top of page
Featured Posts

ރަނގަޅު މަސައްކަތަކީ ކޮބާ؟

Updated: Jan 19, 2021

ޝެއިޚުލް އިސްލާމް އިބްނި ތައިމިއްޔާ ( رحمه الله)


ތަރުޖަމާ: އުންމު ޝުޖާޢު (جزاها الله خير)

ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް މަނާ ކުރުމަކީ އެންމެ މުހިންމު ވާޖިބުތަކުގެތެރެއިން ހިމެނޭ ކަމެކެވެ. އަދި އެއީ، އެންމެ މަތިވެރި އަދި އެންމެ ބޮޑަށް ޙަމްދު ލިބިގެންވާ ޢަމަލްތަކުގެ ތެރެއިން ޢަމަލެކެވެ. ﷲތަޢާލާ ވަހީކުރެއްވިއެވެ. ”الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلا وَهُوَ الْعَزِيزُ الْغَفُورُ“ ”އެކަލާނގެއީ ތިޔަބައިމީހުން ކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާން ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ކަލާނގެއެވެ. އަދި، އެކަލާނގެއީ، ޢަޒީޒްވަންތަ ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.“ (ސޫރަތުލް މުލްކު 2)


އަލްފުދައިލް އިބްނި އިޔާޟް (ދެވަނަ ޤަރުނުގެ މައްކާގެ މަތިވެރި ޢިލްމުވެރިއެއް)، މިއާޔަތުގައި ބަޔާންކުރެވިފައިވާ ’ރަނގަޅު ޢަމަލު‘ ތަކާއި ބެހޭ ގޮތުން ވިދާޅުވިއެވެ.


”އެއީ، އެންމެ އިޚްލާޞްތެރި އަދި އެންމެ ހެޔޮ ޢަމަލުތަކެވެ. ހަމަކަށަވަރުން، ފުރިހަމަ އިޚްލާޞްތެރިކަމާއި އެކު އެއްވެސް ޢަމަލެއްކޮށް، އެހެން ނަމަވެސް ރަނގަޅު ނޫންކަމުގައިވާ ނަމަ، އެއީ ޤަބޫލުކުރެވޭނެ ޢަމަލެއް ނޫނެވެ. އަދި އެއީ މުޅިން ރަނގަޅު ޢަމަލަކަށްވެފައި އެހެންނަމަވެސް ފުރިހަމަ އިޚްލާޞްތެރިކަމާއި އެކުގައި ނޫންނަމަ ޤަބޫލެއް ނުކުރެވޭނެއެވެ. ﷲ އަށް ފުރިހަމައަށް އިޚްލާޞްތެރިވެ، ﷲ ގެ ޝަރީޢަތާއި އެއްގޮތަށް ކޮށްފިނަމަ އެޢަމަލެއް ޤަބޫލުކުރެވޭނެއެވެ. އިޚްލާޞްތެރި ޢަމަލަކީ، ހަމައެކަނި ﷲ އަށްޓަކައި ކުރެވޭ ޢަމަލެވެ. އަދި ރަނގަޅު ޢަމަލަކީ، ރަސޫލާ ( صلى الله عليه وسلم) ގެ ސުންނަތުގައިވާ ޢަމަލެވެ.“

ޞާލިޙު ޢަމަލުތަކުގެ ޝަރުޠުތަކުގެ ތެރެއިން ހިމެނެނީ، އެޢަމަލުތައް ހަމައެކަނި ﷲ ތަޢާލާއަށް ޚާލިޞްކޮށް ކުރުމެވެ. އެހެނީ، ﷲ ތަޢާލާއަށް އިޚްލާޞްތެރިކޮށް ކުރާ ޢަމަލެއް މެނުވީ އެކަލާނގެ ޤަބޫލު ނުކުރައްވައެވެ. ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރެއްވި ކަމަށް އަބޫ ޙުރައިރާ (رضي الله عنهم) ރިވާ ކުރައްވާފައިވާ ޙަދީޘްގައިވާ ފަދައިންނެވެ.


”ﷲތަޢާލާ ވަހީކުރެއްވިއެވެ: ތިމަން ﷲ އީ، އެފަރާތަކަށް އެހެން ބައިވެރިއަކު ބޭނުންފުޅުވެ ވޮޑިގެންނުވާ އިލާހެވެ. މީހަކު ޢަމަލެއް ކުރާ ކޮންމެ ފަހަރަކު، އެޢަމަލެއްގެ އެއްބައި ތިމަން ﷲ އަށް ޚާލިޞްކޮށް އަނެއްބައި ޚިޔާލީ ބައިވެރި ކޮށްފިނަމަ ތިމަން ﷲ އެޢަމަލަކުން ފުރިހަމައަށް ބަރީއަވެގެން ވަމެވެ. އަދި އެޢަމަލެއް އެއްކޮށްވަނީ، ތިމަން ﷲ އާއި ބައިވެރިކުރި ފަރާތަށެވެ.“


އިސްލާމްދީނުގެ އަސާސްކަމުގައިވާ ތަވްޙީދުގެ ފޮނިކަމަކީ މިއީއެވެ. މިއީ، ހުރިހާ ނަބިއްޔުން މެދުވެރިކޮށް ފޮނުއްވުނު ﷲ ގެ ދީނެވެ. އެކަލާނގެ އެންމެހާ މަޚްލޫޤުންތައް ޚަލްޤުކުރެއްވީ އެކަމަށްޓަކައެވެ. އަދި އެކަލާނގެ އަޅުތަކުންގެ މައްޗަށް އެކަލާނގެއަށްވާ ޙައްޤަކީ، އެބައިމީހުން ﷲ އަށް އެކަނި އަޅުކަން ކުރުމާއި އަދި އެއްވެސް އެއްޗެއް އެކަލާނގެއާއި ބައިވެރިނުކުރުމެވެ.


ﷲ އާއި އެކަލާނގެ ރަސޫލާ (صلى الله عليه وسلم) އެންގެވި ތަޤްވާވެރި ޢަމަލުތަކަކީ ހަމަ ކިޔަމަންތެރިވުމެވެ. ކިޔަމަންތެރިކަމުގެ ކޮންމެ ޢަމަލަކީ ޞާލިޙް ޢަމަލެކެވެ. އަދި އެއީ، ޝަރީޢަތާއި ސުންނަތުގައި އަންގަވާފައިވާ ޢަމަލެވެ. އެއީ، ވާޖިބު އަދި އެދެވިގެންވާ ޢަމަލްތަކުގެ ގޮތުގައި އަހަރެމެންނަށް އައިސްފައިވާ ހުރިހާ ކަންތަކެވެ. (އަލްއަމަލުއް ޞާލިޙް). އަދި އެއީ ރަނގަޅު (ހަސަން) ކަންތަކެވެ. އަދި އެއީ ޞާލިޙް (އަލްބިއްރު) އެވެ. އަދި އެއީ، ހުރިހާ ރަނގަޅެކެވެ. (އަލްޚައިރު). އޭގެ އިދިކޮޅަކީ، ނުކިޔަމަންތެރިކަމެވެ (މަޢްސިޔާ). އަދި ފަސާދަ ޢަމަލެވެ(އަލްޢަމަލުލް ފަސާދް). ނުބައި ޢަމަލްތަކެވެ.(އައްސައްޔިއާތު). ނުކިޔަމަންތެރިކަމެވެ. (އަލްފުޖޫރު). އަދި ހައްދުފަހަނަޅާ ދިއުން، (އަލްބަޤީޢު) އެވެ.


ކޮންމެ ޢަމަލެއްގައި ދެއެއްޗެއްވެއެވެ. ނިޔަތާއި ޙަރަކާތެވެ. (ޢަމަލެވެ.) އެހެންކަމުން ރަސޫލާ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ.


”އެންމެ ތެދުވެރި ނަންތަކަކީ ޙާރިޘް (އެއީ، ބިންގަނޑު ކޮންނަ މީހާއެވެ.) އަދި ހައްމާމް (ލަނޑުދަނޑިތައް ކަނޑައަޅާ އަދި އެލަނޑުދަނޑިތަކަށް ވާޞިލްވުމަށް އެދޭ މީހާ)އެވެ.“


ކޮންމެ މީހަކީ ބިން ކޮންނަ މީހެކެވެ. އަދި ލަނޑުދަނޑިތަކަށް އެދޭ މީހެކެވެ. އަދި އޭނާގެ ކިބައިގައި ނިޔަތްތައްވެއެވެ. އެހެންނަމަވެސް، ﷲ ތަޢާލާ ޤަބޫލުކުރައްވާ އެކަލާނގެ އަޖުރުދެއްވާ ޙަމްދުލިބިގެންވާ ނިޔަތަކީ، ޢަމަލެއް ކުރުމުގައި އެކަމުގެ ނިޔަތް ﷲ ތަޢާލާއަށް އެކަނި ޚާލިޞްކޮށްކުރެވޭ ނިޔަތްތަކެވެ.


ޙަމްދުލިބިގެންވާ ޢަމަލަކީ، ޞާލިޙް އަމަލެވެ. އަދި އެޢަމަލަކީ، އެކަމަކަށް އަހަރެމެންނަށް އަމުރުވެވިގެންވާ ޢަމަލްތަކެވެ. މިސަބަބަށްޓަކައި، ޢުމަރު ބުނުލް ޚައްޠާބް (رضي الله عنه) އެކަލޭގެފާނުގެ ދުޢާގައި މިފަދައިން ވިދާޅުވިއެވެ.


”ޔާ ﷲ! އަޅުގެ ހުރިހާ ޢަމަލެއް ޞާލިޙް ކުރައްވާނދޭވެ! އަދި އެހުރިހާ ޢަމަލެއް ހަމައެކަނި އިބަ ﷲ ގެ ވަޖުފުޅަށްޓަކައި ކުރެވޭ ޢަމަލުތަކެއްކަމުގައި ހައްދަވާނދޭވެ! އަދި އޭގައިން އެއްވެސް މިންވަރެއް އެހެން ފަރާތަކަށް ނުލައްވާންދޭވެ!“


މިއީ ހުރިހާ ޞާލިޙް ޢަމަލްތަކުގެ ޙާލަތެވެ. އަދި ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް މަނާކުރުމުގެވެސް ޙާލަތެވެ. އަދި އެކަން އެގޮތަށްވުމީ މުހިންމުކަމެވެ. (އެއީ، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރުމުގެ ޢަމަލު ވާންޖެހޭނީ ރަނގަޅު އަދި ޙަމްދުލިބިގެންވާ ކަމަކަށެވެ. އަދި އަހަރެމެންނަށް ފެނިފައިވާ ފަދައިން އޭގެ މާނައަކީ އެއީ ރަނގަޅު އަދި ހަމައެކަނި ﷲ އަށްޓަކައި ކުރެވުމެވެ. އެއީ ﷲ އަށް ކިޔަމަންވުމެވެ. އަދި އިތުރު އެހެން އެއްވެސް ގޮތަކަށް ފޮރުވިފައިވާ މަޤްޞަދެއް އެކުލެވޭ ޢަމަލެއްކަމުގައި އެކަން ނުވުމެވެ.)


އަޞްލު: ’އަލް-އަމްރު ބިލް-މަޢްރޫފު ވައް-ނަހީ އަލް-މުންކަރު‘ އިން ނެގި ތަރުޖަމާކުރެވިފައި.


www.haqqubooks.com

ކުރީގެ ކުލިކްފޯއިސްލާމްގެ ވެބްސައިޓްއިން ނެގިފައި

03 މާރޗް 2010

Click4islam


telegram_button_icon_151837.png
އެންމެ ފަހުގެ
telegram-channel.png

މިވެބްސައިޓުގައިވާ އެންމެހާ ތަކެއްޗަކީ ތާރީޚް ދިރާސާކުރުމަށާއި އިލްމުހާސިލް ކުރުމަށް ލެވިފައިވާ ތަކެއްޗެވެ. އަދި މިވެބްސައިޓުން އެއްވެސްކަހަލަ ފިތުނަވެރިކަމަކަށް ތާއީދެއްނުކުރަމެވެ. އެހެންކަމުން މިވެބްސައިޓްގައިވާ އެންމެހާ ފޮތްތަކާއި ވީޑިއޯއާއި އަދި އޯޑިއޯ ތަކަކީ އިސްލާމީ ތާރީޚް ދިރާސާކުރުމަށް ދޭއެހީތެރިކަމެކެވެ

www.haqqubooks.com

2014 - 2024

bottom of page