30 މާރިޗު، އީރާނު ހަނގުރާމައިގެ ޚުލާސާ / 31 ވަނަ ދުވަސް:
- haqqubooks

- Mar 31
- 2 min read

🇱🇧🇮🇱 -
ރޭ ހިޒްބުالله އާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންގެ 6 މީހަކު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުން ހާމަކޮއްފައިވެއެވެ.
🇮🇷🇮🇱 -
އިސްރާއީލުގެ ހައިފާ ސިޓީއަށާއި އެ ސިޓީގެ ވަށައިގެންވާ ރަށްތަކަށް އީރާނުން ދިން ހަމަލާތަކުގެ ތެރެއިން ޖުމްލަ 6 ހަމަލާއެއް ވަނީ އަމާޒުވެފައެވެ. މި ހަމަލާތައް އަމާޒުވެފައިވަނީ ހައިފާ ބަނދަރަށާއި، ހައިފާގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާގެ ތެޔޮ ރައްކާކުރާ ޓޭންކަކަށެވެ.
🇺🇸🇮🇷 -
އެކްސިއޯސްއިން ރިޕޯޓްކުރާ ގޮތުގައި، އީރާނު ހަނގުރާމައަށާއި އިމިގްރޭޝަން ހަރުދަނާކުރުމަށް ބޭނުންވާ 200 ބިލިއަން ޑޮލަރު ހޯދުމަށްޓަކައި، އެމެރިކާގެ ސިއްހީ ދާއިރާގެ ޚަރަދުތައް ކުޑަކުރުމަށް ރިޕަބްލިކަން ޕާޓީން ދަނީ ވިސްނަމުންނެވެ.
🇺🇸🇮🇷🇮🇱⚡️ -
އެމެރިކާއިން ބަންކަރ ބަސްޓަރ (ބިމުގެ އަޑީގައި ހުންނަ ތަންތަން ހަލާކުކޮށްލާ ބޮން) ބޭނުންކޮށްގެން އީރާނުގެ އިސްފަހާނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
🇺🇳🇱🇧🇮🇱 -
ލުބުނާނުގެ ދެކުނުގައި އޮންނަ ބަނީ ޙައްޔާން ކައިރީގައި އދ. ގެ އުޅަނދެއް ގޮވުމުގެ ސަބަބުން، ޔުނިފިލް (UNIFIL) ގެ އިތުރު ދެ ސިފައިން މަރުވެފައިވާ ކަމަށް އިއުލާންކޮށްފިއެވެ.
🇵🇸🇮🇱 -
ފަލަސްތީނުގެ އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ހުއްދަދޭ މައްސަލަ ބޮޑުވެފައިވާ ގާނޫނު އިސްރާއީލުގެ ކްނެސެޓުން ވަނީ ފާސްކޮށްފައެވެ. މި ގާނޫނު ފާސްވީ 62 މީހުންގެ ތާއީދާއެކުގައެވެ.
🇱🇧🇮🇱 -
އިސްރާއީލުގެ މީޑިއާތަކުން ބުނާ ގޮތުގައި، ލުބުނާނުގެ ދެކުނުގައި ޒަޚަމްވި ސިފައިން އުފުލުމަށް އިސްރާއީލުގެ 8 ހެލިކޮޕްޓަރު ވަނީ ހަރަކާތްތެރިވެފައެވެ.
🇺🇸🛢 -
އެމެރިކާގެ ފްލޮރިޑާގައި ޕެޓްރޯލް ލީޓަރެއްގެ އަގު 4.29 ޑޮލަރަށް އުފުލިފައިވާއިރު، މުޅި އެމެރިކާގައި ތެލުގެ އަގު ގާތްގަނޑަކަށް 4 ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ.
🇮🇷🇦🇪 -
ޔޫ.އޭ.އީގެ ޝާރްޖާގައި ހުންނަ "ޘުރަޔާ ޓެލެކޮމިއުނިކޭޝަންސް" އިމާރާތަށް ޑްރޯން ހަމަލާއެއް ވަނީ އަމާޒުވެފައެވެ.
🇮🇷🇾🇪 -
ބްލޫމްބާގުން ރިޕޯޓްކުރާ ގޮތުގައި، ރަތްކަނޑުން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުން އަލުން ފެށުމަށް އީރާނުން ދަނީ ހޫޘީންނަށް ބާރުއަޅަމުންނެވެ.
🇺🇸🇮🇷🇮🇱 -
އިސްރާއީލުގެ ޗެނަލް 11 އިން ބުނާ ގޮތުގައި، އީރާނުގެ ތެރެއަށް އެމެރިކާއިން އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތަކަށް ތައްޔާރުވުމަށްޓަކައި، އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ ވޮޝިންގޓަނަށް ބޭނުންވާ ޖާސޫސީ މައުލޫމާތުތައް ފޯރުކޮށްދެމުންނެވެ.
🇮🇷🇦🇪 -
ދުބާއީގެ ހުޅަނގު އުތުރުން 31 މޭލު ދުރުގައި އޮތް ތެޔޮ އުފުލާ އުޅަނދަކަށް ހަމަލާއެއް އަރައި، އެ ބޯޓުގައި ވަނީ އަލިފާން ރޯވެފައެވެ.
🇱🇧🇮🇱 -
އަލްޖަޒީރާއަށް އިސްރާއީލުގެ މަސްދަރުތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ވޭތުވެދިޔަ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ލުބުނާނުގެ ދެކުނުގައި ހިޒްބުالله އާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި އިސްރާއީލު ސިފައިންގެ ބައެއް މީހުން މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.
🇺🇸🛢 -
ދުބާއީ ކައިރިން ކުވެއިތުގެ ތެޔޮ ބޯޓަކަށް އީރާނުން ދިން ހަމަލާއާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 6 އިންސައްތަ އުފުލި، ފީފާއެއްގެ އަގު 106 ޑޮލަރަށް ވަނީ އަރާފައެވެ.
🇺🇸🇸🇦🇮🇷 -
އޭ.ޕީ އިން ރިޕޯޓްކުރާ ގޮތުގައި، ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ، ކުވެއިތު އަދި ބަހްރޭނުން ވަނީ އީރާނުގެ ލީޑަޝިޕަށް ބޮޑު ބަދަލެއް ނާންނަނީސް މި ހަނގުރާމަ ހުއްޓާލަން ބޭނުންނުވާ ކަމަށް އެމެރިކާއަށް އަންގާފައެވެ.
🇺🇸🇮🇷 -
ވޯލް ސްޓްރީޓް ޖާނަލްއިން ބުނާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް ނަމަވެސް، އީރާނާ ދެކޮޅަށް ކުރާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް ޓްރަމްޕް ހުރީ ތައްޔާރަށެވެ.





















































































