top of page
Featured Posts

”މިއީ ޤުރްއާނުގެ ބޭރުފުށުން ދޭހަވާ މާނަ ނަގައިގެން ޙުއްޖަތް ދައްކާ.......

  • --
  • 3 days ago
  • 2 min read

💥އިމާމް އަޙްމަދު (241ހ) ލިޔުއްވި ރިސާލާއެއް ރިވާކުރައްވަމުން އެކަލޭގެފާނުގެ ދަރިކަލުން ޞާލިޙު (265ހ) ވިދާޅުވިއެވެ:


”މިއީ ޤުރްއާނުގެ ބޭރުފުށުން ދޭހަވާ މާނަ ނަގައިގެން ޙުއްޖަތް ދައްކާ،

އަދި ރަސޫލާ صلى الله عليه وسلم އެއާމެދު ކުރެއްވި ތަފްސީރާއި އެއަށް ދަލީލުކުރެއްވި މާނަ ދޫކޮށްލާ،

އަދި ތަބަޢަވުން ލާޒިމްވާ ކަލޭގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުން ދޫކޮށްލި މީހުންނަށް ރައްދުދެއްވާ އަހަރެންގެ ބައްޕަ މަޖްލީހެއްގައި ލިޔުއްވި ފޮތެކެވެ.


އަބޫ ޢަބްދު ﷲ (އިމާމް އަޙްމަދު) ވިދާޅުވިއެވެ:

"ހަމަކަށަވަރުން ޘަނާ މަތިވެގެންވާ، އަދި އިސްމުފުޅުތައް މާތްވެގެންވާ ﷲ ތަޢާލާ, އެކަލާނގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ފޮނުއްވީ ހިދާޔަތާއި، ޙައްޤު ދީނާގެންނެވެ. އެއީ ހުރިހާ ދީނެއްގެ މައްޗަށް އެދީން ފާޅުކުރެއްވުމަށެވެ. މުޝްރިކުން ކިތަންމެ ނުރުހުނު ކަމުގައިވިޔަސްމެއެވެ.


އަދި އެކަލޭގެފާނަށް ތަބަޢަވީ ބަޔަކަށް ހިދާޔަތެއްކަމުގައި އަދި ނޫރެއްކަމުގައިވާނޭ ފޮތް ބާވައިލެއްވިއެވެ. އަދި އެކަލާނގެ ފޮތުގެ ބޭރުފުށުން ދޭހަވާ މާނައާއި އެތެރެފުށުންވާ މާނައާއި، ޚާއްޞަ އަދި ޢާއްމު މާނައާއި، ނާސިޚު އާއި މަންސޫޚުއިން އެކަލާނގެ މުރާދުކުރެއްވި ގޮތަކީ ކޮބައިކަމާއި، އެކަމަކަށްޓަކައި އެފޮތުން ޤަޞްދުކުރެވުނު ކަންތައް ދައްކައިދެއްވާ މީހަކީ އެކަލާނގެ ރަސޫލާ ކަމުގައި ލެއްވިއެވެ.


ދެންފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم ވީ ﷲ ފޮތް ތަޢުބީރުކޮށްދެއްވާ، އަދި އެފޮތުގެ މާނަތައް ދައްކައިދެއްވާ ކަލޭގެފާނު ކަމުގައިއެވެ.


ﷲ އެކަލާނގެ ނަބިއްޔާގެ ޞަޙާބީންކަމުގައި ލެއްވުމަށް ރުއްސަވާ އިޚްތިޔާރުކުރެއްވި އެކަލޭގެފާނުގެ އަޞްޙާބުން އެކަމަށް ހެކިވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުން އެބޭކަލުން ނަޤުލުކުރެއްވިއެވެ.


ދެންފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم އާމެދު، އަދި ޤުރްއާން އެކަމަކަށްޓަކައި ޤަޞްދުކުރެވުނު ކަންތަކަކީ ކޮބައިކަމާމެދު އެކަލޭގެފާނު ޚަބަރުދެއްވި މާނާއާމެދު މީސްތަކުންގެ ތެރެއިން އެންމެ ބޮޑަށް ޢިލްމު ލިބި ދަނެގެންވާ މީހުންނަކީ އެބޭކަލުންކަމުގައި ވިއެވެ.


ދެންފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلمގެ ފަހުން އެކަން ތަޢުބީރުކުރައްވާ މާނަކުރައްވާ ބަޔަކީ އެބޭކަލުންކަމުގައިވިއެވެ.


ޖާބިރު ބްނު ޢަބްދި ﷲ ވިދާޅުވިއެވެ:

"...ﷲ ގެ ރަސޫލާ صلى الله عليه وسلم އަހަރުމެންގެ ތެރޭގައި ހުންނަވަނިކޮށެވެ. އެކަލޭގެފާނުގެ މައްޗަށް ޤުރްއާން ބާވައިލެއްވުމުން ދަނިކޮށެވެ. އޭގެ މާނަ ދެނެވަޑައިގެންވަނީ އެކަލޭގެފާނެވެ. އެކަލޭގެފާނު ޢަމަލުކުރެއްވި ގޮތަކަށް އަހަރުމެން ޢަމަލުކުރަމެވެ."

ދެން ބަޔަކު މީހުން ބުނެފިއެވެ:

"ކިއެއްތަ، އަހަރުމެން ޢަމަލުކުރާނީ (ޤުރްއާނުގެ ބޭރުފުށުގެ ލަފްޒުން ތިމަންނާމެންނަށް ދޭހަވީ) ބޭރުފުށުގެ މާނައަށެވެ."


އަދި އެމީހުން ﷲ ގެ ރަސޫލާ صلى الله عليه وسلمގެ އަރިހުން ދަލީލުނެގުން ދޫކޮށްލާ،

އެކަލޭގެފާނުގެ އަޞްޙާބުންގެ ޚަބަރުތައްވެސް ޤަބޫލެއް ނުކުރިއެވެ.


ޚަވާރިޖުންނަށް އިބްނު ޢައްބާސް ވިދާޅުވިއެވެ:

"އަހަރެން ކަލޭމެންގެ ގާތަށް މިއައީ ﷲ ގެ ރަސޫލާ صلى الله عليه وسلمގެ އަޞްޙާބުންކަމުގައިވާ މުހާޖިރުންނާއި އަންޞާރުންގެ އަރިހުން،

އަދި ﷲ ގެ ރަސޫލާ صلى الله عليه وسلمގެ ބޮޑުބޭބެގެ ދަރިކަލުން އަދި ދަނބިދަރިކަލުންގެ އަރިހުންނެވެ.


ޤުރްއާން ބާވައިލެއްވުނީ އެބޭކަލުންގެ މައްޗަށެވެ.

ކަލޭމެންނަށްވުރެ މާބޮޑަށް އެޤުރްއާނުގެ މާނަ އެބޭކަލުން ދެނެވަޑައިގެންވެއެވެ.


ކަލޭމެންގެ ތެރޭގައި އެބޭކަލުންގެ ތެރެއިން އެކަކުވެސް ނެތެވެ."...“


📖 ޠަބަޤާތުލް ޙަނާބިލާ 📖

telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page