”ﷲ ގެ ރަސޫލާ صلى الله عليه وسلم އެންމެ ފުރަތަމަ އަތްކެނޑުއްވި މީހާގެ މަތިން އަހަރެން ހަނދާން އެބަހުއްޓެވެ....
- --
- Feb 15
- 1 min read

🔥އިބްނު މަސްޢޫދު (32ހ) ވިދާޅުވިކަމަށް ރިވާކުރެވެއެވެ:
”ﷲ ގެ ރަސޫލާ صلى الله عليه وسلم އެންމެ ފުރަތަމަ އަތްކެނޑުއްވި މީހާގެ މަތިން އަހަރެން ހަނދާން އެބަހުއްޓެވެ.
އެކަލޭގެފާނުގެ އަރިހަށް ވައްކަންކޮށްގެން މީހަކު ގެނެވުނެވެ. ދެން އޭނާގެ އަތްކެނޑުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ.
އެހިނދު އެކަލޭގެފާނުގެ މޫނުފުޅުގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ދެން އެބޭކަލުން ދެންނެވިއެވެ:
"އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު އޭނާގެ އަތްކަނޑުއްވަން ނުރުއްސަވާ ކަހަލައެވެ."
ޙަދީޘްކުރެއްވިއެވެ:
"އެހެން ނުވާންވީ ކީއްވެހެއްޔެވެ!؟ ތިޔަބައިމީހުންގެ އަޚާގެ މައްޗަށް ޝައިޠާނާއަށްހުރި ވާގިވެރިންތަކެއް ކަމުގައި ތިޔަބައިމީހުން ނުވާށެވެ.
ހަމަކަށަވަރުން ވެރިޔާގެ ގާތަށް ޙައްދު ކަނޑައެޅިގެންވާ ކަމެއް އައިސްފިނަމަ އެޙައްދު ޤާއިމުކުރުން މެނުވީ އެކަށީގެން ނުވެއެވެ.
ހަމަކަށަވަރުން ﷲ އީ ޢަފޫކުރައްވާ، އަދި ޢަފޫކުރެއްވުމަށް ލޯބިވެވޮޑިގެންވާ އިލާހެވެ.
ފަހެ އެބައިމީހުން ޢަފޫކޮށް މާފުކުރާހުށިކަމެވެ. ﷲ ތިޔަބައިމީހުންގެ ފާފަފުއްސަވާކަށް ތިޔަބައިމީހުން ލޯބިނުކުރަމުހެއްޔެވެ؟ ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމްކުރައްވާ އިލާހެވެ.“
📚 މުސްނަދު އަޙްމަދު، އަލްމުސްތަދްރަކު ލިލްޙާކިމު، މަކާރިމުލް އަޚްލާޤު ލިލްޚަރާއިޠީ، ތަފްސީރު އިބްނު އަބީ ޙާތިމު 📚
🔹ޝަރަޙާގައިވެއެވެ:
”ﷲ ގެ ރަސޫލާ صلى الله عليه وسلمގެ މޫނުފުޅުގެ ކުލަވަރު ބަދަލުވީ އެހެނީ އޭނާގެ މައްސަލަ އެކަލޭގެފާނަށް ހުށަހެޅުމުގެ ކުރިން އޭނާއަށް މާފުކޮށް ޢަފޫކޮށްގެންވުމަށް އެކަލޭގެފާނު ލޯބިކުރެއްވިއެވެ.
އެގޮތް އެމީހުންނަށާއި އޭނާއަށް ހެޔޮވެގެންވެއެވެ.
އެހެނީ ﷲ ޢައްޒަ ވަޖައްލަވަނީ ޢަފޫކޮށް މާފުކޮށް ދޫދިނުމަށް ބާރުއަޅުއްވާ ހިތްވަރުދެއްވާފައިއެވެ.
އެކަމަކު މައްސަލަ އެކަލޭގެފާނާ ހަމައަށް ހުށަހެޅުމަށްފަހު ދެން ކޮންމެހެންވެސްވަނީ ޙައްދު ޤާއިމުކުރުމެވެ.“
📖 އަލްފަތުޙުއް ރައްބާނީ 📖





































































































