🇮🇱📄🇵🇸 ހިފާފައިވާ ހުޅަނގު އައްސޭރި އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުގެ ރޭވުމެއް އިސްރާއީލުން ފާސްކޮށްފި
- haqqubooks

- Feb 18
- 1 min read

ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމުގެ މިލްކުވެރިކަން ސާބިތުކޮށްނުދެވޭ ހާލަތްތަކުގައި، ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް އިސްރާއީލުގެ "ދައުލަތުގެ މިލްކިއްޔާތު"ގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅި ރޭވުމެއް އިސްރާއީލު ސަރުކާރުން ރަސްމީކޮށް ފާސްކޮށްފިއެވެ. މި ރޭވުމަކީ އިސްރާއީލުގެ ހަރުކަށި ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް އާއި، ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް އަދި ޖަސްޓިސް މިނިސްޓަރު ޔަރިން ލެވިން ގުޅިގެން ހުށަހަޅާފައިވާ ރޭވުމެކެވެ.
ސްމޮޓްރިޗް މި ނިންމުން ސިފަކޮށްފައިވަނީ މުޅި ބިމުގެ މައްޗަށް ބާރު ފޯރުވުމަށްޓަކައި ޔަހޫދީ އާބާދުވުންތައް އިތުރުކުރުމަށް ގެނެވޭ "އިންގިލާބެއް"ގެ ގޮތުގައެވެ. އަދި އިސްރާއީލުގެ އެހެން އިސް މަސްއޫލުވެރިންވެސް ވަނީ މުހިންމު ބޮޑެތި ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކޮށްފައެވެ.
މީގެ އިތުރުން، 1967 ވަނަ އަހަރު އުރުދުންގެ އަތުން އިސްރާއީލުން ހުޅަނގު އައްސޭރި ހިފި ފަހުން މެދުކަނޑާލާފައިވާ ބިމުގެ މިލްކުވެރިކަން ކަނޑައެޅުމުގެ މަސައްކަތްތައް މި ރޭވުމުގެ ދަށުން އަލުން ފެށުމަށް ވަނީ ނިންމާފައެވެ. ފަލަސްޠީނުގެ ސަރުކާރުން (ޕަލަސްޓީނިއަން އޮތޯރިޓީ) ވަނީ އިސްރާއީލުގެ މި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، މަސްރަހު އިތުރަށް ގޯސްވެގެންދާނެ ނުރައްކާތެރި ފިޔަވަޅެއް ކަމަށްވެސް އެ ސަރުކާރުން ވަނީ ބުނެފައެވެ.





































































































