”އެކަކަށްވުރެ ގިނަ މީހުންނާ އިނުމުގެ ޝަރުޠުތަކަކީ ކޮބާހެއްޔެވެ؟
- --
- Feb 9
- 2 min read

ޤުރްއާނަށް ބަލާއިރު އެކަކަށްވުރެ ގިނަ މީހުންނާ އިންނަން އެންމެ ޝަރުޠެއް ނޫނީ ނުވެއެވެ.
އަދި އެކަކަށްވުރެ ގިނަ މީހުންނާ އިނުން މަނާކުރާ އެންމެ ކަމެއް ނޫނީ ނުވެއެވެ.
އެގޮތުން ޝަރުޠަކީ: ތިބާއަށް އެއަންހެނާ ކަމުގޮސް ހިތްރުހި ރަނގަޅުވުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
فَٱنكِحُوا۟ مَا طَابَ لَكُم مِّنَ ٱلنِّسَاۤءِ مَثۡنَىٰ وَثُلَـٰثَ وَرُبَـٰعَۖ (النساء: ٣)
"އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހި ހިތާވާ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުންނާއެވެ. ނުވަތަ ތިން މީހުންނާއެވެ. ނުވަތަ ހަތަރު މީހުންނާއެވެ."
މީހަކު ހިތްރުހި ކަމުގޮސް ރަނގަޅުވާ ކަންކަން އެކަކު އަނެކަކާ ތަފާތުވެއެވެ.
އެގޮތުން ބުއްދިއާއި ފިކުރުހުރި އަންހެނާ ކަމުދާ މީހުންވެއެވެ.
އަނެކަކަށް ކަމުދަނީ ޅަފުރައިގެ ބިކުރުވެރި އަންހެން ކުއްޖާއެވެ. އެއީ އެކުއްޖާއާ ސަމާސާކޮށް އެކުއްޖާވެސް އޭނާއާ ސަމާސާކޮށް ކުޅެއުޅުމަށެވެ.
އަނެކަކަށް ކަމުދަނީ އުފުލަންޖެހޭ ޒިންމާތައް ކުޑަ އަންހެނާއެވެ. އެއީ އެކަނބުލޭގެ ނަފްސަށް ފުދޭނެވަރަށް މުދާހުރި އުޅޭނެތަންހުރި އަންހެނެކެވެ.
އެހެންކަމުން «ما طاب» (ހިތްރުހި ކަމުގޮސް ރަނގަޅުވާ) މިކަލިމަ އެވަނީ ފުރުސަތު ތަނަވަސްކޮށް ހުޅުވާލާފައިއެވެ.
ފިރިހެންމީހާގެ ކުޅަދާނަކަމާއި، ޙާލަތާއި، އޭނާގެ ރަހަޔަށް ކަމުދާކަހަލަ މީހަކު އިޚްތިޔާރުކުރުމަށް ހުއްދަދެއްވާފައިއެވެ.
ދެންފަހެ އެކަކަށްވުރެ ގިނަ މީހުންނާ އިނުން މަނާކުރާކަމެއްގެ ގޮތުގައި ޤުރްއާނުގައި ޛިކުރުކުރެވިގެންވަނީ ﷲ ތަޢާލާގެ މިބަސްފުޅުގައިވާ ކަންތަކެވެ:
فَإِنۡ خِفۡتُمۡ أَلَّا تَعۡدِلُوا۟ ) (النساء: ٣)
"ފަހެ ޢަދުލުވެރިނުވެވިދާނެކަމަށް ތިޔަބައިމީހުންނަށް ބިރުހީވާނަމައެވެ."
މި ބިރުގަތުމުގެ އަސާސަކީ ﷲ ޢައްޒަ ވަޖައްލަދެކެ ގަންނަ ބިރެވެ.
އެގޮތުން އިންސާނާ އޭނާގެ އަނބިންކުރެ އެކަކަށް މާބޮޑަށް ލެނބިދާނޭކަމަށް ވަރަށް ބޮޑަށް ބިރުގަތުމެވެ.
އެއީ އެކަލާނގެ ވަޙީކުރެއްވި ގޮތަށެވެ:
( وَلَن تَسۡتَطِیعُوۤا۟ أَن تَعۡدِلُوا۟ بَیۡنَ ٱلنِّسَاۤءِ وَلَوۡ حَرَصۡتُمۡۖ فَلَا تَمِیلُوا۟ كُلَّ ٱلۡمَیۡلِ فَتَذَرُوهَا كَٱلۡمُعَلَّقَةِۚ) (النساء: ١٢٩)
"ތިޔަބައިމީހުން ކިތަންމެ ވަރަކަށް އެދި ދަހިވެތިވިޔަސް، އަނބިންގެ މެދުގައި ޢަދުލުވެރިވުމަކަށް ތިޔަބައިމީހުންނަކަަށް ކުޅަދާނަވެގެނެއް ނުވާނެތެވެ. ފަހެ، ތިޔަބައިމީހުން (ވަކި އަންހެނަކަށް) މުޅިން ލެނބުމަކުން ނުލެނބޭށެވެ! އެލުވިފައިވާ މީހެއް ފަަދައިން (ދެން ހުރި އަނބި) ދޫކޮށްލާ ގޮތުގައެވެ."
ދެންފަހެ އިންސާނަކު އޭގައި ނުޖެހި ނުދާނޭ، ބައެއްކަހަލަ ލެނބުންތަކަކީ ފަހެ ޢަފޫކުރެވިގެންވާ ކަމެކެވެ. އެއީ އާޔަތުގެ މަފްހޫމް މުޚާލަފާގެ ދަލީލުން، އަދި އަނެއް އާޔަތުގައި ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅުންނެވެ:
(وَإِن تُصۡلِحُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ غَفُورࣰا رَّحِیمࣰا ) (النساء: ١٢٩)
"އަދި، ތިޔަބައިމީހުން އިޞްލާޙުކޮށް ތަޤުވާވެރިވާނަމަ، ފަހެ، ހަމަކަށަވަަރުން، ގިނަގިނައިން ފާފަފުއްސަވާ ރަޙުމްކުރައްވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ."
މިއަދު ކަންތައް އޮތްގޮތް ޘާބިތުކޮށްދެނީ: މިއަދު މިގަނެގެން އުޅޭ ބިރަކީ އަޞްލު ޢަދުލުވެރި ނުވެވިދާނޭތީވެ ގަނެގެން އުޅޭ ބިރެއް ނޫންކަމެވެ. އެކަމަކު އެއީ އަނބިމީހާދެކެ (ދޮށީ އަނބިދެކެ) ގަނެގެން އުޅޭ ބިރެއްކަމެވެ!
ބައެއް މީހުން ނަންދޭގޮތަށް «ދާޚިލީ ކަންކަމާ ބެހޭ ހޯމް މިނިސްޓަރެވެ.»
ދެންފަހެ މީސްތަކުން މިއަދު ކިޔާއުޅޭ އިތުރު ބައެއް ޝަރުޠުތައް، މިސާލަކަށް ކުޅަދާނަކަން، މިއީ ފިރިހެނާގެ ޙާލަތާއި އޭނާގެ ދިރިއުޅުމުގެ ފެންވަރާއި ކަންކަމުގެ މައްޗަށް ތަފާތުވާ ކަމެކެވެ.
އެގޮތުން އެންމެ އެޕާރޓުމަންޓަކުން ފުދޭ މީހުންވެއެވެ. އަދި އޭނާގެ ދެއަނބިން އެތަން ބަހާލައިގެން އުޅެން ހަމަ ރުހޭގޮތަށެވެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ذَ ٰلِكَ أَدۡنَىٰۤ أَن تَقَرَّ أَعۡیُنُهُنَّ وَلَا یَحۡزَنَّ وَیَرۡضَیۡنَ بِمَاۤ ءَاتَیۡتَهُنَّ كُلُّهُنَّۚ ) (الأحزاب: ٥١)
"އެކަނބަލުންގެ ލޯތަކަށް ފިނިކަން ލިބުމަށާއި، އެކަނބަލުން ހިތާމަނުކުރުމަށާއި، ތިބާ އެކަނބަލުންނަށް ދިން ތަކެއްޗާމެދު، އެކަނބަލުން އެންމެން ރުހުމަށް އެގޮތް ގާތްކަން ބޮޑެވެ."
އެހެންކަމުން އަންހެނާ ރުހި، އަދި ހުށަހެޅުނު ގޮތަށް ހިތްހަމަޖެހި ބަލައިގަނެއްޖެނަމަ, ދެން ﷲ ތަޢާލާ ތަނަވަސްކުރައްވާ ފުރުސަތު ދެއްވިކަމެއް އަހަރުމެން މީސްތަކުންނަށް ހަނިކޮށް ދަތިކުރަންވީ ކީއްވެހެއްޔެވެ؟
އަދި އެކަކަށްވުރެ ގިނަ މީހުންނާ އިނުމަކީ ރިޒްޤު ލިބުމުގެ ބާބުތަކުން ބާބެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ރިވާކުރެވޭ ގޮތަށެވެ:
"ތިޔަބައިމީހުން ކައިވެނި މެދުވެރިކޮށް ރިޒްޤު ހޯދަން އުޅޭށެވެ." “
-ޙާމިދު އަލްއިދްރީސީ-





































































































