އެންމެ މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އެވެ. ވައްސަލާމް،“
ޢަސީރުން މިނިވަން ކުރުމަށް ޒަކާތް ދިނުމާއި ބެހޭ ގޮތުން ޝެއިޚް ޖައުފަރު އިދްރީސް އާއި ސުވާލުކުރެވުނެވެ.
ސުވާލު:- ”މުސްލިމު ޢަސީރުން މިނިވަން ކުރުމަށް ޒަކާތް ދިނުމަކީ ކުރީ ޒަމާނުގައި ހުއްދަ ކުރެވިފައިވާ ކަމެކެވެ. މިކަމުގެ މައިގަނޑު މަޤުޞަދަކީ އެމީހުންނަށްޓަކައި ފިދްޔަދީ ސަލާމަތްތެރި ކަމާއިއެކު އެމީހުން އަނބުރާ މިނިވަންކަމަށް ގެއައުން ކަށަވަރުކުރުމެވެ. މިއަދު މުސްލިމުން މިވަނީ، ހަމައެކަނި ސިޔާސީ ބޭނުންތަކަށްޓަކައި ޢަސީރުކުރެވިފައެވެ. އެއްވެސް ސަބަބެއް އަދި އެއްވެސް ކުށެއް އެމީހުންގެ މައްޗަށް ޡާބިތު ނުވާ ޙާލުއެވެ. މިއަޚުން މިނިވަން ކުރުމަށްޓަކައި ފިދްޔަ ދެވޭނެ ފަދަ އެއްވެސް ގޮތެއް ނެތެވެ. އެމީހުންގެ ޤާނޫނީ ކަންތައްތަކަށް ޚަރަދު ކުރުމަށާއި، ކެމްޕެއިން ކުރުމާއި ލޮބީ ކުރުން ފަދަ ޙަރަކާތްތަކަށް ޒަކާތް ދެވިދާނެތޯއެވެ؟ ޢަސީރުންނަށްޓަކައި މަސައްކަތް ކުރާ އަމިއްލަ ޖަމްޢިއްޔާއަކަށް ޒަކާތް ނެގިދާނެތޯއެވެ؟“
ޖަވާބު:- ”ޢަސީރުން މިނިވަން ކުރުމަށްޓަކައި ޒަކާތް ދިނުމާއި ގުޅޭގޮތުންވާ އެންމެ މައިގަނޑު އަސާސަކީ، އެމަސައްކަތް އެއީ ޢަސީރުން މިނިވަން ކުރުމަށްޓަކައި ކުރެވޭ މަސައްކަތަކަށް ވުމެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމް ޢަސީރުންގެ ޙާލަތަށް ބަލާއިރު، ޢަސީރުން މިނިވަން ކުރުމާއި ގުޅޭގޮތުން ކުރެވޭ ކޮންމެ މަސައްކަތަކަށް ޒަކާތުގެ ފައިސާ ބޭނުންކުރެވިދާނެއެވެ. މިކަމުގެ ސަބަބުން ޢަސީރުން މިނިވަން ވުމަކީ ޔަޤީންކަމަކަށް ނުވެދާނެއެވެ. ނަމަވެސް އެމަޤްސަދު ޙާސިލު ކުރުމަށްޓަކައި ކުރެވޭ މަސައްކަތަށްޓަކައި އެފައިސާ ހޭދަކުރެވިދާނެއެވެ. މިމަޤްސަދަށްޓަކައި ޙާއްސަ ގޮތެއްގައި މަސައްކަތް ކުރާ ޖަމްޢިއްޔާ އަކުން، ޒަކާތުގެ ފައިސާ ބޭނުން ކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.“
ގުއަންޓަނާމޯބޭގެ ޢަސީރުންނާއި ގުޅޭގޮތުން ޝެއިޚް ސަލްމާން އަލް އަވްދާ ވިދާޅުވެފައިވެއެވެ.
”ޢަސީރުންގެ ކަންތައްތައް ބަލާ ދިރާސާ ކުރުމަށްޓަކައި، ޤާނޫނީ އަދި އިންސާނީ ޙައްޤުތަކާއި ގުޅޭ ގޮތުން ޖަމްޢިއްޔާތައް އުފައްދަން ޖެހޭނެއެވެ. އަހަރެމެންދޭ މާލީ އެހީގައި ދީލަތި ވާންޖެހޭނެއެވެ. އެއީ އެފައިސާ އަހަރެމެން ބޭނުންކުރަނީ ޢަސީރުން މިނިވަން ކުރުމަށް ކަމުގައްޔާއި، އެމީހުންގެ ޙައްޤުތަކުގެ ދިފާޢުގައި މަސައްކަތްކޮށް، އެމީހުންގެ ޙާލަތު މީސްތަކުންނަށް ޢާންމު ކުރުން ކަމުގައި ވިޔަސް މެއެވެ. މިކަންތައްތަކުގައި އެއްވެސް ފަރަޤެއް ނެތެވެ. އަދި އެމީހުންގެ ފަރާތުން އެމީހުންގެ ޢާއިލާތަކަށް އަހަރެމެން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. މިހުރިހާ ކަންތައްތަކަކީވެސް ﷲ ގެ މަގުގައި ހޭދަކުރުމުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. މިފަދަ ހެޔޮކަންތައްތައް ކުރުމުގައި، އަހަރެމެން މުސްލިމުން އެކަކު އަނެކަކާއި ވާދަވެރިވާންޖެހޭނެއެވެ.“
(ޝެއިޚްގެ ބަސްކޮޅު ނިމުނީ)
ޒަކާތް ދިނުމަކީ އެކަމުގެ ސަބަބުން މުސްލިމުންގެ މުދާ ޠާހިރުކޮށްދޭނެ ގޮތެކެވެ. އަދި އެކަމުގެ ތެރޭގައި އެހީތެރިކަމަށް ބޭނުންޖެހިފައި ތިބި މީހުންނަށް އެހީތެރިވުންވެސް ހިމެނެއެވެ. އެއީ އިސްލާމް ދީނުގެ 3 ވަނަ ރުކުނެވެ. އަދި އެއީ ފަރުޟު ނަމާދަށް ފަހު ދެވަނައަށް އެންމެ މުހިންމު ކަމެވެ. މިޢަމަލު ޤުރުއާނުގައި 80 ފަހަރަށް ވުރެ ގިނައިން އައިސްފައިވާ ހިނދު، ގިނަ ފަހަރު އައިސްފައިވަނީ ނަމާދާއި ގުޅުވައިގެންނެވެ. އެހެން ކަމުން، ޒަކާތް ދިނުމަކީ އިސްލާމް ދީނުގައި ދޫކޮށް ނުލެވޭ ފަދަ ވާޖިބެއް ކަމުގައި ވީހިނދު، ޢަސީރުންނަށް ޢަދުލު އިންސާފު ހޯދައިދީ އެމީހުން މިނިވަން ކުރުމަށް މަސައްކަތް ކުރުމަކީ މިވާޖިބު އަދާކުރުމުގެ ތެރެއިންވާ ކަމެކެވެ. އަދި މިމަގުގައި ހޭދަކުރުމަށްޓަކައި ޒަކާތާއި ޞަދަޤާތްދޭ މީހުންނަށް މަތިވެރި ވެގެންވާ ދަރުމަ ލިބުން ވަނީ ވަޢުދުވެވިގެންނެވެ.
”وَمَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمُ ابْتِغَاءَ مَرْضَاةِ اللَّهِ وَتَثْبِيتًا مِنْ أَنْفُسِهِمْ كَمَثَلِ جَنَّةٍ بِرَبْوَةٍ أَصَابَهَا وَابِلٌ فَآتَتْ أُكُلَهَا ضِعْفَيْنِ فَإِنْ لَمْ يُصِبْهَا وَابِلٌ فَطَلٌّ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ“
”އަދި ﷲ ގެ ރުއްސެވުން އެދި، (ﷲ ގެ ޘަވާބާއި ދަރުމަ ލިބޭނެކަމަށް) އެބައިމީހުންގެ ނަފްސުތަކުން ޔަޤީންކޮށް ކަށަވަރުކޮށްގެން ތިބެ، އެބައިމީހުންގެ މުދާ ހޭދަކުރާ މީހުންގެ މިޘާލަކީ އުސްބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭވެހި، އެތާގެ މޭވާ، ދެގުނައަށް އިތުރުވެގެންދާ، އަދި، ބޯ ވާރޭއެއް ނުވެހުނުނަމަ، ހިމަފޮދު ވާރޭއެއް ވެހޭ ބަގީޗާއެއްގެ މިޘާލެވެ. (މިއިން ކޮންމެ ގޮތެއްގައިވެސް މޭވާ ލިބި އިތުރުވެއެވެ.) ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހެވެ.“
(ސޫރަތުލް-ބަޤަރާ 265)
އަހަރެމެންގެ މައްޗަށްވާ ހަމައެކަނި ސުވާލަކީ:
”مَنْ ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً وَاللَّهُ يَقْبِضُ وَيَبْسُطُ وَإِلَيْهِ تُرْجَعُونَ “
”ހެޔޮވެގެންވާ ދަރަންޏަކުން ﷲ އަށް ދަރަނި ދޭހުށީ (އެބަހީ: ﷲ އަށްޓަކައި ހޭދަކުރާށީ) ކާކުހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް، ﷲ، އެދަރަނީގެ ހެޔޮ ޖަޒާ އެމީހަކަށް އިތުރުކޮށް ދެއްވާނެއެވެ. ރިޒްޤު ދަތިކުރައްވަނީ، އަދި، ތަނަވަސްކުރައްވަނީ ވެސް ﷲ އެވެ. އަދި، ތިޔަބައިމީހުން ރުޖޫޢަ ކުރައްވާހުށީ ހަމަ އެއިލާހުގެ ހަޟްރަތަށެވެ.“
(ސޫރަތުލް-ބަޤަރާ 245)
އަޞްލު: www.Cageprisoners.com
www.click4islam.com
05 ޖެނުއަރީ 2010 -




































































































