މުއުމިނާގެ ނިޔަތް އޭނާގެ ޢަމަލަށްވުރެ މާ ބޮޑުވެގެންވެއެވެ.
- --
- Jan 19
- 2 min read

🍁 ޘާބިތު އަލްބުނާނިއްޔު (127ހ) ވިދާޅުވިއެވެ:
”މުއުމިނާގެ ނިޔަތް އޭނާގެ ޢަމަލަށްވުރެ މާ ބޮޑުވެގެންވެއެވެ.
ހަމަކަށަވަރުން މުއުމިނުއަޅާ، ރޭއަޅުކަންކުރުމަށާއި، ދުވާލު ރޯދަހިފުމަށާއި، އޭނާގެ މުދަލުން (ޞަދަޤާތް) ނެރުމަށް ނިޔަތްގަނެއެވެ.
ދެން އެކަމަކު އޭނާގެ ނަފްސު އެކަމަށް ތަންނުދީފާނެއެވެ.
ފަހެ އޭނާގެ ނިޔަތް އޭނާގެ ޢަމަލަށްވުރެ ބޮޑުވެގެންވެއެވެ.“
📖 ޙިލްޔަތުލް އައުލިޔާ 📖
🔹ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (728ހ) ވިދާޅުވިއެވެ:
”އެކަކަށްވުރެ ގިނަ ބޭކަލުން މިހެން ވިދާޅުވެފައިވެއެވެ. އަދި ބައެއް ބޭކަލުން މަރްފޫޢުކޮށް ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތްކޮށްވެސް ޛިކުރުކުރައްވައެވެ.
އޭގެ ބަޔާންވަނީ އެކި ގޮތްތަކުންނެވެ:
ފުރަތަމައީ: ޢަމަލެއްނެތި ހުސްއެކަނި ނިޔަތްވެސް އެއީ އެއަށް ޘަވާބު ލިބޭ އެއްޗެކެވެ.
އެކަމަކު ނިޔަތެއްނެތިވާ ޢަމަލަކަށް ޘަވާބެއް ނުލިބޭނެއެވެ.
އެހެނީ ޤުރްއާނާއި ސުންނަތާއި، އިމާމުންގެ އިއްތިފާޤުން ޘާބިތުވެގެންވަނީ ﷲ އަށް އިޚްލާޞްތެރިކަމެއްނެތި ހެޔޮ ޢަމަލުތަކެއް ކޮށްފި މީހާގެ ކިބައިން އެކަން ޤަބޫލު ނުކުރެވޭނެކަމެވެ.
އަނެއްކޮޅުން ދެ ޞަޙީޙުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް އެކި ގޮތްގޮތުން އައިސްފައިވެއެވެ:
"ހެޔޮކަމެއް ކުރަން ޤަޞްދުކޮށް ދެން އެކަން ނުކުރި މީހާ, ފަހެ އޭނާއަށް އެކަމުގެ ސަބަބުން ހެޔޮކަމެއް ލިޔެވޭހުއްޓެވެ."
ދެވަނައީ: ހެޔޮކަމަށް ނިޔަތްގަނެ، އަދި އޭނާއަށް ކުޅަދާނަވީ މިންވަރަކަށް އެކަމެއްކޮށް، ދެން އެޢަމަލު ފުރިހަމަކުރަން އޭނާ ނުކުޅެދުނަސް އެޢަމަލު (ފުރިހަމައަށް) ކުރި މީހާގެ އަޖުރު އޭނާއަށްވެއެވެ.
އެއީ ދެ ޞަޙީޙުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް އައިސްފައިވާ ގޮތަށެވެ:
"ހަމަކަށަވަރުން މަދީނާގައި ބަޔަކު މީހުން އެބަވެއެވެ. އެމީހުން ތިޔަބައިމީހުންނާއެކު ވާޙާލު މެނުވީ ތިޔަބައިމީހުން ތަނަކަށް ދަތުރުކޮށް، އަދި ވާދީއެއް ކަޑައްތުކޮށްފައިވެސް ނުވެއެވެ."
އެބޭކަލުން ދެންނެވިއެވެ:
"އެމީހުން މަދީނާގައި ތިއްބާތޯއެވެ؟"
ޙަދީޘްކުރެއްވިއެވެ:
"އެމީހުން މަދީނާގައި ތިއްބައެވެ. ޢުޛުރު އެމީހުން ހިފެހެއްޓީއެވެ."
އަދި އައްތިރްމިޛީ، އަބޫ ކަބްޝާ އަލްއަންޞަރީގެ ޙަދީޘް ޞައްޙަކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ހަތަރު މީހުންގެ ވާހަކަ ޛިކުރުކުރައްވާ ޙަދީޘްކުރެއްވިއެވެ:
"ﷲ އެމީހަކަށް މުދަލާއި ޢިލްމުދެއްވާ، ދެން އޭނާ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި އެއިން ޢަމަލުކުރި މީހެކެވެ.
އަނެކަކީ ﷲ އެމީހަކަށް ޢިލްމު ދެއްވާ އެކަމަކު މުދާ ނުދެއްވާ މީހެކެވެ.
ދެން އޭނާ ބުނެއެވެ:
"މިވެނި އެވެނި މީހަކަށް ލިބިގެންވާ ތަކެތި އަހަރެންނަށްވެސް ލިބިގެންވީނަމަ އޭނާ ޢަމަލުކުރާ ފަދައިން އަހަރެންވެސް ޢަމަލުކުރީހެވެ."
ފަހެ އެދެމީހުން އަޖުރުގައިވަނީ އެއްވަރުވެގެންނެވެ.
އަނެކަކީ ﷲ އެމީހަކަށް މުދާ ދެއްވާ އެކަމަކު ޢިލްމު ނުދެއްވާ މީހެކެވެ. ދެން ﷲ އަށް އުރެދުމުގައި އޭނާ އެއިން ޢަމަލުކުރެއެވެ.
އަނެކަކު އެއީ ﷲ އޭނާއަށް މުދަލެއްވެސް އަދި ޢިލްމެއްވެސް ނުދެއްވި މީހެކެވެ. ދެން އޭނާ ބުނެއެވެ:
"މިވެނި އެވެނި މީހާއަށް ލިބިގެންވީ ތަކެތި އަހަރެންނަށް ލިބިގެންވީނަމަ އޭނާފަދައިން އަހަރެންވެސް ކަންތައްކުރީހެވެ."
ފަހެ އެދެމީހުންވަނީ ފާފައިގައި ހަމަހަމަވެގެންނެވެ."...
އަދިވެސް ޙަދީޘްކުރެއްވިއެވެ:
"އަޅާ ބަލިވެއްޖެނަމަ ނުވަތަ ދަތުރަކު ނިކުމެއްޖެނަމަ, އޭނާ ގަދަވެ ސަލާމަތުން ރަށުގައި ޤާއިމުވެގެންހުރެ ކުރަމުންދިޔަ ޢަމަލުތައް އޭނާއަށް ލިޔެވެމުންދާނެއެވެ."
މިއަށްވާ ހެކިތައް ގިނަވެގެންވެއެވެ.
ތިންވަނައީ: ހިތަކީ ހަށިގަނޑުގެ ރަސްގެފާނެވެ. އަދި ގުނަވަންތަކަކީ އޭގެ ސިފައިންނެވެ.
ދެންފަހެ ރަސްގެފާނު ރަނގަޅުވެއްޖެނަމަ ސިފައިން ރަނގަޅުވެދެއެވެ. ރަސްގެފާނު ނުބައިވެއްޖެނަމަ ސިފައިންވެސް ނުބައިވެއެވެ.
ނިޔަތަކީ ރަސްގެފާނުގެ ޢަމަލެކެވެ. އެއާ ޚިލާފަށް ބޭރުފުށުގެ ޢަމަލުތަކަކީ ސިފައިންގެ ޢަމަލުތަކެވެ.
ހަތަރުވަނައީ: ފާފައެއްކުރަން ނުކުޅެދިގެންވާ މީހާގެ ތައުބާވުން އަހުލުއްސުންނާގެ ގާތުގައި ޞައްޙަވެގެންވެއެވެ.
ޛަކަރު ބުރިވެފައިވާ މީހާ ޒިނޭކުރުމުން ތައުބާވުން ޞައްޙަވާގޮތަށެވެ.
އަދި ދޫ ބުރިވެފައިވާ މީހާ ޤަޛްފުކުރުމާއި އެނޫން ކަންކަމުން ތައުބާވުން ޞައްޙަވާ ގޮތަށެވެ.
ތައުބާވުމުގެ އަޞްލަކީ ހިތުގެ ޢަޒުމެވެ. މިއީ ނުކުޅެދުމާއެކުވެސް ޙާޞިލުވާ ކަމެކެވެ.
ފަސްވަނައީ: ނިޔަތަކީ އެއަށް ފަސާދަ ވަންނަ އެއްޗެއް ނޫނެވެ. ބޭރުފުށުގެ ޢަމަލުތަކާ ޚިލާފަށެވެ. އެހެނީ ނިޔަތުގެ އަޞްލަކީ ﷲ އާއި އެކަލާނގެ ރަސޫލާދެކެ ލޯބިވުމާއި، އެކަލާނގެ ވަޖްހުފުޅު އެދުމެވެ.
މިކަން އޭގެ ޒާތުގައި މިއީ ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހުގައި ލޮބުވެތިވެގެންވާ، އަދި ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހުން ރުހުން ލިބިގެންވާ ކަމެކެވެ.
އަނެއްކޮޅުން ބޭރުފުށުގެ ޢަމަލުތަކަށް ގިނަގުނަ އާފާތްތަކެއް ވަދެއެވެ.އަދި އެ އާފާތްތަކުން ސަލާމަތްނުވާ ޢަމަލުތަކެއް ޤަބޫލުވެވިގެން ނުވެއެވެ.
މިހެންވެ ހުސްއެކަނި ހަށިގަނޑުގެ (ބޭރުފުށުގެ) ޢަމަލުތަކަށްވުރެ ހުސްއެކަނި ހިތުގެ ޢަމަލުތައް މާ މަތިވެރިވެގެންވެއެވެ.
ބައެއް ސަލަފުން ވިދާޅުވިގޮތަށެވެ:
"މުއުމިނުއަޅާގެ ބާރުވަނީ އޭނާގެ ހިތުގައިއެވެ. އޭނާގެ ބަލިކަށިކަންވަނީ އޭނާގެ ޖިސްމުގައިއެވެ.
އަނެއްކޮޅުން މުނާފިޤު މީހާގެ ބާރުވަނީ އޭނާގެ ހަށިގަނޑުގައިއެވެ. އޭނާގެ ބަލިކަށިކަންވަނީ އޭނާގެ ހިތުގައިއެވެ." “
📖 މަޖްމޫޢުލް ފަތާވާ 📖





































































































