top of page
Featured Posts

”ބުއްދިއަށް ނަފްސުތަކުން އަސަރުކުރުން ވަކިކޮށް އިޞްލާޙުކުރުން:

  • --
  • Feb 15
  • 2 min read

އިޞްލާޙުކުރަން އުޅޭ މީހާ، މީސްތަކުންގެ ކިބައިގައިވާ ގޯސްތައް އިޞްލާޙުކުރާހިނދު ވާޖިބުވެގެންވަނީ:


އެމީހުންގެ ނަފްސުތައް ބުއްދިތަކުން ވަކިކޮށް އެއްކިބާކުރުމެވެ. އެއީ ނަފްސު ބުއްދީގެ މައްޗަށް (އެއްކޮށް) ވެރިވިޔަ ނުދިނުމަށެވެ.


އެ ނަފްސަކީ އިންސާނާގެ މައްޗަށް އަނިޔާވެރި ވަރުގަދަ ނަފްސަކަށްވިޔަސް، އަދި ކުށްތަކާއި ޙަރާމްކަންކަން ކުރާ ޙާލު އެނަފްސުގެ އަނިޔާވެރިކަމުގައި ދެމިހުއްޓަސްމެއެވެ.


ނަފްސު ބުއްދި ފަސާދަކޮށް ކިލަނބުކޮށްލުމުން ބުއްދި ސަލާމަތްވެގެންވާހާ ހިނދަކު އެހިނދުން ކަންކަން ލުއިވެގެންވެއެވެ.


އެގޮތުން ނަފްސާއި ބުއްދިއާ ދެމެދު މަސްހުނިވެ އެއްވުމެއް ނުހިނގައެވެ.

އެހެންވެއްޖެނަމަ ނަފްސުން ޝަހުވަތް ނިކުންނަހިނދު، ދެން ބުއްދިން އެކަން ޝުބުހައެއް ގޮތުގައި ނެރެއެވެ.


މީސްތަކުންގެ ޢަމަލުތަކުން ކުށްތައް ކުރާ ޙާލު، އެމީހުން ކުރަމުން އަންނަ ކުށްތައް ދޫނުކޮށް އަދި ބަސް އަޑުނާހާ ޙާލު ވަނިކޮށް އިޞްލާޙު ކުރާ ގިނަ ބަޔަކަށް ފެނެއެވެ.

ދެން އިޞްލާޙުކުރާ މީހާއަށް ފޫހިކަމާއި ނާއުއްމީދު އައިސް އެމީހުން ދޫކޮށްލައެވެ.


އެއީ އެމީހުން އެ ކުށްތައް ކުރަނީ ބުއްދިން (އެކަން ރަނގަޅުކަމަށް) ބަލައިގަނެ ޤަބޫލުކުރުމެއް ނެތި، އަދި ހިތުންވެސް ޔަޤީންކުރުމެއްނެތި، ހުސްއެކަނި ޝަހުވަތުގެ ސަބަބުން، އަދި ހަށިގަނޑު ނަފްސަށް ކިޔަމަންކޮށްގެން ކަމުގައިވާ ޙާލުގައިއެވެ.


ވާޖިބުވެގެންވަނީ އޭނާގެ އިޞްލާޙުކުރުމުގައި ދެމިހުރުމެވެ.

އެހެނީ އެމީހުން ޝަހުވަތެއްގެ ގޮތުގައި ދެކިގެން އެކަން ކުރުމާއި، އެކަން ޝުބުހައެއްގެ ގޮތުގައި ނަގައިގެން ކުރުމާ ފަރަޤުވެއެވެ.


އަދި އެމީހުންގެ އެޢަމަލުތަކުގައި ނަފްސު އެކުވެ އެއްވެގެންވުމާއި، އެމީހުންގެ ބުއްދިތަކާ ނަފްސު އެއްވެ އެކުވެގެންވުމާވެސް ތަފާތުވެއެވެ.


އިޞްލާޙުކުރާ މީހާ އިޞްލާޙުކުރުމުގައި ދެމިހުރުމަކީ އެތެރެފުށުން އެމީހުން (އެ ޝަހުވަތް ނުބައިކަމެއްގެ ގޮތުގައި ދެކޭގޮތަށް ބުއްދިއާއި ނަފްސު) ވަކިވެގެންވުން ރައްކާތެރިކޮށްދޭ ކަމެކެވެ.

ބޭރުފުށުން އެމީހުން އެ ކުށްތައް ކުރުމުގައި ދެމިހުރެ ކުރިއަށް ގެންދިޔަޔަސްމެއެވެ.


އަދި ފަހަރެއްގައި އިޞްލާޙުކުރުމުގައި ދެމިހުރުމަކީ: ބޭރުފުށުން އެކަންކަން ކުރުމުގައި ދެމިހުރުމާއެކު އެތެރެފުށް އެގޯސްތަކުން ވަކިކޮށްލާގޮތަށް ބަދަލުކޮށްލާ ކަމަކަށްވެދާނެއެވެ.


އެހެނީ އިންސާނާ ކުށްތަކާއި މަގުފުރެދުން ދޫކޮށްލާ އެނބުރުމުގެ ފެށުމަކީ އޭނާގެ އެތެރެފުށުން އެކަންކަމާ ވަކިވުމެވެ. ދެން ބޭރުފުށް ތަބަޢަވެގެން އާދެއެވެ.

އަދި ނަފްސާއި ބުއްދީގެ ކުރިމަތިލުން، ނަފްސުގެ ބާރުހުރި މިންވަރެއްގެ މައްޗަށް ދެމިއޮވެއެވެ...


މީސްތަކުން ނުބައި ކަންތައްކުރުމަކީ އަދި ޙައްޤުގެ މައްޗަށް ބާޠިލު ގަދަވެގެންވުން ކަމުގައި ނުވާނެއެވެ!

އެމީހުން އެކުރަނީ ހެޔޮ ރަނގަޅު ކަންކަންކަމުގައި ދެކި ޤަބޫލުކޮށްގެން އެކަންކަން ކޮށްފުމަށް ދާންދެނެވެ.


އަޙްމަދު ބްނު ޙަންބަލުއަށް ދެންނެވުނެވެ:

"ޙައްޤުގެ މައްޗަށް ބާޠިލު ފާޅުވެ ގަދަވެއްޖެއެވެ!"


އެހިނދު ވިދާޅުވިއެވެ:

"ޙައްޤުގެ މައްޗަށް ބާޠިލުވެ ފާޅުވެ ގަދަވުމަކީ: ހިތްތައް ހިދާޔަތުން މަގުފުރެދުމަށް ބަދަލުވުމެވެ.

އެކަމަކު އަހަރުމެންގެ ހިތްތައް އަދިވަނީ ޙައްޤުގެ މަތީގައި ހަރުލައި ހިފެހެއްޓިގެންނެވެ."


އޭގެ ރަޙިމުން ރައުޔުތައް އުފެދިގެން އަންނަ ޝަހުވަތްތައް، ބުއްދިވެރިންނާއި ޢިލްމުވެރިންނާއި ތޫނުފިލި މީހުންގެ ގާތުގައި އެއަށް އިމެއް ޙައްދެއް ނުވެއެވެ.


އެގޮތުން ނަފްސުގައި ވަރުގަދައަށްވާ ކޮންމެ ޝަހުވަތެއްވެސް ބުއްދިއަށް އަސަރުކުރުވައިގެން ޝުބުހައެއް އުފެއްދުމުގެ ކުޅަދާނަކަންވެއެވެ.

އޭގެ ނަތީޖާ ނިކުންނާނީ ބުއްދީގެ ބާރާއި ނަފްސުގެ ބާރު އަޅާކިޔާ އެއޮތް މިންވަރަކުންނެވެ.


ބުއްދިއަށް އެއިން އެންމެ ވަރުގަދައަށް އަސަރުކުރާ ނަފްސުގެ ޝަހުވަތްތަކަކީ ޖާހާއި މަޤާމުގެ ޝަހުވަތާއި، މުދަލާއި ފައިސާގެ ޝަހުވަތާއި، ފިރިހެނުން އަންހެނުންނަށް ލެނބޭ ޝަހުވަތާއި، އަންހެނުން ފިރިހެނުންނަށް ލެނބޭ ޝަހުވަތެވެ.


މިހުރިހާ ޝަހުވަތްތައް އެއް ދިމާލެއްގައި ޖަމަޢަވެއްޖެނަމަ, އެހިނދު ނަފްސުގެ އަތްގަދަކުރުން ވަރުގަދަވެ، އޭގެ އަސަރު ބޮޑުވެގެންވެއެވެ.


އެހެންގޮސް ބުއްދީގައިވާ ޢިލްމާއި މަޢުރިފާއާއި ތޫނުފިލިކަން މަކަރުވެރިކަމާއެކު ރޭވުން ބޭނުންކޮށްގެން އެޝަހުވަތްތައް އެއީ ދެކި ޤަބޫލުކުރާ ރައުޔުތަކެއްގޮތަށް ބަދަލުކޮށްލަން ބުއްދިން މަސައްކަތްކުރެއެވެ....


ބުއްދިއަށް އެންމެ ބޮޑަށް އަސަރުކުރާ ޝަހުވަތަކީ ޖާހާއި މަންޞިބުގެ ޝަހުވަތެވެ.

އަދި ބުއްދިއަށް އެންމެ ބަލިކަށިކޮށް އަސަރުކުރާ ޝަހުވަތަކީ ކާބޯތަކެތީގެ ޝަހުވަތެވެ...“


-ޝެއިޚު ޠަރީފީ-


📖 އަލްފަޞްލު ބައިނައް ނަފްސި ވަލްޢަޤްލު 📖


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2026

bottom of page