”މަސައްކަތު މީހުން މަސައްކަތްކުރަން ބަހައްޓާފައި ތިބާ އެކަނި ނަމާދަށް ނުދާށެވެ.
- --
- Jan 29
- 1 min read

ބައެއް މީހުން ގޭގައި ނުވަތަ އޮފީސް ތަނެއްގައި މަސައްކަތެއްކުރަން ބަޔަކު މީހުން ގެނެސްފައި، ދެން ނަމާދު ވަޤުތުވުމުން އެމީހުން އެތަނަކަށް ދޫކޮށްލާފައި އޭނާ އެކަނި ނަމާދަށް ދެއެވެ.
މިއީ ޢާއްމު މުސްލިމުންނަށް ނަޞޭޙަތްތެރިވެ އިޚްލާޞްތެރިވުމާ ނުބައްދަލު ކެހިވެރިކަމެކެވެ.
ޙަދީޘްގައިވަނީ ދީނަކީ ނަޞޭޙަތްތެރިވުންކަމެވެ.
ކިއެއްތަ، މަސައްކަތް ހުއްޓުވާފައި އެމީހުންވެސް ތިބާއާއެކު ނަމާދަށް ގެންދާށެވެ.
އެމީހުންނަކީ މަޖޫސީން ނުވަތަ ހިންދީން ނުވަތަ އެނޫންވެސް ދީނެއްގެ ބަޔަކު ނަމަ، ބަންގިއާއި ޖަމާޢަތުގެ ވަޤުތުގައި މަސައްކަތް ހުއްޓުވާށެވެ.
އެއީ އަހަރުމެންގެ ދީނަށް، އަދި ދީނުގެ ޝިޢާރުތަކަށް ޤަދަރުހުރިކަން އަންގައިދީ، ހައިބަތު ގެއްލުވާލަ ނުދިނުމަށެވެ.
އިބްނު ހާނިއުގެ މަސާއިލުގައިވެއެވެ:
"އިމާމް އަޙްމަދު، ގިފިލި ސާފުކުރާ ބަޔަކު މީހުން ގިފިއްޔެއް ސާފުކުރަން މަސައްކަތަށް ނެންގެވިއެވެ.
ދެން މެންދުރު ނަމާދު ވަޤުތުވިހިނދު ޖަންކުޝަން ކައިރި ހުއްޓިވަޑައިގެން ވިދާޅުވިއެވެ:
"ޖަންކުޝަނުން ނިކުންނާށެވެ!
އަދި ވުޟޫކޮށް ނަމާދުކުރާށެވެ."
އެމީހުން ނިކުމެ ގައިދޮވެ ނަމާދުކޮށްފުމަށް ދާންދެން އެކަލޭގެފާނު އެމީހުން ދޫނުކުރައްވައެވެ."
📖 މަސާއިލު އިބްނު ހާނިއު 📖
ރިވެތި ނަމޫނާއަކީ މިއެވެ.
މި ޤަދަރުވެރި އިމާމު، ނަޖިސްތަކާއި ހަޑިތަކެތި ޖެހި ވަސްނުބައިވެފައިވާ މިތިބަ މީހުން ޖަންކުޝަނުން ނިކުމެ ފެންވަރާ ނަމާދުކޮށްފުމަށް ދާންދެން ދޫނުކުރައްވައެވެ.
އެކަމަކު އަހަރުމެން އެމީހުން ދޫކޮށްލަނީއެވެ. އެއީ މަސައްކަތުގެ ވަޤުތު ކުރުވިޔަ ނުދީ މަސައްކަތް ނިންމުމަށެވެ.
ދެންފަހެ މަސައްކަތްތަކުން ބަރަކާތްތައް ކެނޑިގެންދިޔައެވެ.
ނަމާދު ޤާއިމުކުރުމަށްޓަކައި ﷲ ގެ މަގުގައި ޖިހާދުކުރުމާއި ހަނގުރާމަކުރުން މެދުކަނޑާލަން އެކަލާނގެ އަމުރުކުރައްވާފައިވާނަމަ، އަދި ހަނގުރާމަ ހުއްޓާލެވެން ނެތް ޙާލު ދެފައިމަތީގައި ނުވަތަ ސަވާރުވެގެން ޤިބްލައަށް ކުރިމަތިލައިގެންވިޔަސް ނުލާ ވިޔަސް ނަމާދުކުރުމަށް އަމުރުކުރައްވާފައިވާނަމަ ދެންފަހެ ނަމާދަށްޓަކައި ތިބާގެ މަސައްކަތާއި މަސައްކަތު މީހުން ހުއްޓުވުން މާއައުލާ ނޫންހެއްޔެވެ؟“
-ނަޤުލުކުރެވިފައި-





































































































