ޝުކުރުވެރިވުމާއި ގުޅޭ ގޮތުން ޞަޙާބީންނާއި ތާބިޢީންގެ ބަސްފުޅުތައް
- އައްރަޤާއިޤް
- Aug 21, 2018
- 2 min read
Updated: Jan 19, 2021
އިމާމް އިބްން ޤައްޔިމް އަލްޖައުޒިއްޔާ (رحمه الله)

ތަރުޖަމާ: އުންމު ޝުޖާޢު (جزاها الله خير)
ސަލްމާނުލް ފާރިސީ (رضي الله عنه) ވިދާޅުވިއެވެ.”ދުނިޔޭގައިވާ ހުރިހާ އުފާތަކެއް ލިބުނު މީހަކުވިއެވެ. އެއަށްފަހުގައި އޭނާގެ އަތުން އެތަކެތި ނެތިގެން ދިޔައެވެ. އެހެންނަމަވެސް، އޭނާގެ އަތުގައިވީ ހުރިހާ އެއްޗަކާއިއެކު އެންމެ ކުޑަމިނުން އޭނާގެ އެނދުވެސް އޭނާގެ އަތުން ގެންދެވެންދެން، އޭނާ ﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވުން މަތީގައި ދެމިހުއްޓެވެ. އެއަށްފަހުގައިވެސް އޭނާ، ﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވިއެވެ. އެހެން މީހަކުވިއެވެ. މީނާއަށްވެސް ދުނިޔޭގައިވާ ހުރިހާ އުފަލާއި ނިޢުމަތްތަކެއް ލިބުނެވެ. މީނާ ކުރިން ބުނެވިދިޔަ މީހާ ކައިރީގައި އެހިއެވެ. ”ކަލޭ ﷲއަށް ޝުކުރުވެރިވެ ޙަމްދުކުރަނީ ކޮންކަމަކަށް ހެއްޔެވެ؟“ އެމީހާ ޖަވާބު ދިނެވެ. ”އަހަރެން ﷲގެ ކިބަފުޅަށް ޙަމްދުކޮށް ޝުކުރުވެރިމިވަނީ، އެހެން މީހުންގެ އަތުގައި ހުރި ހުރިހާ އެއްޗެއްގެ ބަދަލުގައި އަހަރެންގެ އަތުގައި ހުރި އެއްޗެހިތައް ދިނުމަށް އަހަރެން ފަސްޖެހޭ ރަޙްމަތްތަކަށެވެ.“ ދެވަނަ މީހާ ސުވާލުކުރިއެވެ. ”އެއީ ކޮންކަންތަކެއް ހެއްޔެވެ؟“ ފުރަތަމަ މީހާ ބުންޏެވެ. ”ކަލެއަކަށް ނުފެނޭހެއްޔެވެ؟“ ”އަހަރެންނަށް އަހަރެންގެ ފެނުމާއި، ދުލާއި، އަތާއި، ފަޔާއި ..... ލިބިގެންވެއެވެ.“
މުޚައްލާދު އިބްނު އަލްހުސައިން (رحمه الله) ވިދާޅުވިއެވެ. ”ޝުކުރުވެރިވުމުގެ މާނައަކީ، ނުބައި ޢަމަލްތަކުން އެއްކިބާވުމެވެ.“ އަބޫ ހަޒަމް ވިދާޅުވިއެވެ. ”ﷲޢާއި ތިބާއާއި ގާތްނުކޮށްދޭ ކޮންމެ ނިޢުމަތަކީ މުޞީބާތެކެވެ.“ ސުލައިމާން ވިދާޅުވިއެވެ. ”ﷲ ދެއްވި ނިޢުމަތްތައް މަތީން ހަނދާންކުރުމުން، ﷲތަޢާލާދެކެ ލޯބިކުރުވައެވެ.“
ހައްމާދު އިބްން އިޔާދު ރިވާކުރައްވަނީ ލައިޘް ބިން އަބީ ބުރުދާ (رحمه الله) ވިދާޅުވިކަމަށްވެއެވެ. ”އަހުރެން މަދީނާއަށް ދިޔައީމެވެ. އެތަނުން އަހަންނާއި އަބްދު ﷲ ބިން ސަލަމް އާއި ބައްދަލުވިއެވެ.“ އަބްދު ﷲ ބިން ސަލަމް ވިދާޅުވިއެވެ. ”ﷲގެ ރަސޫލާ (صلى الله عليه وسلم )ޒިޔާރަތްކުރެއްވެވި ތަނަކަށް ޒިޔާރަތްކުރަން ބޭނުންހެއްޔެވެ؟ އަދި އެތަނުގައި އަހަރެމެން ތިބާއަށް ސާވިޤްއާއި ކަދުރު އަރުވާނަމެވެ.“ އެއަށްފަހު އޭނާ ވިދާޅުވިއެވެ. ”ޤިޔާމަތްދުވަހުގައި، ﷲތަޢާލާ މީސްތަކުން އެއްކުރައްވާ ހިނދުގައި، އެބައިމީހުންނަށް އެކަލާނގެ ދެއްވި ރަޙްމަތްތައް މަތިން ހަނދާންކުރުވާނެއެވެ. އެކަލާނގެ އަޅުތަކުންކުރެ އަޅަކު ބުނާނެއެވެ.“ ”އަޅުގަނޑަށް، ކަމެއްގެ މަތިން ހަނދާންކޮށްދެއްވާށެވެ.“ ދެން ﷲތަޢާލާ ވަހީކުރައްވާނެއެވެ. ”ކަލެއަށް މިވެނި އެވެނި މުޞީބާތެއް ޖެހި، ތިމަން ﷲއަށް ކަލޭ ދުޢާ ކުރުމުން ތިމަން ﷲ، ކަލޭ އެކަމުން ސަލާމަތްކުރެއްވި މަތިން ހަނދާންކުރާށެވެ. ކޮންމެވެސް ކޮންމެވެސް ތަނަކުން ކަލޭ ދަތުރު ކުރަމުން ދަމުން، ތިމަން ﷲ ގެ ހަޟްރަތުން ދަތުރުގެ ބައިވެރިއެއް ލިބުމަށް އެދުމުން ތިމަން ﷲ އެކަން ކޮށްދެއްވި މަތިން ހަނދާންކުރާށެވެ. ކަލޭ މިވެނި އަންހެން ކުއްޖަކަށް އެދުނު ހިނދުގައި، އެވަގުތު އެއަންހެން ކުއްޖާއަށް އެހެން މީހުންވެސް އެދިފައި ވަނިކޮށް ތިމަން ﷲ، ކަލޭ ކައިވެނި ކުރުމަށް އެކުއްޖާ ދެއްވާ އެހެން މީހުން ދުރުކުރެއްވި ކަމުގެ މަތިން ތިބާ ހަނދާންކުރާށެވެ.“ އެކަލާނގެ އަޅާ ހުންނާނީ، އެކަލާނގެ ކުރިފުޅު މަތީގައެވެ. އެކަލާނގެ އޭނާއަށް، އެކަލާނގެ ދެއްވި ގިނަ ގުނަ ނިޢުމަތްތައް މަތިން ހަނދުމަކޮށްދެއްވާނެއެވެ.“ ދެން މިވާހަކަ ކިޔައިދެއްވި ލައިޘް ބިން އަބީ ބުރުދާ (رحمه الله) ކީރިތި ކުރައްވަމުން ވިދާޅުވިއެވެ. ”އެއްވެސް މީހަކު މިފަދައިން ﷲ ގެ ކުރިފުޅުމަތީގައި ހުންނަން ނުޖެހޭނެ ކަމަށް އަހަރެން އުންމީދުކުރަމެވެ. އެހެނީ މިފަދައިންވާ މީހުންނަށް އަޒާބުދެވޭނެއެވެ.“ (އޭގެ މާނައަކީ، އެގި ފާޅުވެގެންވާ ކަންތައްތައް ހަނދުމަކޮށްދިނުމަށް ﷲތަޢާލާއަށް ޖެހިވަޑައިގެންނެވިނަމަ، މީގެ ހެއްކަކީ މީހަކަށް ޝުކުރުވެރި ނުވުމެވެ. އަދި އެފަދަ މީހާއަށް އަޛާބުދެވޭނެއެވެ.)
ބަކްރު ބިން އަބްދު ﷲ އަލްމުޒާނީ ވިދާޅުވިއެވެ. ”މީހަކަށް މުޞީބާތެއް ކުރިމަތިވުމުން، އޭނާއަށް ﷲއަށް އެދި ދުޢާކުރެވިދާނެއެވެ. އަދި ﷲ ތަޢާލާ، އޭނާ އެކަމަކުން ސަލާމަތްކޮށްދެއްވަވާފާނެއެވެ. ދެން ޝައިޠާނާ އެމީހާގެ ގާތަށް އައިސް ވަސްވާސްދެއެވެ. 'އެއީ ކަލޭ ހީކުރި ފަދަ ނުރަނގަޅުކަމެއް ނޫނެވެ.' އެހެންކަމުން، އެމީހާގެ ޝުކުރުވެރިވުން ބަލިކަށިވެއެވެ.“ ޒަޒާން ވިދާޅުވިއެވެ. ”ﷲގެ ނިޢުމަތްތަކުން އުފާ ލިބިގަންނަ މީހާއަށް، ﷲގެ މައްޗަށްވާ ހައްޤަކީ، އޭނާ ﷲދެއްވި ނިޢުމަތްތަކުން ނުބައި ޢަމަލްތައް ކުރުމަށް ބޭނުންނުކުރުމެވެ.“ ޢިލްމުގެ އަހުލުވެރިއަކު ވިދާޅުވިއެވެ. ”ﷲތަޢާލާ އަހަރެމެން، ދުނިޔަވީ އެދުންތަކުން ދުރުކުރައްވާފައި ވުމުގެ ނިޢުމަތަކީ، އެކަލާނގެ އަހަރެމެންނަށް ދެއްވި ނިޢުމަތްތަކަށްވުރެ މަތިވެރި ނިޢުމަތެކެވެ. އެހެނީ، އެކަލާނގެ ރަސޫލާ ( صلى الله عليه وسلم )މިދުނިޔޭގެ ނިޢުމަތްތައް ލިބިގަތުމަކަށް އެކަލާނގެ ރުހިވޮޑިއެއް ނުގަންނަވައެވެ. އެހެންކަމުން، އަހަރެން ޚިޔާރު ކުރާނީ، އެކަލާނގެ ނުރުއްސަވާ ދިރިއުޅުމެއް އުޅުމުގެ ބަދަލުގައި، ﷲ ތަޢާލާގެ އެކަލާނގެ ނަބިއްޔާ އުޅުއްވުމަށް ރުހިވަޑައިގެންނެވި ގޮތަށް އުޅުމަށެވެ.“
އިބްނު އަބީ ދުންޔާ (رحمه الله) ވިދާޅުވިއެވެ. ”ބައެއް ޢިލްމުވެރިން މިފަދައިން ވިދާޅުވިކަމަށް އަހަންނާއި ހަމައަށް އައިސްފައިވެއެވެ. "ދުނިޔެވީ އެދުންތަކުން އެބައިމީހުން މަޙްރޫމްކުރެވިފައިވާ ކަމަށްޓަކައި، ޢިލްމުވެރިޔާ ﷲއަށް ޙަމްދުކުރަންޖެހޭނެއެވެ. ހަމައެއާއި އެއްގޮތަށް، އޭނާއަށް ﷲދެއްވި ނިޢުމަތްތަކަށް އޭނާ ޙަމްދުކުރަންޖެހޭނެއެވެ. ނިޢުމަތްތަކާއި، އެކަންތަކާއިމެދުގައި ސުވާލުވެވޭނެ ދުނިޔެވީ އެދުންތަކާއި އަޅާ ކިޔާނީ ކިހިނެއްހެއްޔެވެ؟ ދުނިޔެވީ އެދުންތަކުން މަޙްރޫމްވުމީ، ހިސާބު ކުރެވެމުން ލިބޭ ހަމަޖެހުމެކެވެ އަދި އެކަމަކުން، ﷲތަޢާލާ މަތިން ހަނދުމަކޮށް އެކަލާނގެއަށް އަޅުކަން ކުރުމުގެ މިނިވަންކަން ސިކުނޑިއަށް ލިއްބައިދެއެވެ. އެހެން ކަމުން އޭނާ، ހުރިހާ ކަމަކަށް ﷲތަޢާލާއަށް ޝުކުރުވެރިވާންޖެހޭނެއެވެ.“
ބުނެވެއެވެ. ”ޝުކުރުވެރިވުމަކީ، ނުބައި ޢަމަލްތައް ދޫކޮށްލުމެވެ.“ އިބްނު އަލްމުބާރަކް (رحمه الله) ވިދާޅުވިއެވެ. ”ސުފްޔާން ވިދާޅުވިއެވެ: 'މުޞީބާތަކީ ރަޙްމަތެއް ކަމުގައި ނުދެކި އަދި ހަމަޖެހުމަކީ މުޞީބާތެއް ކަމުގައި ދެކޭ މީހާއަށް، ދީން ފުރިހަމައަށް ފަޙުމެއް ނުވެއެވެ.'“
www.haqqubooks.com
ކުރީގެ ކުލިކްފޯއިސްލާމްގެ ވެބްސައިޓްއިން ނެގިފައި
23 ފެބްރުއަރީ 2010
Click4islam