”ކެއުމުގެ ޝަހުވަތް:
- --
- 3 days ago
- 1 min read

ކެއުމާއި ބުއިމުގެ ޝަހުވަތަކީ އިންސާނާ ދިރިހުރުމުގެ އަޞްލުކަމުގައިވުމާއެކުވެސް, އެއީ ބުއްދިއާއި ވިސްނުންހުރި މީހުންގެ ބުއްދިއަށް އަސަރުކުރުން އެންމެ ބަލިކަށި ޝަހުވަތެވެ.
އެއީ ކެއުމާއި ބުއިން އެއީ ދިރިހުރުމުގެ އަޞްލާ ގުޅިފައިވާ ކަމަކަށްވުމުންނެވެ. ނަފްސު ޝައުޤުވެރިވާނީ އެނަފްސު ދިރިހުރުމުގެ އިތުރަށް އަންނަ ކަންކަމުގައި އެލޭށެވެ.
އިންސާނާ ދިރިހުރުން ޙައްޤުކޮށްދޭ ޝަހުވަތްތަކަކީ އެއަށްވުރެ އިތުރަށް އަންނަ ލައްޒަތްތަކާއި ދިރިއުޅުން ފުރިހަމަކޮށްދޭ އެހެން މޮޅުތަކާއި އަރާމުތަކުގެ ޝަހުވަތްތަކަށްވުރެ ހޯދުން ފަސޭހަވެގެންވާ ޝަހުވަތްތަކެކެވެ.
އިންސާނުންނާއި ޖަނަވާރުން ފަރަޤުކޮށްދޭ ކަމަކީ މިއެވެ.
އެގޮތުން ޖަނަވާރުންގެ ކިބައިގައިވާ ކެއުމާއި ބުއިމުގެ ޝަހުވަތަކީ އެސޮރުމެންގެ ހެލިފެލިވުމާއި ގިނަ އުޅުންތައް އޭގެ ވަށައިގެން އެނބުރޭ ޝަހުވަތެވެ. އަދި އެއީ ޖަނަވާރުންގެ ކިބައިގައިވާ އެންމެ ބޮޑު އަދި މައިގަނޑު ޝަހުވަތެވެ.
އިންސާނާއާ ޚިލާފަށެވެ.
މިހެންވެ، އެސޮރުމެންގެ ކާބޯތަކެތި ހޯދައިގަތުމުގައި ފަންނުވެރިވާ ޖަނަވާރަށް ތަޢުރީފުކުރެވެއެވެ.
އެކަމަކު އަނެއްކޮޅުން އިންސާނާ ހަމައެކަނި އެކަން ކޮށްގެން ތަޢުރީފެއް ނުކުރެވެއެވެ.
މިކަމާމެދު ޢަލީގެފާނުގެ އަރިހުން މިބަސްފުޅު ރިވާކުރެވެއެވެ:
"އެމީހެއްގެ ވިސްނުމާއި ކަންބޮޑުވުންވަނީ މުޅިންވެސް އޭނާގެ އެތެރެހަށްޓަށް ވަންނަ އެއްޗަކާމެދުގައި ކަމުގައިވާ މީހާ,
ފަހެ އޭނާގެ ޤަދަރަކީ އޭނާގެ ހަށިން ބޭރުވާ އެއްޗެއްގެ ޤަދަރެވެ."
ދިރިހުރުމުގެ އަޞްލަކީ ކެއުމާއި ބުއިންކަމުގައި ވުމާއެކު؛ އިންސާނާ އެދޭ އެހެން ޝަހުވަތްތަކާއި އެދުންތައް ނުލިބި ގެއްލިދާހިނދު؛ ކެއުމާއި ބުއިމުންވެސް މަޙުރޫމުކޮށްލައެވެ.
އެއީ އެތަކެތި ނުލިބި ދިޔުމުން މޮޅިވެރިވެ ހިތާމަކުރުމުގެ ސަބަބުންނެވެ.
ބުއްދި ފިލައިގޮސް މޮޔައެއްކަމުގައި ނުވަތަ މޮޔައެއްގެ ޙުކުމުގައި ހުރި މީހަކު ނޫނީ އިންސާނާގެ އުޅުމާއި ޢަމަލުތައް އޭގެ ވަށައިގެން އެނބުރޭ ކަމެއްކަމުގައި ކެއުމުގެ ޝަހުވަތް ނުވާނެއެވެ.
ހަމައެކަނި ކާއެތިކޮޅަށްޓަކައި ތެދުވެ އިށީންދެ ހިނގާބިގާވެ ގިނައިން އުޅޭ މީހަކީ ބުއްދި ފިލައި ގޮސްފައިވާ މީހާއެވެ. ޖަނަވާރުން ކަންތައްކުރާ ގޮތަށެވެ.
ކެއުމާއި ބުއިމުގެ ޝަހުވަތް ޙާޞިލުކުރުމަކީ ކައިރިން ލިބޭކަމެކެވެ. އަދި އެކަން ފުދިގެންދިޔުން ދުރަކު ނުވެއެވެ. އެކަމަށް ވާޞިލުވުން ފަސޭހަވެފައި، އެޝަހުވަތް ފުދިގެންދިޔުންވެސް ފަސޭހައެވެ.
އެއީ ޖަހާއި މަޤާމާއި މުދަލުގެ ޝަހުވަތާ ޚިލާފަށެވެ. ފަހެ އިންސާނާގެ ނަފްސަށް އެޝަހުވަތްތަކަށް ނިމުމެއް ނުވެއެވެ.“
- ޝެއިޚު ޠަރީފީ-
📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖





















































































