މާރިޗު 7، އީރާނު ހަނގުރާމަ އަށްވަނަ ދުވަހުގެ ޚުލާޞާ
- haqqubooks

- 4 days ago
- 1 min read

އީރާނުން އިސްރާއީލަށް ދޭ ހަމަލާތައް މިހާރު ވަނީ މަދުވެފައެވެ. މިގޮތުން ކޮންމެ ހަމަލާގެ ބުރެއްގައި ފޮނުވާލަނީ 1 ނުވަތަ 2 ބެލިސްޓިކް މިސައިލެވެ. ނަމަވެސް، ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް އަދިވެސް ކުރިއަށްދާއިރު، މި ހަމަލާތައް މިހާރު މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ތެލުގެ އިންފްރާސްޓްރަކްޗަރަށެވެ. ހަމައެއާއެކު، ލުބުނާނު ބޯޑަރު ކައިރިއަށާއި އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ޖަމާވެފައިވާ އިސްރާއީލް ސިފައިންނަށް ހިޒްބުﷲ އިން ދަނީ މެދުނުކެނޑި ހަމަލާދެމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގައި ކޮންމެ ގަޑިއަކު ކަހަލަ ގޮތަކަށް ވަނީ ނުރައްކަލުގެ ރަނގަބީލު ޖަހާފައެވެ.
🇺🇸 -
ކުވައިތުގައި ހުރި އެމެރިކާގެ އިތުރު ސިފައިންގެ މީހަކު "ޞިއްޙީ ކުއްލި ހާލަތަކާ" ގުޅިގެން މަރުވެފައިވާކަން އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ވަނީ އިއުލާނުކޮށްފައެވެ. މިއާއެކު މިހާތަނަށް މަރުވި އެމެރިކާ ސިފައިންގެ ޖުމްލަ އަދަދު ވަނީ 7 އަށް އަރާފައެވެ.
🇱🇧🇮🇱 -
ލުބުނާނުގެ ދެކުނު ބޯޑަރު ކައިރީގައި ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލުގެ އިތުރު ދެ ސިފައިން ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
🇾🇪🇸🇦 -
ޔަމަނުގެ ތެރެއިން ޙޫޘީން ވަނީ ސައުދީ އަރަބިއްޔާގެ ޝައިބާ ތެޔޮ މަރުކަޒަށް އަމާޒުކޮށް 7 ޑްރޯން ފޮނުވާލާފައެވެ.
🇸🇦 -
ސައުދީ އަރަބިއްޔާއިން އީރާނަށް އިންޒާރު ދެމުން ބުނެފައިވަނީ، އެ ގައުމަށާއި އެ ގައުމުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން އީރާނުން ކުރިއަށް ގެންދާނަމަ، އޭގެ ރައްދު ދިނުމަށް ރިޔާޟަށް މަޖުބޫރުވާނެ ކަމަށެވެ.
🇮🇱 -
އިސްރާއީލުގެ ހޯމް ފްރަންޓް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، މިސައިލް އެރުމުގެ ކުރިން ނުރައްކަލުގެ އިންޒާރު (ސައިރަން) ލިބޭނެ ކަމުގެ ޔަގީންކަން ދެން ނުދެވޭނެއެވެ.
🇰🇼 -
އީރާނުގެ ހަމަލާތަކާ ގުޅިގެން ކުވައިތުން ތެޔޮ އުފައްދާ މިންވަރާއި ތެޔޮ ސާފުކުރާ މިންވަރު މަދުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
🇮🇱 -
އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކުރާ ގޮތުގައި، އީރާނުގެ ކުރީގެ ރޫޙާނީ ލީޑަރުގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ މަރާލުމަށް އިސްރާއީލުން ދިން ހަމަލާއެއްގައި އޭނާ ވަނީ ޒަޚަމްވެފައެވެ. ނަމަވެސް އޭނާ އަދި ދިރިހުރި ކަމަށް ބުނެއެވެ.
🇱🇧 -
އިސްރާއީލުގެ ހަމަލާތަކާއި ތަންތަން ހުސްކުރުމަށް ދެމުންދާ އަމުރުތަކާ ގުޅިގެން، ލުބުނާނުގެ 450,000 އަށްވުރެ ގިނަ ރައްޔިތުން ވަނީ ގެދޮރު ދޫކޮށް ހިޖުރަކުރަން ޖެހިފައެވެ.
🇴🇲 -
ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓުވުމަށް އީރާނުން ކުރާ މަސައްކަތްތަކުގެ ތެރެއިން އިތުރު އުޅަނދަކަށް ވަނީ ހަމަލާދީފައެވެ. މިއާއެކު އީރާނުން ހަމަލާދިން އުޅަނދުފަހަރުގެ ޖުމްލަ އަދަދު މިހާރު ވަނީ 9 އަށް އަރާފައެވެ.





































































































