12 މާރިޗު، އީރާނު ހަނގުރާމަ 13 ވަނަ ދުވަހުގެ ޚުލާސާ:
- haqqubooks

- 2 hours ago
- 2 min read

🇮🇷🇦🇪 -
ޔޫ.އޭ.އީގެ ޖަބަލް އަލީގެ އުތުރުން 35 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ޖަޕާނުގެ ކޮންޓޭނަރު އުފުލާ ބޯޓަކަށް ހަމަލާއެއް އަރައި، ބޯޓުގައި އަލިފާން ރޯވެފައިވާ ކަމަށް ޔޫ.ކޭ.އެމް.ޓީ.އޯ އިން ރިޕޯޓުކޮށްފިއެވެ. ބޯޓުގެ ފަޅުވެރިން ސަލާމަތުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ.
🇮🇷🇧🇭 -
އީރާނުން ބަޙްރައިން އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދީފިއެވެ.
🇺🇸🇮🇷🇮🇱 -
އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށާއި ހުޅަނގު އީރާނުގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް ކުރިއަށް ގެންގޮސްފިއެވެ.
🇮🇷🇰🇼 -
އީރާނުން ދިން ހަމަލާއަކާ ގުޅިގެން ކުވެއިތު އިންޓަނޭޝަނަލް އެއާޕޯޓަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭ.އެފް.ޕީ އިން ރިޕޯޓުކޮއްފައިވެއެވެ.
🇺🇸🇮🇷🇴🇲 -
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އަސްކަރީ ހިމާޔަތް (escort) މިވަގުތު ދެވެން ނެތް ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ބުނެފިއެވެ. ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް އީރާނުން އޮތް ތައްޔާރީތަކާއި އީރާނުގެ ގާބިލިއްޔަތު އެމެރިކާގެ ޕެންޓަގަނަށް ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށް ސީ.އެން.އެން އިން ބުނެއެވެ.
🛢 - ގަލްފުގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު ދުވާލަކު މަދުވެގެން 10 މިލިއަން ފީފާއަށް ދަށްކޮށްފައިވާ ކަމަށް އައި.އީ.އޭ އިން އަންދާޒާކުރެއެވެ.
🇮🇷 -
އީރާނުގެ އެތެރޭގައި 3.2 މިލިއަން މީހުން ގެދޮރު ދޫކޮށް ހާލުގައި ޖެހިފައިވާ ކަމަށް އދ. ގެ ރެފިއުޖީ އެޖެންސީން ހާމަކޮށްފިއެވެ.
🇺🇸🇮🇷🇮🇱 -
އީރާނުގެ އައު ސުޕްރީމް ލީޑަރު މުޖްތަބާ ޚާމަނާއީ ފުރަތަމަ ރަސްމީ ބަޔާނުގައި ބުނެފައިވަނީ، ދުޝްމަނުންގެ ކިބައިން ބަދަލު ހިފާނެ ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނަންޖެހޭނެ ކަމަށެވެ. އަދި ދުޝްމަނުންގެ ނާޒުކު ސަރަހައްދުތަކުގައި އައު ކުރިމަތިލުންތައް ފެށުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
🇮🇹🇮🇶🇮🇷 -
އިރާގުގެ ކުރުދިސްތާނުގެ އަރުބީލްގައި ހުންނަ އިޓަލީގެ އަސްކަރީ މަރުކަޒަކަށް ރޭގަނޑުގެ ވަގުތެއްގައި ޑްރޯން ހަމަލާތަކެއް ދީފައިވެއެވެ.
🇺🇸 -
އެމެރިކާގެ މަނަވަރު 'ޔޫ.އެސް.އެސް ޖެރަލްޑް އާރް. ފޯޑް' ގައި ހުރި ދޮންނަ މެޝިނެއް ގޮވައިގެން ހިނގި ހާދިސާއެއްގައި ދެ ސިފައިންނަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް ސެންޓްކޮމް އިން ބުނެފިއެވެ.
🇫🇷🛢 -
ފަރަންސޭސިވިލާތުގެ 'ޓޯޓަލް އެނާޖީސް' ކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދާ ތެލާއި ގޭހުގެ 15 އިންސައްތަ މަސައްކަތް ވަގުތުން ހުއްޓާލައިފިއެވެ.
🇺🇸🇮🇱 -
އެމެރިކާގެ މިޝިގަންގައި ހުންނަ ޔަހޫދީ ފައްޅިއަކަށް ބަޑީގެ ހަމަލާތަކެއް ދީފިއެވެ.
🛢 - 2022 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ.
🇺🇸🇱🇧🇮🇱 -
ލުބުނާނާއި އިސްރާއީލާ ދެމެދު ވެފައިވާ ކަނޑުގެ ސަރަހައްދުގެ އެއްބަސްވުމުން ވަކިވުމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
🇫🇷🇮🇶 -
އަރުބީލްގައި ހުންނަ ފަރަންސޭސި އަސްކަރީ މަރުކަޒަށް އަމިއްލައަށް ގޮވާލާ ޑްރޯންތަކަކުން ހަމަލާދީ، ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ ހަތް މީހުން ޒަޚަމްވެއްޖެއެވެ.
🇺🇸🇮🇶 -
އިރާގުގެ ހުޅަނގު ސަރަހައްދަށް އެމެރިކާގެ ތެޔޮ އަޅާ ބޯޓެއް ވެއްޓިއްޖެއެވެ. އިރާގުގެ ޖަމާއަތްތަކުން ބުނާ ގޮތުގައި އެ ބޯޓަށް ހަމަލާދީ ވައްޓާލީ އެމީހުންނެވެ.
🇺🇸🇮🇷🇸🇦 -
އީރާނުގެ ހަމަލާތަކުގައި ޒަޚަމްވި އެމެރިކާގެ 19 ސިފައިން ސައޫދީ އަރަބިއްޔާއިން ޖަރުމަނަށް ބަދަލުކޮށްފިއެވެ.
🇺🇸🇮🇷 -
އެމެރިކާގެ މަނަވަރު 'ޔޫ.އެސް.އެސް އެބްރަހަމް ލިންކަން' އާ މާ ކައިރިން ދަތުރުކުރި އީރާނުގެ އުޅަނދަކަށް އެމެރިކާގެ ހެލިކޮޕްޓަރަކުން ދެ މިސައިލް ހަމަލާ ދީފިއެވެ.
🇺🇸🇮🇷 -
އީރާނު ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ ހަތިޔާރުގެ ރިޒާވުން 'އަހަރުތަކަކަށް' ބޭނުންވާނެ މިންވަރުގެ ހަތިޔާރު ހުސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހާއްސަކޮށް ޓޮމަހޯކް މިސައިލާއި ޕެޓްރިއަޓް މިސައިލް މަދުވުމުން އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.





































































































