ހެޔޮ ޢަމަލުތައް ފާޅުކުރަން ޤަޞްދުކުރުމަށް ހުއްދަ އޮތުން ބަޔާންކުރުން.
- --
- Apr 27
- 3 min read

🌴 އިބްނުލް ޖައުޒީ (597ހ) ވިދާޅުވިއެވެ:
”ހެޔޮ ޢަމަލުތައް ފާޅުކުރަން ޤަޞްދުކުރުމަށް ހުއްދަ އޮތުން ބަޔާންކުރުން.
ދަންނާށެވެ!
ހެޔޮ ޢަމަލުތައް ސިއްރުކޮށް ވަންހަނާކޮށްގެން އިޚްލާޞްތެރިކަމުގެ ފައިދާވުމާއި، ދެއްކުންތެރިކަމުން ނަޖާވުން ވެއެވެ.
އަނެއްކޮޅުން ފާޅުކޮށްގެން އެހެން މީހުން ތަބަޢަވުމާއި، މީސްތަކުންނަށް ހެޔޮކަންތަކަށް ހިތްވަރުދިނުންވެއެވެ. ނަމަވެސް ދެއްކުންތެރިކަމުގެ އާފާތް އެކަމުގައިވެއެވެ.
ހެޔޮ ޢަމަލުތައް ފާޅުކުރުންވަނީ ދެބަޔަކަށެވެ:
▪️އެއްކަމަކީ: ސީދާ އެ ޢަމަލު ފާޅުކުރުމެވެ.
▪️ދެވަނައީ: ކޮށްފައިވާ ޢަމަލުގެ ވާހަކަދެއްކުމެވެ.
▪️ފުރަތަމަ ބަޔަށް ބަލާއިރު އެއީ ބަޔަކު މީހުންގެ ތެރޭގައި ޞަދަޤާތްދިނުން ފާޅުކުރުން ގޮތަށެވެ. އެއީ މީސްތަކުންނަށްވެސް އެކަމަށް ބާރުއަޅާ ހިތްވަރުދިނުމުގެ ގޮތުންނެވެ.
ޞަޙީޙުގައި ރިވާވެގެންވާ ގޮތުގައި، ﷲ ގެ ރަސޫލާ صلى الله عليه وسلم ޞަދަޤާތް ދިނުމަށް ހިތްވަރުދެއްވުމުން، ދެން އަންޞާރުންގެ ބޭކަލަކު ކޮތަޅެއް ހިއްޕަވައިގެން ވަޑައިގަތެވެ. ދެން މީސްތަކުން ފުލުފުލުން އައެވެ. ދެން ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
"އިސްލާމްދީނުގައި (ހެޔޮ ރަނގަޅު) ސުންނަތެއް ކޮށްފި މީހާ, ފަހެ އޭނާއަށް އޭގެ އަޖުރާއި، އޭނާގެ ފަހުން އެއަށް ޢަމަލުކުރާހާ ބަޔަކުގެ އަޖުރުވެސްވެއެވެ. އެއީ އެމީހުންގެ އަޖުރުން އެއްވެސް އެއްޗެއް އުނިވުމެއް ނެތެވެ."
ދަންނާށެވެ!
ޢަމަލުތަކުގެ ތެރޭގައި ސިއްރު ނުކުރެވޭ ކަހަލަ ޢަމަލުތައްވެއެވެ. އަދި އެކަންކަމަށް އަވަސްވުމަކީ ޢަމަލު އިޢުލާނުކޮށް ފާޅުކުރުމެއްވެސް ނޫނެވެ. ކިއެއްތަ އެއީ ހަމަ ހުސްއެކަނި ހިތްވަރުދީ ބާރުއެޅުމެވެ. ޙައްޖާއި ޖިހާދުކުރުންފަދަ ކަންކަމެވެ.
ފަހެ އެކަމުގައި މޮޅު އިތުރުވެގެންވަނީ ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން އަވަސްވުމެވެ. ދެއްކުންތެރިކަމުގެ ގޮތަކުން ނޫނެވެ.
އަދި ޢަމަލުތަކުގެ ތެރޭގައި ސިއްރުކޮށް ފޮރުވޭކަހަލަ ޢަމަލުތައްވެއެވެ. މިސާލަކަށް ޞަދަޤާތް ދިނުމާއި ނަމާދުކުރުމެވެ.
ދެންފަހެ ޞަދަޤާތްދޭކަން ހާމަކޮށް ފާޅުކުރީމާ ޞަދަޤާތް ލިބޭ މީހާއަށް އުނދަގޫވެ ތުރައެއް ލިބޭނަމަ، ނަމަވެސް އެއާއެކު މީސްތަކުން ޞަދަޤާތް ދިނުމަށް ހިތްވަރުލިބޭނަމަ, އެޙާލަތުގައި ސިއްރުކުރުން މޮޅު އިތުރެވެ. އެހެނީ އުނދަގުލާއި ތުރަލެއް ލިބޭކަމެއް ކުރުން ޙަރާމްވެއެވެ.
ދެންފަހެ އެކަމުގައި އުނދަގޫކުރުމެއް ނާންނަކަމެއް ނަމަ, މޮޅު އިތުރުވެގެންވާ ގޮތަކާމެދު މީސްތަކުން ޚިލާފުވިއެވެ.
އެއްބަޔަކު ބުނި ގޮތުގައި ސިއްރުގައި ކުރުން، ފައުޅުގައި ކުރުމަށްވުރެ މޮޅު އިތުރެވެ. (ފައުޅުގައި ކޮށްގެން) ނަމޫނާ ހިފާނޭ ބަޔަކު ތިބިޔަސްމެއެވެ.
އަނެއްބަޔަކު ބުނީ: ނަމޫނާގައި ހިފައިގެން ތަބަޢަވާނޭ ބަޔަކު ނެތްނަމަ ސިއްރުގައި ކުރުން މޮޅު އިތުރެވެ. އެކަމަކު ފާޅުގައި ކޮށްގެން ނަމޫނާގައި ހިފާނޭކަމުގައިވާނަމަ ސިއްރުގައި ކުރުމަށްވުރެ މޮޅު އިތުރެވެ.
ޞައްޙަވެގެންވަނީ މިބަހެވެ. އެއީ އެހެން މީހުން ތަބަޢަވެ އިޤްތިދާވުމުގެ މާތްކަމަށްޓަކައިއެވެ. އެކަމަކު ފާޅުކޮށްގެން ބިރުވެތިވެވޭ ކަމަކީ ދެއްކުންތެރިކަމެވެ.
ދެއްކުންތެރިކަމުގެ ކިލަނބުކަން އައިސްފިނަމަ ދެން އެހިނދުން އެހެން ބަޔަކު ތަބަޢަވެގެން ކުރާނޭ ފައިދާއެއް ނެތެވެ.
ނަމަވެސް ޢަމަލު ފާޅުކުރާ މީހާގެ މައްޗަށް ދެ ވަޒީފާއެއް ވެއެވެ:
▫️ފުރަތަމައީ: އޭނާއަށް އެ ޢަމަލުގައި ތަބަޢަވާނޭކަން އެނގޭތަނެއްގައި، ނުވަތަ އެހެން ހީކުރެވޭ ތަނެއްގައި އެކަން ފާޅުކުރުމެވެ.
އެހެނީ ނަމޫނާގައި ހިފާނޭކަމުގެ ނިޔަތުގައި ޢަމަލު ފާޅުކުރުން ޞައްޙަވަނީ ނަމޫނާގައި ހިފޭނެފަދަ (އެފަދަ މަޤާމާއި ދަރަޖައެއްގައި ހުރި) މީހަކު، އޭނާއަށް ތަބަޢަވާނޭފަދަ މަޙައްލެއްގައި ތިބި ބަޔަކުގެ މައްޗަށެވެ.
▫️ދެވަނައީ: އޭނާގެ ހިތަށް ފާރަވެރިވެ ބެލެހެއްޓުމެވެ. އެހެނީ ދެއްކުންތެރިކަމަށްވާ ވަންހަނާ ލޯބި އެހިތުގައި ވެދާނެއެވެ. ދެން މީހުން ތަބަޢަވާނޭ ކިޔައިގެން ޙުއްޖަތް ދައްކައިގެން އެ ޢަމަލު ފާޅުކުރަން އެކަން މެދުވެރިކޮށްފާނެއެވެ.
އެއީ އޭނާގެ ޝަހުވަތަކީ އެ ޢަމަލުން ޒީނަތްތެރިކަން ދައްކައިގެން، މީހުން އޭނާއަށް ތަބަޢަވެވޭ މީހަކަށްވުމުން އޭގެ ފޮނިހޯދުން ކަމުގައިވާ ަޙާލުގައިއެވެ.
ޢަމަލުތައް ފާޅުކުރާ ކޮންމެ މީހެއްގެ ޙާލަތުވަނީ މިހެންނެވެ. އިޚްލާޞްތެރި ވަރުގަދަ މީހުން މެނުވީއެވެ. އެފަދަ މީހުންވަނީ މަދުވެގެންނެވެ.
އެހެންކަމުން ބަލިކަށި ޟަޢީފު މީހާ، މިޙުއްޖަތް ބޭނުންކޮށްގެން (އެބަހީ: އެހެން މީހުންނަށް ހެޔޮކަމަށް ބާރުއަޅަންވެގެން ޢަމަލު ފާޅުކުރަނީކަމަށް ބުނެގެން) އޭނާގެ ނަފްސަށް ކެހިދީ އޮޅުވާލުން އެކަށީގެން ނުވެއެވެ. އޭރުން އޭނާއަށް އިޙްސާސްވެސް ނުވާ ޙާލު އޭނާ ހަލާކުވެގެންދާނެއެވެ.
އެހެނީ ބަލިކަށި މީހާގެ މިސާލަކީ: އެހާ ރަނގަޅަށް ފަތަން ނުދަނެ ގެނބެމުންދާ މީހެއްގެ މިސާލެވެ. ދެން ގެނބެމުންދާ ބަޔަކު އޭނާއަށް ފެނި، އޭނާގެ ހިތުގައި ރަޙުމް އުފެދިގެން އެމީހުންގެ ގާތަށް ދިޔުމުން އެމީހުން އޭނާގެ ގައިގައި ހިފައިގަތުމުން، އޭނާވެސް އަދި އެމީހުންވެސް ހަލާކުވެގެންދިޔައެވެ.
އަޅެފަހެ ދެއްކުންތެރިކަން ހަމައެކަނި ޣަރަޤުވުމާ އެއްފަދައިންވީނަމަވެސް ކިހާ ރަނގަޅުވީސްހެވެ! އެހެނީ ޣަރަޤުވުމުގެ ވޭނަކީ ހިނދުކޮޅެއްގެ ކަމެކެވެ. އަނެއްކޮޅުން ދެއްކުންތެރިކަމުގެ ޢަޛާބަކީ: އެތައް މުއްދަތަކަށް ދެމިގެންވާ ޢަޛާބެކެވެ.
އަޅުވެރިންނާއި ޢިލްމުވެރިން މިތަނުން ފައިކައްސާލައިގެން ދެއެވެ. އެގޮތުން ހެޔޮ ޢަމަލުތައް ފާޅުކޮށްގެން، ވަރުގަދަ މީހުންނާ ވައްތަރުވާން އެމީހުން އުޅެއެވެ. އެއީ އިޚްލާޞްތެރިކަމަށް އެމީހުންގެ ހިތް ވަރުގަދަނުވާ ޙާލުގައިއެވެ. ދެން ދެއްކުންތެރިކަމުގެ ސަބަބުން އެމީހުންގެ އަޖުރުތައް ބާޠިލުވެގެންދެއެވެ.
އެކަން ނަގައިގަތުމަކީ ފޮރުވިގެންވާ ކަވިކަމެކެވެ. އެގޮތުން އެކަންހުރިތޯ ބެލޭނެގޮތަކީ އޭނާގެ ނަފްސަށް މިހެން ހުށަހެޅުމެވެ:
"ތިބާއާ އެއް ފަންތީގެ ޢިލްމުވެރިންގެ ތެރެއިން އެހެން މީހަކަށް މީސްތަކުން ތަބަޢަވެގެންވުމަށްޓަކައި ތިބާގެ ހެޔޮ ޢަމަލު ފޮރުވައި، އޭރުން ފާޅުކުރުމުގެ އަޖުރުފަދަ އަޖުރެއް ތިބާއަށް ސިއްރުގައިވެސްވާނޭ" އޭނާއަށް ބުނެވި، ދެންވެސް ތަބަޢަވެވޭ މީހަކީ ޚުދު އޭނާކަމުގައިވާން، އަދި ޢަމަލު ފާޅުކުރާ މީހަކީ އޭނާކަމުގައިވާން އޭނާގެ ހިތް ލެނބިއްޖެނަމަ, ފަހެ އޭނާ އެކަންކުރަން މެދުވެރިކުރި ކަމަކީ ދެއްކުންތެރިކަމެވެ. (މީހުން ތަބަޢަވެ، ހެޔޮކަމަށް ހިތްވަރުދިނުމުގެ) އަޖުރު ހޯދުމެއް ނޫނެވެ.
އެހެނީ އޭނާ ޢަމަލު ފާޅުކުރުމަށް އެ ލެނބެނީ މީސްތަކުންގެ ލޯތަކަށް ފާހަގަވުމަށެވެ.
އެހެންކަމުން އަމިއްލަ ނަފްސަށް ކެހިދީ އޮޅުވާލުމާމެދު ކޮންމެ އަޅަކު ހުށިޔާރުވެ ސަމާލުވާހުށިކަމެވެ! ފަހެ ޢަމަލުތައް ފާޅުކުރުމުގައިވަނީ ނުރައްކާތަކެވެ.
ސަލާމަތްކަންވަނީ ފޮރުވާ ވަންހަނާކުރުމުގައިއެވެ.
▪️ޢަމަލުކުރާ ފާޅުކުރުމުގެ ދެވަނަ ބަޔަކީ: ޢަމަލުކޮށް ނިންމާފައި އޭނާ ކުރި ކަންތަކުގެ ވާހަކަދެއްކުމެވެ. މީގެ ޙުކުމަކީވެސް ހަމަ ސީދާ ޢަމަލު ފާޅުކުރުމުގެ ޙުކުމެވެ. އަދި މިކަމުގައިވާ ނުރައްކާ ބޮޑުވެގެންވެއެވެ.
އެހެނީ ޢަމަލުތަކުގެ ވާހަކަދެއްކުމަކީ ދުލަށް ލުއި ފަސޭހަކަމެކެވެ. އަދި ވާހަކަކިޔާ ދިނުމުގައި އިތުރުކޮށްގެން އަދި ބޮޑުކޮށްގެންވެސް ގޮސްދާނެއެވެ.
އަދި ދަޢުވާތައް ފާޅުކޮށްގެން ނަފްސަށް ބޮޑު ލައްޒަތެއްވެއެވެ.
އެހެންނަމަވެސް އެވާހަކަތަކަށް ދެއްކުންތެރިކަން އަޔަސް، ކުރިން (އިޚްލާޞްތެރިކޮށް) ކޮށް ނިންމާފައިވާ ޢަމަލެއް ފަސާދަކޮށްލުމުގެ އަސަރެއް ނުކުރެއެވެ.
މިގޮތުން ބަލާއިރު އެކަން ލުޔެވެ.
އޭގެ ޙުކުމަކީ: އެމީހަކުގެ (އީމާންކަމާއި ހިތް) ވަރުގަދަވެ،
އިޚްލާޞްތެރިކަން ފުރިހަމަވެ،
އޭނާގެ ލޮލުގައި މީސްތަކުންނަކީ އެއްވެސް ބައެއް ނޫންކަމަށް ފެނި ކުޑަވެ،
މީހުންގެ މަދަޙަޘަނާއާއި ފާޑުކިޔާ ނުބައިކުރުން ހަމަހަމަވެގެންވެ,
އަދި އޭނާ އެ ޢަމަލުގެ ވާހަކަ ނަންގަތީ އޭނާއަށް އެކަމުގައި ތަބަޢަވާނޭކަމަށް އުއްމީދުކޮށް އެދޭ ބަޔަކުގެ ގާތުގައިކަމަށްވާނަމަ އެކަން ހުއްދަވެއެވެ.
ކިއެއްތަ، އޭނާގެ ނިޔަތް ސާފުވެ ސަލާމަތްވެއްޖެނަމަ އެކަމުގެ ވާހަކަދެއްކުން އައުލާވެ ސުންނަތްވެގެންވެސްވެއެވެ.
އެހެނީ އޭރުން ހެޔޮކަންކަމަށް ބާރުއެޅި ހިތްވަރުދެވެއެވެ. އަދި ހެޔޮކަމަށް ހިތްވަރުދިނުމަކީ ހެޔޮކަމެކެވެ.
ޖަމާޢަތެއްގެ ބޭކަލުންގެ އަރިހުން މިހެން ނަޤުލުކުރެވެއެވެ. އެގޮތުން ޢުމަރުގެފާނު ވިދާޅުވިއެވެ:
"ދަތި އުނދަގޫކަމެއްގެ މަތީގައި ނުވަތަ ލުއިފަސޭހަ ތަނަވަސްކަމެއްގެ މަތީގައި ހެނދުނުކުރަން ޖެހުނަސް އަހަރެންނަށް ފަރުވާލެއް ނެތެވެ. އެހެނީ އޭގެ ތެރެއިން އަހަރެންނަށް ހެޔޮވެގެންވަނީ ކޮންކަމެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ."
ޢުޘްމާނު ބްނު ޢައްފާނު ވިދާޅުވިއެވެ:
"އަހަރެން ދުވަހަކުވެސް ލަވައެއް ކިޔާ އަދި ދޮގެއް ހަދާފައި ނުވާނެއެވެ. އަދި ﷲ ގެ ރަސޫލާއަށް ބައިޢަތު ހިފީއްސުރެ އަހަރެންގެ ކަނާތް އަހަރެންގެ ޛަކަރުގައި ބީހިފައި ނުވާނެއެވެ."...
ސަލަފުންގެ ބޭކަލުންގެ ވާހަކަފުޅުތަކުގައި މިކަން ގިނަވެގެންވެއެވެ. އެހުރިހާ ކަމަކީވެސް ޝަރަފުވެރި މަތީ ޙާލަތް ހާމަކުރުމެވެ.
ދެއްކުންތެރިވުމުގެ ޤަޞްދުގައި އެކަންކުރާ މީހަކު ދެއްކުންތެރިކަން އެކަމުގައިވެއެވެ.
އަދި އެމީހަކަށް ތަބަޢަވެވޭ މީހަކުގެ ފުށުން އެކަން ފާޅުކޮށްފިނަމަ ހެޔޮކަމަށް ހިތްވަރުދިނުމުގެ ޤަޞްދުވެސް އޭގައިވެއެވެ.
އަހަރުމެން ކުރިން ބަޔާންކުރި ޝަރުޠުތަކާއެކު ވަރުގަދަ މީހުންނަށް މިކަން ހުއްދަވެއެވެ.“
📖 މިންހާޖުލް ޤާޞިދީން 📖























































































