top of page
Featured Posts

”ޖާހާއި ބޮޑާކަމާއި ޙަސަދަވެރިކަން:

  • --
  • 3 hours ago
  • 1 min read

ޖާހާއި މަޤާމެއް ލިބިގެންވުމަށް ލޯބިކުރުމުގެ އިމްތިޙާނު ޖެހިގެންވާ މީހާ, ދެ ޠަބީޢަތަކުން އިމްތިޙާނު ކުރެވެއެވެ.


މި ދެ ޠަބީޢަތު ހެދިބޮޑުވެގެން އަންނަނީ، އަދި އެފަސްގަނޑަކުން ފަޅައިގެން އަންނަނީ ޖާހަށް ލޯބިކުރުމުގެ މަތީގައިއެވެ.


ފުރަތަމައީ: ޙަސަދަވެރިކަމެވެ.

ދެވަނައީ: ކިބުރުވެރިކަމެވެ.


ޖާހާއި ކިބުރުވެރިކަމާއި ޙަސަދަވެރިކަން، މި ތިންކަމަކީ މަގުފުރެދުމާއި އަނިޔާވެރިކަން (އޭގެ މަތީގައި ހަރުލާ ޘާބިތުވާ އުނދުނުގެ) ތިން ހިލައެވެ.


ޙަސަދަވެރިކަމަށް ބަލާއިރު:


އެހެނީ އެމީހަކާމެދު ޙަސަދަވެރިވެވޭ މީހާއަށް ﷲ ދެއްވާފައިވާ ނިޢުމަތްތައް ފިލުވާލައިގެން، އަދި މީނާ ހޯދަން އުޅޭ ވައްތަރުގެ ޖާހާއި މަޤާމު ލިބުން ހަނިކޮށްލާ އެނިޢުމަތްތައް ނައްތާލައިގެން މެނުވީ ޖާހު ކަށަވަރުވެ ޙާޞިލުނުވެއެވެ.


އަދި ފަހަރެއްގައި ޙަސަދަވެރިޔާގެ މަޤާމާއި ޖާހު ހަނިކޮށްލާފަދަ ނިޢުމަތް ލިބިގެންވާ މީހުންގެ ޢަދަދު މަދުކޮށްލެވޭތޯވެސް އޭނާ ސަމާލުވެ ފަރުވާތެރިވެގެން އުޅެފާނެއެވެ.


އެހެނީ އެމީހުންގެ ޢަދަދު ގިނަވުމުން އެމީހުންގެ ތެރޭގައި މީނާ (ފާޅުނުވެ ހާމަނުވެ) ފަރުދާވެގެންދާތީއެވެ.


އެމީހުން މަދުވިވަރަކަށް މީނާގެ ނަފްސު ފާޅުވެ، އަދި ޖާހާއި މަޤާމު ހާމަވެދެއެވެ.


ދެން މީސްތަކުންގެ ތެރެއިން އޭނާގެ މަޤާމާއި ޖާހުގެ ބާވަތާ އެންމެ ވާދަކުރުން ކައިރި މީހާއަށް ޢަދާވާތްތެރިވެއެވެ.


އެހެނީ ނަފްސުތަކުގެ ކުރިމަތީގައި ޖާހާއި މަޤާމުވަނީ: ލޯތަކުގެ ކުރިމަތީގައިވާ އަލިކަމެއް ފަދައިންނެވެ. ގަދަ އައްޔެއް ހުއްޓާ އެއާއެކު މަޑު އައްޔެއް ނުފެންނަ ބީދައިންނެވެ.


ދެންފަހެ ކިބުރުވެރިކަމަށް ބަލާއިރު:


ޖާހާއި މަޤާމުން ނަފްސު ބޭނުންވަނީ މަތިވެ ބޮޑުވެ ގަންނާށެވެ. ތެދުވެރި ގޮތަކުން މަތިވެވެން ނެތިއްޔާ ދޮގުވެރި ގޮތުގައިވެސް ނަފްސު ހިފައެވެ. ޙައްޤަށް ބޯލަނބާ ކިޔަމަންވުމުން ބުއްދި އަނބުރާލުމުގެ މައްޗަށް ނަފްސު ގަދަވެގަނެއްޖައުމަށް ދާންދެނެވެ.


އިރުގެ އަލިކަން ފަދައިން ދަލީލުތަކާއި ބުރުހާނުތައް ފެނުނަސްމެއެވެ.


އެހެނީ އެ ބުރުހާނުތަކަށް އިޤުރާރުވެ އެއްބަސްވުމީ މީސްތަކުންގެ ގާތުގައި އެނަފްސަށް ލިބިގެންވާ ޖާހާއި މަޤާމު ބިންދާލާ ކަމެކެވެ. އެހެންވެގެން އެއަށް އިންކާރުކޮށް ދެކޮޅުހަދައިގެން މެނުވީ އެނަފްސުގެ މަޤާމާއި ޖާހު ރައްކާ ނުކުރެވެއެވެ. ނަފްސުތައް ބުއްދިއަށް މިގޮތަށް ކަންތައްކުރެއެވެ.


ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:


(وَجَحَدُواْ بِهَا وَٱسۡتَيۡقَنَتۡهَآ أَنفُسُهُمۡ ظُلۡمًا وَعُلُوًّاۚ) (النمل: ١٤) 


"އެމީހުންގެ ނަފްސުތަކުން އެއީ ތެދުކަން ޔަޤީންވެގެންވާ ޙާލު އެމީހުން އެއަށް އިންކާރުކޮށް ދެކޮޅުހެދިއެވެ. އެއީ އަނިޔާވެރިކަމުންނާއި މަތިވެ ބޮޑާވެގަތުމުންނެވެ."


ޙަދީޘްގައިވެއެވެ:


"ކިބުރުވެރިކަމަކީ ޙައްޤަށް އިންކާރުކޮށް، މީސްތަކުން ދަށްކޮށްލުމެވެ."


ކިބުރުވެރިކަމާއި ހިތްމޮޅުކަމުގެ ސަބަބުން: ސާފުކޮށްވާ ހާމަ ކަންކަމާމެދުވެސް އިންސާނާ ޖަދަލުކޮށް ޒުވާބުކުރަން މެދުވެރިކޮށް، އަދި ޙައްޤަށް ބޯލެނބުން މަނާކުރެއެވެ.“


-ޝެއިޚު ޠަރީފީ-


📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page