ރަޝީދު އަލްޚައްބާޒު ކިޔާދެއްވިއެވެ:
- --
- Apr 24
- 1 min read

”އަހަރެންގެ ސާހިބުމީހާއާއެކު މައްކާއަށް ދިޔުމަށް ނިކުތީމެވެ. އަދި އެއަހަރުގައި އަހަރުމެން މައްކާގައި ތިބީމެވެ. އަދި އެއަހަރު ސުފްޔާނުއް ޘައުރީ (161ހ) ވެސް މައްކާގައި ހުންނެވިއެވެ.
އަދި އަހަރެންގެ ސާހިބުމީހާ ހަވީރު އެކަލޭގެފާނުގެ އަރިހަށް ގޮސް ވާހަކަދައްކާ އުޅެއެވެ. އަދި އަހަރެންވެސް އޭނާއާއެކުގައި ދަމެވެ.
ދެން އެއްދުވަހަކު މީހަކު އައިސް ސުފްޔާނަށް ދަންނަވައިފިއެވެ:
"އޭ އަބޫ ޢަބްދު ﷲ އެވެ! މިއަދު ޞާލިޙުގެ ދެ ދަރިންކަމުގައިވާ އަލްޙަސަނުއާއި ޢަލީ އަތުވެއްޖެއެވެ."
ސުފްޔާނު ވިދާޅުވިއެވެ:
"އެދެމީހުން ކޮބައިހެއްޔެވެ؟"
އޭނާ ބުންޏެވެ:
"ޠަވާފުކުރަން އެބައުޅެއެވެ."
ވިދާޅުވިއެވެ:
"އެދެމީހުން ހުރަސްކޮށްލައިފިނަމަ އަހަރެންނަށް ދައްކާށެވެ."
ދެން އެތަނުން އެކަކު ހުރަސްކޮށްފައި ދިޔަހިނދު ދެންނެވުނެވެ:
"މިހުރީ ޢަލީއެވެ."
ދެން އަނެކަކު ހުރަސްކޮށްލުމުން ދެންނެވުނެވެ:
"މިއީ ޙަސަނެވެ."
ދެން ސުފްޔާނު ވިދާޅުވިއެވެ:
"ދެންފަހެ ފުރަތަމަ މީހާއީ އާޚިރަތުގެ އަހުލުވެރިއެކެވެ.
ފަހުން ދިޔަ މީހަކީ އެބަހީ ޙަސަނަކީ ކަނޑީގެ އަހުލުވެރިއެކެވެ. (އެބަހީ: ވެރިޔާއާ ދެކޮޅަށް ނިކުމެވޭނެކަމަށް ދެކޭ ފިކުރުގެ ވެރިއެކެވެ.)
އޭނާގެ އެތެރެއަށް އެއްވެސް އެއްޗެއް ނުވަންނާނެއެވެ."
ދެން އަހަރުމެންނާއެކު ތިބި މީހުންގެ ތެރެއިން މީހެއް ތެދުވެގެންގޮސް ޢަލީއަށް އެޚަބަރުދިނެވެ. ދެން އަނެއްދުވަހު އަހަރެންގެ ސާހިބުމީހާ ޢަލީގެ ގާތަށްގޮސް ސަލާމްކުރިއެވެ. އަދި ސުފްޔާނުވެސް ވަޑައިގެން ސަލާމްކުރެއްވިއެވެ.
އެހިނދު ޢަލީ ދެންނެވިއެވެ:
"އޭ އަބޫ ޢަބްދު ﷲ އެވެ! އަހަރެންގެ އަޚާއާމެދު ތިބާ އިއްޔެ ނަންގަތް ކަންތައް ނަންގަންނަން ޖެހުނީ ކީއްވެތޯއެވެ؟
ތިޔަ ބަސް (ވެރިޔަކަށްހުރި) އިބްނު އަބީ ޖަޢުފަރާ ހަމައަށް ފޯރާ، ދެން ޙަސަނު ބަލާ ފޮނުވާ ޙަސަނު ޤަތުލުކޮށް ނުލާނޭކަމުގެ އޮތީ ކޮން ގެރެންޓީއެއްތޯއެވެ؟"
ދެން އަހަރެން ސުފްޔާނަށް ބަލާލިއިރު އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަ އޮހޮރޭ ޙާލުގައި "أستغفر الله" ކިޔުއްވަމުން ދިޔައެވެ.“
📚 ތަހްޛީބުލް ކަމާލު، ސިޔަރު އަޢުލާމުއް ނުބަލާއު 📚



































































































