އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ގާޒާގެ އާބާދީ ހައެއް އިންސައްތަ ދަށަށް ގޮސްފި
- haqqubooks

- Jan 2
- 1 min read

🇵🇸📉
ފަލަސްތީނުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (ޕީސީބީއެސް) އިން ހާމަކުރި ގޮތުގައި، މީގެ 15 މަސް ކުރިން އިސްރާއީލުން ގާޒާއަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ އާބާދީ ވަނީ ހައެއް އިންސައްތަ ދަށަށް ގޮސްފައެވެ. ޕީސީބީއެސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ގާޒާ ދޫކޮށް އެއްލައްކައެއްހާ މީހުން ގޮސްފައިވާއިރު، 55,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައިވާ ކަމަށް ބެލެވިފައެވެ. މީގެ ތެރޭގައި މަރުވިކަން ކަށަވަރުވެފައިވާ 45,500 މީހުން ހިމެނޭއިރު، އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން 11,000 ފަލަސްތީނު ރައްޔިތުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
މި ހާދިސާތަކުގެ ސަބަބުން ގާޒާގެ އާބާދީން 160,000 މީހުން ވަނީ މަދުވެފައެވެ. މިއީ މުޅި އާބާދީގެ ހައެއް އިންސައްތައެވެ. ނަމަވެސް، އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ މި ތަފާސްހިސާބުތަކަކީ "އިސްރާއީލު ބަދުނާމުކުރުމަށް" އުފައްދާފައިވާ ދޮގު މައުލޫމާތުތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ. އަދި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، އެ ގައުމުން ބުނަމުންދަނީ ހަމަލާތައް ދެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.



































































































